އެ ކެޕްޝަންގެ ތިރީގައި ވަނީ އަސްލު ފޮޓޯތަކެއް އެޑިޓް ކޮށްގެން ހަދާފައިވާ ތިން ފޮޓޯއެވެ. ފުރަތަމަ ފޮޓޯއިން ފެންނަނީ ރާއްޖެއަށް މިހާތަނަށް ފުޓްބޯޅައިން އެންމެ ފުރަތަމަ ލިބުނު ތަށި ކަމަށްވާ, ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާތަނެވެ. މެދުގައި އިން ފޮޓޯއިން ފެންނަނީ ކުޑަވާ އިނގިލި ބިނދިފައިވާ ވާ އަތެވެ. ދެން އިނީ މެޗް ފެށުމުގެ ކުރިން ރާއްޖޭގެ ގައުމީ ސަލާމް ކިޔުމަށް މޭމަތީގައި އަތްއަޅައިގެން ހުރި ފޮޓޯއެކެވެ.
މިއީ ދިވެހި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު, އަދި އެންމެ ކާމިޔާބު ފުޓްބޯޅަ ކީޕަރު ކަމަށްވާ, އިމްރާން މުޙައްމަދުގެ ކެރިއަރާއި ގައުމަށް ކޮށްދިން ޚިދުމަތް އެންމެ ކުރުކޮށް ސިފަ ވާނެ ތިން ފޮޓޯއެވެ. އެކަމަކު މި ފޮޓޯތަކާއެކު އޭނާ ލިޔެފައިވާ ދިގު ކެޕްޝަން އަދި މާ އަސަރު ގަދައެވެ.
މީގެ ނުވަ އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ, މިހާރު އުމުރުން 44 އަހަރުގެ އިމްރާން އޭނާގެ ފޭސްބުކުގައި އިއްޔެ ލިޔުނު ކެޕްޝަންގައި އުފެއްދީ ބޮޑު ސުވާލެކެވެ. އޭނާ ބުނީ 20 ވަރަކަށް އަހަރު ތެރޭގައި ޤައުމީޓީމަށް 110 މެޗު ކުޅެ ދިން ކަމަށެވެ. އަދި އެ ޚިދުމަތުގެ ތެރެއިން އެތަކެއް އަނިޔާއެއްވެ، އާއިލީ އެތައް މުހިއްމު އަދި ޚާއްސަ ވަގުތުތަކެއް ޤުރުބާންކޮށް ޤައުމަށް އެތަކެއް ކާމިޔާބީއެއް ހޯދަދީފައިވާނެ ކަމަށެވެ. ދެން އުފެއްދީ ބޮޑު ސުވާލެވެ.
"ނަމަވެސް ކެރިއަރު ނިންމާލުމަށްފަހު މިއަދު އިށީނދެލައިގެން އިނދެ ރަނގަޅަށް ވިސްނާލާއިރު ހިތަށް މި އަރަނީ އަސްލު މި ކުރެވުނީ ރަނގަޅުކަމެއްބާވަޔޭ؟ މިހާރު ހިތަށް އެބަ އަރާ މިކަން ނުކޮށް 20 އަހަރު ވަޒީފާއަކަށް ދެވުނުނަމަ ހަމަ ގައިމުވެސް އެއްމެ ކުޑަމިނުން ޕެންޝަން ވެސް ލައްވާލާނެތާއޭ،" އިމްރާންގެ އެ އަސަރުގަދަ ކެޕްޝަންގައިވެއެވެ.
އެ ސުވާލު ނުއުފައްދަންވީ ސަބަބެއް ނެތެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ކާމިޔާބު އެތުލީޓުންނަކީ މާލީގޮތުން ބެލިނަމަވެސް އެންމެ ފުދުންތެރި މީހުންނެވެ. އެ މީހުންގެ ކެރިއަރުގައި ހޭދަ ކުރާ ވިއްސަކަށް އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ފަހުބައި ހަމަޖެހިގެން އުޅޭހާ ތަނަވަސްކަން ލިބެއެވެ. ދުނިޔޭގެ ފުޓްބޯޅައަށް ބަލާއިރު އިމްރާނަކީ ބްރެޒިލްގެ ޑެނިއަލް އަލްވެސް އާއި ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ, ލިއޮނަލް މެސީގެ ފަހަތުން ތިން ވަނައަށް އެންމެ ކާމިޔާބު ކުޅުންތެރިންގެ ލިސްޓްގައި އޮތް މީހެކެވެ. އެއީ މުޅި ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިގެންނެވެ. އަލްވެސް 43 ތަށި ހޯދިއިރު ވޯލްޑްކަޕާއެކު މެސީ ވަނީ 42 ތަށި މިހާތަނަށް ހޯދައިފައެވެ. އިމްރާން އެ ލިސްޓުގެ ތިން ވަނައިން ޖާގަ ހޯދީ އޭނާގެ މުޅި ކެރިއަރުގައި ހޯދި 39 ތަށްޓާއެކުއެވެ. އެ އަދަދަށް ތަށި ހޯދައި އެ ލިސްޓްގެ ތިން ވަނައިގައި އިމްރާނާއެކު ދެން އޮތީ މިސްރުގެ ހުޝާމް އަޝޫރެވެ.
ހަމައެހެންމެ، މީގެ ހަ އަހަރު ކުރިން ރަސްމީ ފުޓްބޯޅައިން އެއްކޮށް ރިޓަޔާވެފައިވާ އިމްރާނަކީ 100 ނުވަތަ އެއަށް ވުރެން ގިނަ "އޭ" ލެވެލްގެ ބައިނަލްއަގުވާމީ މެޗު ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ލިސްޓް ކުރާ, ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާއެވެ.
މިހާ ކާމިޔާބު އަދި މިހާ ހުނަރުވެރި ކުޅުންތެރިއަކު އޭނާ 20 އަހަރު ހޭދަ ކުރި ކެރިއަރާ ބެހޭ ގޮތުން ސުވާލެއް އުފައްދާނީ ގައިމު ވެސް އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރީމައެވެ. އެއީ އޭނާ މިހާރު ކުރަމުން އަންނަ ތަޖުރިބާތަކެއްގެ ސަބަބުންކަން ޔަގީނެވެ.
އިމްރާން އިތުރަށް ލިޔެފައިވާ ގޮތުގައި ކުޅިވަރުގައި ރަނގަޅު ނަތީޖާތަކެއް ނެރޭނެ ހުނަރުވެރި އެތުލީޓުން ދިގު މުއްދަތެއްގައި ގައުމީ ޓީމްތަކުގައި ދެމި ތިބޭނީ އެކަން ކޮށްގެން އެ މީހެއްގެ ދިރިއުޅުމަށް މުސްތަގުބަލުގައި ފައިދާއެއްވާނެނަމައެވެ.
"ހިތާމައަކީ ހުނަރުވެރި އެތައް ކުޅުންތެރިންނެއްގެ ޚިދުމަތް މި ސަބަބާ ހެދި ގައުމީ ޓީމްތަކަށް ނުލިބި ދާކަން. މިކަމަކީ ކުޅިވަރު އެސޯޝިއޭޝަންތައް، ކުޅިވަރާބެހޭ މިނިސްޓްރީ އަދި ކުޅިވަރާ ގުޅުންހުރި އެއްމެހާ ފަރާތްތަކުން ވިސްނާލުން މުހިއްމު ކަމެއް ކަމަށް ދެކެން،" ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ގައުމީ އިނާމް ހޯދާފައިވާ އިމްރާން ބުންޏެވެ.
ދިވެހީން އެ ކުޅިވަރަކަށް މަރުދޭ, ފުޓްބޯޅައަށް އިމްރާން ކޮށްދީފައިވާވަރުގެ ޚިދުމަތެއް ކޮށްދިން ދިވެއްސަކު މަދުވާނެއެވެ. އޭނާ ވަނީ 2003 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ހަ މުބާރާތް ކުޅެދީފައެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރު ރާއްޖެއަށް އެ މުބާރާތުގެ ތަށި އެންމެ ފުރަތަމަ ފަހަރަށް ހޯދަދިނުމާއި 2003 ވަނަ އަހަރާއި 2009 ވަނަ އަހަރު ދެ ވަނަ ހޯދައި ދިނުމުގައި އިމްރާންގެ ދައުރު ބޮޑެވެ.

ރާއްޖޭގެ އިތުރުން މި ސައުތު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ އިމްރާން ވަނީ, 2004 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އޭރު ވަރަށް ގަދަކޮށް އޮތް ދެކުނު ކޮރެއާއާ ރާއްޖެ އެއްވަރު ކުރި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަމާއި ވައިސް ކެޕްޓަންކަން ކޮށްފައިވެއެވެ. ކްލަބު އީގަލްސްއިން ކެރިއާ ފަށައި ރާއްޖޭގެ ބޮޑެތި ކުލަބުތަކުއި ރަންވަނަތަކެއް އޭނާ ވަނީ ހޯދައިފައެވެ. ކުޅުން ހުއްޓާލުމަށް ފަހު ދެން އޭނާ ހުސްވީ ކީޕަރުން ތަމްރީނު ކުރުމަށެވެ.
ނަމަވެސް އެ ކެޕްޝަން ނިންމާލަމުން އިމްރާން ލިޔެފައި ވަނީ މިހާތަނަށް ފެނިފައިވަނީ މިފަދަ ކަންކަމުގައި ފޮނި ހުވަފެންތަކެއް ކަމަށެވެ. އެ ހުވަފެންތަކުގައި ކުލަޖެހުނު ތަނެއް އެތުލީޓުންނަކަށް އަދި ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
"އުއްމީދުކުރަނީ އަވަސް މުސްތަގްބަލެއްގައި މިކަމުގެ ހަގީގީ ކުލަ ޖެހިގެންދާނެ ކަމަށް." ނިންމާލަމުން އިމްރާން ލިޔެފައިވެއެވެ.
އދ. މަހިބަދޫއަށް އުފަން, އިމްރާން, އަސަރުގަދަ ވާހަކަތަކެއް ރޭ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު އިއްޔެއަކީ ދިވެހި ކުޅިވަރުގެ ތާރީހުގައި ޚާއްސަ ދުވަހެކެވެ. ކުޅިވަރުގެ ގައުމީ ފަންޑެއް ތަރައްގީކުރުން ހިމެނޭހެން، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދެވޭ ގޮތަށް ކުޅިވަރާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވަނީ, ކުޅިވަރު ކުޅުންތެރިންނާއި ނޫސްވެރިން ބައިވެރިކޮށްގެން ބޭއްވެވި ހަފުލާއެއްގައި ތަސްދީގުކުރައްވައިފައެވެ. އަދި ރައީސް ވަނީ ކުޅިވަރުގެ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އިމްރާންގެ ކެރިއަރުގެ ގިނަ ދުވަސްތަކަކީ ދިވެހީން, ދިވެހި ފުޓްބޯޅައަށް މަރުދިން ޒަމާނެވެ. ދަނޑު ފުރާލައި ސަޕޯޓަރުންގެ އަޑުން މުޅި ސަރަހައްދު ގުގުމާލި ޒަމާނެވެ. ނަމަވެސް ފުޓްބޯޅައަށް ކުރިމަތިވި, ވެރިންގެ ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުފަދަ އެތައް ސަބަބުތަކަކާހެދި އިމްރާންގެ ކެރިއަރު ނިމުނުއިރު އެ ފޯރިވަނީ މަރުވެފައެވެ. މި ސަރަހައްދު ދުށް އެންމެ މޮޅު ކީޕަރު އެ މާޔޫސީ ސުވާލު އަމިއްލަ ނަފުސާ ކުރީ އެހެންވެ ކަމަށް ވެދާނެއެވެ. ވީ ގުރުބާނީގެ އަގު ނުލިބޭތާ ލިބޭނެ ކަމުގެ އުއްމީދު ވެސް ނެތަތީއެވެ.