މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން 30 އަހަރުގެ މީހަކު ބަންދުކުރަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކުރި އިރު، މީގެ ކުރިން ވެސް 50 ފަހަރު އޭނާ ބަންދުކޮށްފައިވާކަން ކޯޓު އަމުރުން އެނގިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ގދ. ތިނަދޫ ސްކޫނާ، އަލީ ޝަމްމާހު ވަހީދެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އޭނާ 10 ދުވަހަށް ބަންދުކުރީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލައިގައި ކޮންމެ ވެސް މިންވަރަކަށް ހެކި ކޯޓަށް ލިބިފައިވެއެވެ. އެހެން ކަމުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކޯޓުން ވަނީ އޭނާ ބަންދުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް ވަބާއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އަހަރުގެ މިހައިތަނަށް މަސްތުވާތަކެތީގެ 666 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ ގޮތުން މަސްތުވާތަކެތި ވިއްކާ މީހުން ދެނެގަނެ، އެ ތަކެތި ރާއްޖެ އެތެރެކުރާ މީހުން އަތުލައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.