ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު، ފޭރާމެއްގެ ގޮތުގައި ގިނަ ބަޔަކު ޚިޔާރު ކުރަނީ ސަގާފީ ހެދުމެކެވެ. ނަމަވެސް، ޒަމާނާއެއްކޮށް ކަންކަން ބަދަލުވެ މި ހެދުންތައް ވެސް މިހާރު ވަނީ "މޮޑިފައި" ވެފައެވެ. ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލު ކުރާއިރު، މިހާރު ފެންނަނީ ވެސް މިފަދަ މޮޑިފައި ލިބާސްތަކެވެ.
ސުވާލަކީ، މިފަދައިން ހެދުން އެޅުމުން މިކަމުގެ މަގުސަދު ހާސިލު ވޭބާއެވެ؟ އެހެންކަމުން، ކަސަބު ލިބާހުން ރާއްޖެ ތަމްސީލުކުރުމުގެ ކުރިން އެ ދާއިރާ ދިރާސާކުރާ ފާތިމަތު ނަދުހާ އަބްދުލްމުހްސިންގެ ވާހަކަ އަޑުއަހައިލުން މުހިންމެވެ.
ހޯމަ ދުވަހުގެ ހަވީރު ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު އޮފީހުގައި ބޭއްވި ކަޅުއޮށްފުންމި ކެތި ނަކަތުގެ ސިންތާގައި "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" މި މައުޟޫއަށް ނަދުހާ ވަނީ ވަރަށް ފުންކޮށް އަލިއަޅުވައިލާ ވާހަކަ ދައްކަވާފައެވެ.

ނަދުހާ ކަޅުއޮށްފުންމި ކެތި ނަކަތުގެ ސިންތާގައި "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" މި މައުޟޫއަށް ވާހަކަ ދައްކަނީ -- ފޮޓޯ/ ސަރުކާރު
ރާއްޖެ ތަމްސީލްކުރުމަށް ލިބާސްލުމުގެ ބޭނުމަކީ އޭގެ އަސްލަށް އޮޅުން ނާރާނެ ގޮތަށް ކުރިއަށް އޮތް ޖީލުތަކަށް ލިބާސް ފޯރުކޮށްދިނުމެވެ. އަދި ދިވެހިވަންތަކަމުގެ ފަންނާއި ހުނަރުގެ މަތިވެރިކަން ދައްކުވައިދިނުމެވެ. އެހެންކަމުން އެ ބޭނުން ފުދޭނެ ގޮތަށް ލިބާސް ލުމަށް ނަދުވާ ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެ ތަމްސީލްކުރާ ހާލަތްތަކުގައި ދިވެހި ލިބާސް ލާންޖެހޭ ވަކި ހައިސިއްޔަތެއް އޮވެއެވެ. މިހާރު ވެސް ރާއްޖެ ތަމްސީލުކުރުމަށް ދިވެހި ލިބާހެއް ލާނަމަ ވަކި ކަންކަމަކަށް ސަމާލުކަން ދިނުމަށް އޭނާ ވަނި އިލްތިމާސް ކުރައްވާފައެވެ.
ޒަމާނާއެކު ލިބާސް މޮޑިފައިވެ ބަދަލުވުން
ޒަމާނީ ބަދަލުތަކުގެ އަސަރު ދިވެހި ސަގާފަތަށް ވެސް ވަދެ، ސަގާފަތް ރަމްޒުކޮށްދިނުމަށް ތަފާތު ވައްތަރުތަކުގެ ހެދުންތައް ބޯވަޅުގެ ޑިޒައިން ރަމްޒުކޮށްދޭ ރޭނދާތަކާއެކު މިހާރު ބޭނުންކުރާކަން ނަދުހާ ވެސް ވަނީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދީނީ އަދި ގައުމީ ރޫހު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ކަސަބު ލިބާހުގައި ރާއްޖެ ތަމްސީލުކުރުމުގެ ކުރިން ނަދުހާގެ ވާހަކަ އަޑުއަހައިލުން މުހިންމު - -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިފަދަ ހެދުންތަކަކީ ދިވެހި ލިބާހުން ޚިޔާލު ލިބިގެން އުފައްދާ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ހެދުންތަކެވެ. ނަމަވެސް، އެއީ ތަރިކައެއް ނޫން ކަމަށާއި ދިވެހި ފަންނުވެރި ލިބާހެއް ވެސް ނޫން ކަމަށް ނަދުހާ ވިދާޅުވިއެވެ.
އެހެންކަމުން ދިވެހި ރާއްޖެ ތަމްސީލްކުރުމުގައި ލިބާސް ބޭނުންކުރާ ނަމަ، އޭގެ ރަސްމީ ގޮތުގައި ލިބާސް ބޭނުންކުރުމަށް ނަދުހާ ވަނީ ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ.
ލިބާހަކީ ރަނގަޅަށް ފަހާފައިވާ ލިބާހަކަށް ވާން ޖެހޭ!
ނަދުހާ ވިދާޅުވިގޮތުގައި ރާއްޖެ ތަމްސީލުކުރަން ލާ ލިބާހަކީ ރަނގަޅަށް ފަހާފައިވާ ކަސަބު ބޯވަޅު އެޅި ލިބާހަކަށް ވާން ޖެހޭނެއެވެ. އަދި އެއާއެކު ފައްޓަރުބައި އަޅައި އަތުގައި އެންމެ މަދުވެގެން ދެ ގަނޑު އުޅާ އެޅުމާއި އަންހެނުން ފަހަތަށް ފޭލި އަނދެފައި ހުންނަން ޖެހޭނެއެވެ.
"ފަންނު އެކްސްޕޯ 2019" ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ކަސަބު ލިބާހުގައި ރާއްޖެ ތަމްސީލުކުރުމުގެ ކުރިން ނަދުހާގެ ވާހަކަ އަޑުއަހައިލުން މުހިންމު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރަށް ލިބާސް ލަނީ ބުރުގާނާޅާ މީހެއް ނަމަ، ބޮލުގައި ކަނާތަށް ހުޅި ޖަހައި ރުމާފަޅި އެޅުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. ބުރުގާ އަޅާ ނަމަ ވެސް ކަނާތުގައި ހުޅި ބަހައްޓައިގެން ބުރުގާ އަޅައި މުދިބައި އެޅުން ހިމެނެއެވެ.
ނަމަވެސް، މުދިބަޔަކީ މިހާރު ނުލިބޭ އެއްޗަކަށްވުމުން އޭގެ ބަދަލުގައި އެ ޒާތުގެ އެހެން އެއްޗެހި ބޭނުން ކުރެވިދާނެއެވެ.
ލިބާހުގެ ސިފަތަކާއި އައިސްފައިވާ ބަދަލުތައް
މި ސިންތާގައި ނަދުހާ ވަނީ ދިވެހި ލިބާހުގައި ހުންނަ ސިފަތަކާއި ޒަމާނާއެކު އެއަށް އައިސްފައިބާ ބައެއް ބަދަލުތައް ވެސް ކިޔައިދެއްވާފައެވެ.
ލިބާހެއްގެ އާންމު ސިފަތަކަށް ބަލާއިރު ތިން ފެހުމުން ފެހުމާއި، އެއާއެކު އަންނަ ފޭލި އަދި ކަކާ ބަދަނާ ދެ އަރި ފާހަގަވެ އެވެ. މިއީ ހަމަ އެކަނި ލިބާހަށް ޚާއްސަ ސިފަތަކެވެ.
އާންމު ގޮތެއްގައި ލިބާހަކީ އަތުން ފަހައި އޭގެ ބޯވަޅު ވެސް އަތުން ގުޅުވާ އެއްޗެކެވެ. ނަމަވެސް، ޒަމާނީ ބަދަލުތަކާއެކު ލިބާސް ފަހާފޮށިން ވެސް ފަހައެވެ. ލިބާސް ގަޔަށް ރީތިވެ، ހެޔޮވަރު ބައްޓަމަކަށް ހުންނަނީ އަތުން ފަހައި ބޯވަޅު ގުޅުވައިގެން ކަމަށް ނަދުހާ ވިދާޅުވިއެވެ.

ނަދުހާ ކަޅުއޮށްފުންމި ކެތި ނަކަތުގެ ސިންތާގައި "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" މި މައުޟޫއަށް ވާހަކަ ދައްކަނީ -- ފޮޓޯ/ ސަރުކާރު
އޭނާ ވިދާޅުވީ، މިހާރު އެކި ބާވަތުގެ ރޭނދާތަކާއި، ތިން ފެހުމާ ނުލައި ފަހާފައި ހުންނަ ހެދުމަކީ އަސްލު "ލިބާސް' ނޫން ކަމަށެވެ.
އަންހެނުން ބޭނުންކުރާ ބޯވަޅު އެޅި ލިބާސް އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ދުވަސްވަރު އަދިވެސް ހޯދިފައެއް ނުވެއެވެ. އެކި ފަހަރު މަތިން ތަފާތު ބަދަލުތައް ލިބާހަށް އައިސްފައިވެއެވެ. އެގޮތުން، މިހާރު ފެންނަން އޮތް ގޮތަށް އެންމެ ބޮޑު ބަދަލެއް ލިބާހަށް އައިސްފައި ވަނީ 20ވަނަ ގަރުނުގެ ތެރޭގައިކަން ނަދުހާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން: ކަސަބު ލިބާހުގައި ރާއްޖެ ތަމްސީލުކުރުމުގެ ކުރިން ނަދުހާގެ ވާހަކަ އަޑުއަހައިލުން މުހިންމު - ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭނާ ފާހަގަކުރެއްވި ގޮތުގައި، އެންމެ އިހުގެ ލިބާސްތައް ދިގުވެފައި ގަޔަށް ދޫއިރު، މިހާރު ލިބާސް ވަނީ ބާރު ބައްޓަމަކަށް ތަންކޮޅެއް ކުރު ލިބާހަކަށް ބަދަލުވެފައެވެ.
އެހެންކަމުން ކަސަބު ލިބާހުގައި ރާއްޖެ ތަމްސީލުކުރާއިރު، މިކަންކަމަށް ސަމާލުވުމަށް ނަދުހާ އިލްތިމާސްކުރެއެވެ. އަދި ލިބާހުގެ އަސްލު ނުގެއްލޭގޮތަށް ލިބާސް ބޭނުންކުރުމަށާއި މިކަމުގެ މަގުސަދު ހާސިލްވާގޮތަށް ހެދުން އެޅުމަށް ވެސް އޭނާ ވަނީ ގޮވައިލައިފައެވެ.