ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ ލާމަރުކަޒީ ގާނޫނު ނުދަންނަ ބޯހިޔާވަހިކަމުގެ ބިލެއް ކަމަށާއި، އެ ބިލު މިހާރު އޮތްގޮތް އިސްލާހުކުރަން ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބޯހިޔާވަހިކަމުގެ ބިލު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. އިބްތިދާއީ ބަހުސް މަރުހަލާ ނިންމައި، މިހާރު އެ ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ.
މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ، އެ ބިލަކީ ހަމަހަމަ ކަމާއެކު ދެމެހެއްޓެނިވި މަގެއްގައި ދުރުރާސްތާގެ ބޭނުންތަކަށް އަދި މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން އެކުލަވާލާފައިވާ ގާނޫނެއް ނޫން ކަމަށެވެ.
ޑިމޮކްރެޓްސްގެ ހައުސިން ކޮމިޓީންވަނީ އެ ބިލު ދިރާސާކޮށް ޕްރިލިމިނަރީ ރިވިއުއެއް ހިންގައިފައެވެ. އެ ރިވިއު ކަރުދާހަށް އެ ޕާޓީގެ ނޭޝަނަލް އެސެންބްލީއާއި، އާބަން ޕްލޭނިންއާއި ހައުސިންގެ މާހިރުން ލަފަޔާ އިރުޝާދު ވެސް ހޯދާފައިވެއެވެ.
ޑިމޮކްރެޓުން ބުނީ އެ ކަރުދާހުގައި މައިގަނޑު ގޮތެއްގައި ބިލުން ފާހަގަވާ އުސޫލީ މައްސަލަތަކާއި ބިލުގައި ހިމަނަން ކޮންމެހެން ވެސް ޖެހޭ، އެ ކަމަކު ހިމަނާފައިނުވާ ބައިތައް ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.
ޑިމޮކްރެޓުން ނެރުނު ބަޔާނުގައިވަނީ ބިލުން ފާހަގަވާ މައްސަލަތަކެއް ސަމާލު ކަމަށް ގެނެސްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަންކަމަކީ، ލާމަރުކަޒީ ގާނޫނާއި އެ ބިލު ފުށުއެރުމާއި ބޯހިޔާހިކަން ލިބޭ ފަރާތްތަކުގެ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ރައްކާތެރި ކުރެވިފައި ނެތުމެވެ.
ޑިމޮކްރެޓްސްއިން ބޯހިޔާވަހިކަމުގެ ބިލުގައި ހުރިކަމަށް ފާހަގަކޮށްފައިވާ މައްސަލަތައް
- ލޯކަލް ކައުންސިލްތަކަށް ހައުސިން މަޝްރޫއުތައް ކޮމިޝަންކުރުން އެ ބިލުން މަނާކުން
- މިނިސްޓްރީން ހިތުހުރި ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮމިޝަންކޮށް ހިންގޭނެ ގޮތަށް ބިލު އޮތުން
- ފެންވަރުދެރަ ބޯހިޔާވަހިކަމުގެ މިންގަނޑެއް އެ ބިލުން ލާޒިމުކުރުން
- ދިރިއުޅުމުގެ ފެންވަރު ބަދަލުވުމުގެ ސަބަބުން އެހެން ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ގްރެޖުއޭޓުވެވޭނެ ފަދަ ސޯޝަލް މޮބިލިޓީގެ މަގުތަކެއް ބިލުގައި ނެތުން.
- ވަގުތީ ގޮތުން ހާލަތު ރަނގަޅުވަންދެން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކައުންސިލް ހައުސިން ފަދަ ނިޒާމެއް ބިލުގައި ނެތުން
- ސޯޝަލް ހައުސިން ލިބޭ ފަރާތްތަކުގެ ކިބައިން އެ ތަން އަތުލާނަމަ، ޝަރުއީ މަރުހަލާއެއް ފުރިހަމަކުރަން ނުޖެހޭ ގޮތަށް އޮތުން
- ފައިސާ ދައްކައި ޚަލާސްކޮށް، މިލްކުވުމުން ވެސް އެ ތަނެއް ކުއްޔަށް ދޫކުރުން އެ ބިލުން މަނާކުރުން
- ބޯހިޔާވަހިކަމުގެ ދަފުތަރު ހާމަކުރަން ނުޖެހޭ ގޮތަށް ބިލު އޮތުން
މީގެ އިތުރުން ވެސް މި ބިލުގައި ބައެއް ލަފުޒުތައް ތަފުސީލުކޮށްފައި ނެތުމުން އެ ކަންބޮޑުވުން މި ރިވިއުގައި ފާހަގަކޮށްފައި ވެއެވެ. އޭގެތެރޭގައި، ސޯޝަލް ހައުސިން ޕްރޮގްރާމް ތަފުސީލުކޮށްފައި ނެތުމާއި، ބިލުގައި ގިނަ އަދަދަކަށް "އެކަށީގެންވާ" ބޭނުންކޮށްފައިވާއިރު، މި ލަފުޒު ވެސް ތަފުސީލު ކޮށްފައި ނެތުން ހިމެނެއެވެ.
ޑިމޮކްރެޓުން ގޮވާލާފައިވަނީ މި ކަންބޮޑުވުންތަކަށް އިޖާބަދީ، އެދެވޭ ހެޔޮ ބަދަލުތަކެއް އެ ބިލަށް ގެނައުމަށެވެ.