މާކް ވީންސް ރާއްޖޭގައި ދިވެހި ކެއުންތައް ކުޅިގަދަކޮށް

ފުޑް ޓިއުބަރު މާކް ވީންސް ޒުވާން ދަނޑުވެރިޔާ އާއެކު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ގައުމުތަކަށް ހާއްސަ ކެއުންތައް ރަހަ ބަލައި ކާއެއްޗެހި ރިވިއުކުރާ މަޝްހޫރު ފުޑް ބްލޮގަރު މާކް ވީންސް ރާއްޖޭގެ އެކި ކަހަލަ ކެއުންތައް ރަހަބަލަމުން އެއަށް ތައުރީފު ކުރަމުން އެބަދެއެވެ.

ޔޫޓިއުބްގައި އެކަނިވެސް 11 މިލިއަނަށްވުރެ ގިނަ ފޮލޮވަރުން ހިމެނޭ މާކް ވީންސް އަކީ އޭނާގެ އެކި ގައުމުތަކުގެ ކެއުންތަކުގެ މަގުބޫލުކަމާއެކު ގިނަ ބައެއްގެ މެދުގައި ލޯބި ހޯދާފައިވާ ބްލޮގަރެކެވެ. އެމެރިކާއަށް ނިސްބަތްވާ މި ބްލޮގަރު އެތައް އަހަރެއް ވަންދެއް ދިރިއުޅެމުން ދިޔައީ ތައިލެންޑުގައެވެ.

ތައިލެންޑުގައި އުޅެމުން ދިޔައިރު އެ ގައުމުގެ އާންމުން ކާ މިންވަރަށް ކުޅިގަދަކޮށް އެއްޗެހި ކައި އުޅޭ މަންޒަރަކީ އެތައް ބައެއްގެ ތައުރީފު އޭނާއަށް ލިބޭ ކަމެކެވެ. އޭނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކެއުންތައް ވަރަށް ކުޅިގަދަކޮށް ކައި އުޅޭ މީހެކެވެ. މިފަހަރު ރާއްޖެއަށް އައިސްވެސް ކައި އުޅެނީ ހަމަ އެގޮތަށެވެ.

ރާއްޖެއަށް އައިސް އޭނާގެ ދަތުރު ރެކޯޑު ކުރަމުން ދާއިރު އެކި ސަރަހައްދުން ދިވެހި ކެއުންތަކުގެ އަޖުމަ ބަލަމުން އޭނާ ދެއެވެ. އެންމެ ފުރަތަމަ ހިއްސާކޮށްލާފައިވާ ވީޑިއޯއެއްގައި ތަފާތު ދިވެހި ކެއުންތަކެއްގެ ރަހަ ބަލައެވެ.

މީގެ ހަ ވަރަކަށް ދުވަހު ކުރިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފާނަ ބޭނުންކޮށްގެން ހަދާފައިވާ ގަރުދިޔައިގެ އިތުރުން ރިހަ ވެސް ކައެވެ. އަދި އޭގެ އިތުރުން ކޮޕީފަތުގެ މަސްހުނިވެސް ކާ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ. މި ހުރިހާ އެއްޗަކަށް ގިތެޔޮ މިރުސް އަޅާފައިވަނީ ދިވެހީން ކައި އުޅޭ ގޮތަށެވެ. ނަމަވެސް ވީންސް އޭނާގެ ކެއުމަށް ކޮށާފައިހުރި ގިތެޔޮ މިރުސް ވަކީން އަޅާލައެވެ.

އޭނާއަށް މި ކެއުންތައް ވަރަށް ކަމު ގޮސްފައިވެއެވެ. އޭގެ އިތުރުން ކުޅި މަހާއި ރޮށްޓާވެސް އޭނާ ކައިފައިވާއިރު އެ ވަރަށް ކަމުދާ ކަމަށް މާކް ހިއްސާކޮށްފައިވެއެވެ. މިވަގުތު އަތޮޅުތެރޭގެ ރަށެއްގައި ހުރި އިރު އޭނާ ދަނީ އިތުރު ދިވެހި ކެއުންތަކުގެ އަޖުމަ ބަލަމުންނެވެ. މި ހުރިހާ މަންޒަރެއް ނެގުމަށްފަހު މައިގަނޑު ވީޑިއޯއެއްގެ ގޮތުގައި އެއްކޮށް ރިވިއުއެއް ތައްޔާރުކޮށް ވަރަށް އަވަހަށް އޭނާ ހިއްސާކުރާނެއެވެ.

މާކް ވީންސް ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ބައެއް އާންމުންނާވެސް ބައްދަލުކުރަމުން އެބަދެއެވެ. އޭގެތެރޭގައި އޭނާ ވަނީ ޒުވާން ދަނޑުވެރިޔާ އާ ދެ ދުވަހެއް ކުރީން ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ޒުވާން ދަނޑުވެރިޔާ ވަނީ ރާއްޖޭގެ ދަނޑުތަކުގައި ހެއްދޭ އެކި ކަހަލަ އުފެއްދުންތައް ދައްކައި އޭގެ އަޖުމަ ބަލައިލުމަށް ފުރުސަތު ދީފައެވެ.

comment ކޮމެންޓް