ފިލްމު 'ވޯ 2'ގެ ޓީޒާ ދައްކާލައިފި؛ ކިއާރާ އާ ތަޖުރިބާތަކެއް ކުރި ފިލްމެއް

މި އަހަރުގެ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ 2"ގެ ފުރަތަމަ ޓީޒާއާއެކު މިއީ އަލަށް ވަރަށް ގިނަ ކަންކަން ތަޖުރިބާކުރަން ލިބުނު ފިލްމެއް ކަމަށް ބަތަލާ ކިއާރާ އަދުވާނީ ބުނެފިއެވެ.

ފިލްމުގެ ޓީޒާ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމަށްފަހު ކިއާރާ ބުނެފައި ވަނީ މިއީ ބަތަލާގެ ފުރަތަމަ އެކްޝަން ފިލްމަށް ވުމުގެ އިތުރުން ޔަޝް ރާޖް ފިލްމްސްއާ އެކު އޭނާ މަސައްކަތްކުރި ފުރަތަމަ ފިލްމު ކަމަށެވެ.

ހަމައެއާއެކު މިއީ ފިލްމުގެ ލީޑް އެކްޓަރުން ކަމަށްވާ ރިތިކް ރޯޝަންއާއި ޖޫނިއާ އެންޓީއާރުގެ އިތުރުން ޑައިރެކްޓަރު އަޔާން މުކަރުޖީއާ އެކު ވެސް ފުރަތަމަ ފަހަރަށް ކުރި މަސައްކަތް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއް ފިލްމަކުން ފުރަތަމަ ފަހަރަށް ގިނަ ކަންކަން ތަޖުރިބާކުރުމުގެ ފުރުސަތާ އެކު މިއީ މިހާތަނަށް ކިއާރާ އެންމެ ބުރަކޮށް މަސައްކަތްކުރި ފިލްމު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ވޯ 2"ގެ ލީޑް އެކްޓަރުން ކަމަށްވާ ޖޫނިއަ އެންޓީއާރް އަދި ރިތިކ ރޯޝަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ރިތިކް ރޯޝަން އާއި ޖޫނިއަ އެންޓީއާރުގެ ވަރުގަދަ އެކްޝަން ސީންތަކެއް ފެންނާނެ މި ފިލްމުގެ ޓީޒާއާ އެކު ރިތިކް ބުނެފައި ވަނީ ފިލްމު "ވޯ 2" އަކީ އެއްވެސް މީހަކަށް ކުޑަވެސް ރަހުމެއް ނުދައްކާނެ ފިލްމެއް ކަމަށެވެ.

ރިތިކް އާއި އެކްޓަރު ޓައިގާ ޝްރޮފް ފުރަތަމަ ފަހަރަށް ސްކްރީނުން ފެނުނީ 2019 ވަނަ އަހަރުގެ ފިލްމު "ވޯ"އިންނެވެ. އެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު އެ ފްރެންޗައިސްގެ ދެވަނަ ފިލްމު އިއުލާނުކޮށްފައި ވަނީ 2023ވަނަ އަހަރެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހެވެ.

comment ކޮމެންޓް