ފީނަން އުޅެނިކޮށް ލޯންޗެއްގައި ޖެހި ބުރިވި އަތް، ހަފުތާއެއް ވީއިރު ވެސް ނުފެނުނު

ފީނަން އުޅެނިކޮށް ލޯންޗެއްގައި ޖެހި، އަތް ބުރިވެފައި: އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭގައި --

ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރީގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި، މީހެއްގެ އަތް ބުރިވި ހާދިސާގައި، އެ މީހާގެ އަތް އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ފީނަން އުޅުނު ބައެއްގެ ތެރެއިން އަތް ބުރިވެފައި ވަނީ ބަންގްލަދޭޝްގެ މީހެއްގެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރި ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގުގައި އެ ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ބަޔާން ނަގައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް ފިޔަވަޅެއް އަޅައިފައި ނުވާކަން އެ މުއައްސަސާފައިން ފާހަގަކުރިއެވެ.

"ނަމަވެސް ތަހުގީގުގެ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ،" ފުލުހުން ބުންޏެވެ.

އެ މީހާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

މީގެ ކުރީންވެސް ފީނަން ގޮސް އުޅުމުގެ ތެރޭގައި މިފަދަ ނުރައްކާތެރި ހިތާމަވެރި ހާދިސާތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. އަދި އެފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެސް އެބަހުއްޓެވެ.

comment ކޮމެންޓް