ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީއެއްގައި ލޯންޗެއްގައި ޖެހި، ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ޅ. ގާއެރި ފަޅު ކައިރީ ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް ރޭ 12:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް ޑިންގީ ހަލާކުވެފައިވާއިރު، ޑިންގީގައި ތިބި ފަސް މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދެމުން އަންނަނީ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފުތާގައި ވެސް ފީނަން އުޅުނު ބަޔެއް ޝާމިލުވާ ގޮތަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެ ހާދިސާގައި، ފީނަން އޮތް ބަންގްލަދޭޝްގެ މީހެއްގެ ގައިގައި ލޯންޗަކުން ޖެހި، އޭނާގެ އަތް ވަނީ ބުރިވެފައެވެ.