ހުއްދަ ނެތި ހުޅުމާލޭގައި ޑްރޯން އެރުވި މީހަކު ފުލުހުންނަށް ނުކިޔަމަންތެރިވި މައްސަލައިގައި ހުޅުމާލެ ފޭސް2 ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޑްރޯން އެރުވޭނީ އެކަމަށްޓަކައި ޚާއްސަ ހުއްދަ ނަގައިގެންނެވެ.
ސަބަބަކީ ޑްރޯން އެރުވުން މަނާ ސަރަހައްދުތައް ވެސް ހުންނާތީއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ ރޭ 20:40 ހާއިރު ހުޅުމާލެ ފޭސް2، ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ، ހުއްދަ އޮތްތޯ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން އެ މީހާއާ ސުވާލުކުރި ކަމަށެވެ.
އެހެންނަމަވެސް މައުލޫމާތު ދިނުމަށާއި، ހުއްދަ ދެއްކުމަށް އިންކާރުކޮށް، ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން ފުލުހުންނާ މުއާމަލާތުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގެ ތުހުމަތުގައި ހުޅުމާލެ ފޭސް2 ޕޮލިސް ސްޓޭޝަނަށް އެ މީހާ ގެނެސް ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޑްރޯން އެރުވުމުގެ ހުއްދަ ނެތި، ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ބެލެވިފައެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.