މި އަހަރު ދައުލަތުގެ ބަޖެޓުން ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު، އާސަންދައަށް ކުރި ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 24 އިންސައްތަ އިތުރުވެއްޖެއެވެ.
އާސަންދައިގެ ޚަރަދު ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅި ނަމަވެސް އެންމެ ފަހުގެ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދުތައް މަހުން މަހަށް ދަނީ އިތުރުވަމުންނެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، އެ ތާރީޚުގެ ނިޔަލަށް އާސަންދައަށް ހިނގާފައިވާ ޚަރަދު، ނިމިދިޔަ އަހަރާ އަޅައިބަލާއިރު 24.0 އިންސައްތައިން ވަނީ އިތުރުވެފައެވެ.
އެގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިއަން ރުފިޔާ އާސަންދައަށް ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 665.9 މިލިއަން ރުފިޔާ ކަމުން، މިއީ 163.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރައީސް އޮފީހުގައި މި މަހު ތިންވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
އާސަންދައަށް ކުރާ ހޭދަ ކޮންމެ އަހަރަކު އިތުރުވަމުން އަންނައިރު، މިދިޔަ އަހަރު ވެސް މި ނިޒާމަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ޚަރަދުކުރިއެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައަށް ބަޖެޓުގައި ޖެހީ 1.9 ބިލިއަން ރުފިޔާ ނަމަވެސް، އެއަށްވުރެ އިތުރަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުން ދައްކައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާސަންދައަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އިތުރު ނަމަވެސް، ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ދަތިވެ ގިނަ ބަޔަކަށް ތަކުލީފު އުފުލަން ޖެހުމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައިވަނީ މި ފަހުން އާންމުވެފައެވެ. އެގޮތުން ވިހެއުމަށްފަހު ބޭނުންކުރާ އެކި ކަހަލަ ބޭސްތަކާއި، ތެލަސީމިއާ ޕޭޝަންޓުންގެ ބޭސްތަކާއި، އެ ނޫން ވެސް ބަލިތަކަށް ބޭނުންކުރާ ބޭސް ހިމެނެއެވެ.
މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޭސްތައް ލިބުން ދަތިވީ ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރަން ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްތުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލުމުން ކަމަށެވެ.
ރައީސް ވިދާޅުވީ ބައެއް ކުންފުނިތަކުން، ބައެއް މުހިންމު ބޭސް ސަޕްލައިކުރަމުން އައި އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސެންޓުން އެ ކުންފުނިތަކަށް ފައިދާ ޖެހޭ ގޮތަށް ކަމަށެެވެ.
ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.
އާސަންދަ ފިޔަވައި އެހެނިހެން ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހޭދަ ވަނީ ދަށްވެފައެވެ.

އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުން ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީއަށް މިއަހަރުގެ ތެރޭގައި ކޮށްފައިވާ ޚަރަދު ވަނީ، ނިމިދިޔަ އަހަރާ އަޅައިބަލާއިރު 4.9 އިންސައްތައިން ދަށްވެފައެވެ. ސަބްސިޑީއަށް މި އަހަރުގެ މިހާތަނަށް ހިނގާފައިވާ ޖުމުލަ ޚަރަދުގެ 35.6 އިންސައްތައަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ސަބްސިޑީތަކަށް ހޭދަކޮށްފައިވާ މިންވަރަށްވުރެ 23.7 އިންސައްތަ ދަށް އަދަދެކެވެ.
އެހެނިހެން ޚަރަދުތަކަށް ބަލާއިރު، ދައުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ، ނިމިދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، މިމަހުގެ 15ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޚަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ބަޖެޓުން އެ މުއްދަތުގެ ނިޔަލަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް އަދަދެކެވެ.
މިއަހަރު ދައުލަތުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ ޢަދަދުގެ ތެރެއިން 59.2 އިންސައްތައަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ޚަރަދުތަކެވެ. އެގޮތުން، އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ޚަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 71.7 އިންސައްތައިން ދަށްވެ، އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ރެކޯޑުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދަށްވުރެ 10.0 އިންސައްތަ ދަށް އަދަދެކެވެ.