އިސްރާއީލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ޖާސޫސީ މައުލޫމާތު ލިބިއްޖެ

އީރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އިސްރާއީލުން ހަމަލާދޭން އުޅޭކަމުގެ ޖާސޫސީ ރިޕޯޓު ވަނީ ލިބިފައި، ފޮޓޯ/ރޮއިޓާސް

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމުއް އެކުލަވާލުމުގެ މަސައްކަތް އެމެރިކާއިން ކުރަމުން ދިޔަ ނަމަވެސް އީރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާ ދިނުމަށް އިސްރާއީލުން ތައްޔާރުވަމުން އަންނަ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންތަކަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުން އެ ހަމަލާދިފިނަމަ، އެއީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ޚިޔާނާތްތެރިވުމެވެ. މީގެ އިތުރުން މެދުއިރުމަތީގައި ސަރަހައްދީ ހަމަނުޖެހުމެއް ފެށުމުގެ ނުރައްކާ ވެސް އޮންނާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

އެ ހަމާލާ ދިނުމަށް އިސްރާއީލުން މިހާރު ވަނީ ވައިގެ ތަމްރީނުތަކެއް ނިންމާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ނަމަވެސް ހަމަލާދިނުމަށް އިސްރާއީލުން ނިންމާފައިވާކަން ކަށަވަރު ނުވާ ކަމަށާއި އެކަން އެގޮތަށް ކޮށްފާނެ ކަމާމެދު އެމެރިކާގެ ސަރުކާރު ތެރޭގައި ޚިޔާލުތަފާތުވުން އެބައޮތް ކަމަށް އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ބުނެއެވެ.

އީރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އިސްރާއީލުން ހަމަލާއެއް ދިނުމުގެ ފުރުސަތު ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މި މައްސަލައާ ގުޅޭ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާއަށް އަހުލުވެރި އެހެން މީހަކު ބުންޏެވެ.

ޓްރަމްޕް ވަނީ އީރާނާއެކު އާ ނިއުކްލިއާ އެއްބަސްވުމެއް ހަދަން އެމަނިކުފާނުގެ ވެރިކަމުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެނަމަ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެކުރިން ދެއްވާފައެވެ.

މާޗް މަހުގެ މެދުތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީއަށް ފޮނުއްވެވި ސިޓީފުޅެއްގައި މަސައްކަތްތައް ކާމިޔާބު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ކަމަށް އެކަމަށް އަހުލުވެރި މަސްދަރަކުން ބުނެއެވެ. އެ ސިޓީ ފޮނުވިތާ މިހާރު 60 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ފުރަތަމަ ބުރުގެ މަޝްވަރާތައް ފެށިތާ 38 ދުވަސް ފާއިތުވެއްޖެއެވެ.

އެމެރިކާއާއެކު ކުރާ ނިއުކްލިއާ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ލިބޭނެ ކަމަކަށް ނުބެލެވޭ ކަމަށް ޚާމަނާއީ އިއްޔެ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް