އެމެރިކާގެ ވޮޝިންގްޓަނުގައި ހުންނަ އިސްރާއީލުގެ ދާރުލްއާސާރެއްގެ ކައިރީ ބަޑިން ހަމަލާދީ މަރާލި އިސްރާއީލު އެމްބަސީގެ ދެ މުވައްޒަފުންނަކީ ދެ ލޯބިވެރިން ކަމަށާއި، އެ މީހުން ތައްޔާރު ވަމުން އައީ އަންނަ ހަފުތާގައި އެންގޭޖެވާން ކަމަށް އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު ޔެޗިއެލް ލެއިޓާއާ ހަވާލާދީ ބީބީސީއިން ރިޕޯޓުކޮށްފިއެވެ.
އެ ދެމީހުންނަކީ ޔާރޮން ލިޝިންސްކީ އާއި ސާރާ ލިން މިލްގްރިމްއެވެ.
މުވައްޒަފުން މަރާލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.
"ސާފުކޮށް އެނގޭ ގޮތުގައި މިދީ ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ބިނާވެފައި އޮތް ކަމެއް. މިކަން ނިމުމަކަށް ގެންނަޖެހޭ." ޓްރަޕްގެ ޓްރަތް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
އެ ދެ މުވައްޒަފުން މަރާލާފައި ވަނީ ކެޕިޓަލް ޖުވިޝް މިއުޒިއަމް ކައިރިން މަގުމަތިން ދަނިކޮށް ދިން ބަޑީގެ ހަމަލާތަކެއްގައެވެ. އިސްރާއީލުގެ ވެރިން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
އެ ހަމަލާދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވޮޝިންގްޓަންގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އޮފިޝަލުން ވިދާޅުވީ އަންހެނަކާއި ފިރިހެނަކަށް ބަޑިން ހަމަލާދިނީ މިއުޒިއަމް ބޭރުގައި ހުރި މީހަކު ވަރަށް ބާރަށް އެ މީހުންނާ ދިމާލަށް ދަމުން "ފްރީ ޕަލެސްތީން" ގޮވަމުން ގޮސް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ މިއީ ބިރުވެރި ކަމެއް ކަމަށާއި މިއީ ޔަހޫދީންނާ ދެކޮޅު އަނިޔާވެރިވުން ކަމަށެވެ. އަދި އެ ކަމުގައި ޒިންމާވާ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ.