ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ ބަންދު' ޖަހައިފައި ތިބި މީހުން އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ޓެގް އަޅުވައި ދޫކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމައިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން, އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް އެ އޮފީހުން ނިންމައިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ވާނުވާ ޖަހައިފައިވާ މީހެއްގެ ބަންދަށް ލުއި ދިނުމުގެ ކުރިން އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށެވެ. އެގޮތުން، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަންސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ އެސެސްމަންޓު ތައްޔާރުކުރާނީ ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުން ކަމަށާއި، އެ އެސެސްމެންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓާކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރަން ވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ފުލުހުން ފޮނުވާ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވޭނެކަމަށް އެ އޮފީހަށް ފެންނަނަމަ ކަމަށެވެ.

ގައިދީއެއް: ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ކުށެއް ސާބިތުނުވަނީސް، ބައެއް ފަހަރު އެތައް އަހަރެއް ބަންދުގައި ހޭދަ ކުރަންޖެހޭ -- ފޮޓޯ/ ކަރެކްޝަންސް
އެއަށްފަހު ބަންދަށް ލުއި ދޭން ކޯޓަށް ހުށަހަޅާނެ ކަމަށާއި، ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުތަކެއްގެ ގޮތުގައި ކަމަށް ބަޔާނުގައިވެއެވެ. އެ 100 ދުވަސް ހަމަވުމުން ޕީޖީ އޮފީހުން ޝަރުޠުތައް މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށާއި އެ މުއްދަތުގައި އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، މިއަދުން ފެށިގެން އެކަމަށް ސަބަބާއެކު އެދެވޭނެ ކަމަށެވެ. އެގޮތުން އެ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އިން ހުށަހެޅުމުގެ ފުރުސަތާއި އެ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލު މެދުވެރިކޮށް ލުޔަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
އެ ކަމަށް އެދޭ ފޯމު، މިހާރު އެ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބޭނެކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ. އަދި ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ވެސް އެ ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ވާނުވާ ބަންދު ޖަހައިފައި ތިބި މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދޭ ގޮތަށް ދޫކޮށްލުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)އާއި ޕީޖީއާ މަޝްވަރާކުރައްވާނެ ކަމަށް މިމަހުގެ ހަތް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ތިބޭ މީހުން ކުށެއް ސާބިތުނުވަނީސް، އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭ ހާލަތްތައް ބައެއް ފަހަރު ދިމާވާއިރު، އެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ފެބްރުވަރީ މަހު ޕީޖީ އޮފީހުން ދެ ފޯރަމެއް ބާއްވައިފައިވެއެވެ. އެ ފޯރަމްގައި ވަނީ ވާނުވާ ބަންދު ޖަހައިފައި ތިބި މީހުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ މީހުން މޮނިޓާ ކުރެވޭ ނިޒާމެއްގެ ތެރެއިން ދޫކޮށްލުމަށް މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގައި މައްސަލައެއް ނެތް ކަމަށާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުންކަމަށް ވެސް އެ ފޯރަމްގައި ނިންމިއެވެ.
މީގެ ކުރިން ވެސް، ކުށްވެރިން ޖަލުން ދޫކޮށްލުމަށް ފަހު މޮނިޓާ ކުރަން ޓެގު އެޅުވި ނަމަވެސް، ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓުނީއެވެ.
ޕީޖީ އޮފީހުން މާރިޗް މަހު ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 417 މީހުންނަށް ވާނުވާ ބަންދު ޖަހައިފައިވެއެވެ. އޭގެ ތެރެއިން 57 މީހުންނަކީ ޖާގައިގެ ދަތިކަމުގެ ސަބަބުން ރިމާންޑު ޖަލުތަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ.
އެ އޮފީހުން ބުނީ، ރިމާންޑު ޖަލުތަކަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 10 މީހަކު 200 ދުވަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ.
ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު، ބަންދުގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. އަށް މީހަކު ފަސް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 22 މީހަކު ޖަލުތަކުގައި ތިބި ކަމަށް ޕީޖީ އޮފީހުގެ ރިޕޯޓުގައިވެއެވެ.