އަލީއަށް 44 މިލިއަން ދިން މައްސަލަ އަވަސްކުރަން ޕީޖީން އެދުނުތާ 5 މަސް، އަދިވެސް ނުނިމޭ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާއަށް މަޝްރޫއެއް ހަވާލުކޮށްގެން ފައިސާ ދިން މައްސަލައިގެ ޖިނާއީ ތަހުގީގު އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ފަސް މަސް ކުރިން ފުލުހަށް އެންގި ނަމަވެސް، އަދިވެސް އެ މައްސަލައިގެ ތަހުގީގު ނުނިންމާ ކަމަށް ޕީޖީން މިއަދު ބުނެފިއެވެ.

އާސަންދަ ކުންފުނިން ހުށަހެޅި މައްސަލައާ ގުޅިގެން އެ މައްސަލައިގެ ތަހުގީގެއް ހިންގަން ފުލުހަށް ފޮނުވީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ. އެއާއެކު ޕީޖީ އޮފީހުން އެ މައްސަލައިގެ ތަހުގީގު އަވަސްކުރަން ފުލުހަށް އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އެކަން އެހެން އޮއްވައި، އަލީ ހަމީދުގެ ކުންފުންޏަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހަ ބުރީގެ ހޮސްޕިޓަލެއް އެޅުމަށް ދިން އެޑްވާންސް ފައިސާއާ ގުޅިގެން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން އޮޑިޓް އޮފީހުގެ ތަފާސްހިސާބުތަކުން މިވަނީ ދައްކައިފައެވެ.

https://sun.mv/206344

އޮޑިޓް އޮފީހުން ނެރުނު އާސަންދަ ކުންފުނީގެ މިދިޔަ އަހަރުގެ ފައިނޭންޝަލް ސްޓެޓްސްގައިވާ ގޮތުން އެ ފަހަރު އެޑްވާންސް ފައިސާގެ ގޮތުގައި ދިން ޖުމްލަ ފައިސާގެ އަދަދަކީ 44،288،116 ރުފިޔާއެވެ.

އެ މައްސަލައާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. ތަހުގީގުގެ އަޕްޑޭޓްތައް ޕީޖީ އޮފީހަށް ލިބެމުން ދިޔަ ނަމަވެސް އެ އަޕްޑޭޓްތައް އަދި އެއްކޮށް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ޑިސެމްބަރު 29، 2016ގައި އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އާސަންދަ ކުންފުނިން, ހަ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ 61 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެ ފަހުން އާސަންދައަށް ކުރިމަތިވި ބަޖެޓުގެ މައްސަލަތަކާ ގުޅިގެން އެ ޕްރޮޖެކްޓު މަޑުޖައްސާލަން އެންގިއެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރުން: އޭނާގެ ކުންފުންޏަށް ދިން ފައިސާގެ ސަބަބުން އާސަންދައަށް ބޮޑު ގެއްލުމެއް-- ފޮޓޯ/ އެމްޑީޕީ

އެ ފަހުން މިދިޔަ ސަރުކާރުގައި ގެއްލުމުގެ ބަދަލުގައި އިތުރު 44 މިލިއަން އެޑްވާންސް ފައިސާގެ ގޮތުގައި އެ ކުންފުންޏަށް އާސަންދައިން ދިނެވެ. އެއީ ޖެނުއަރީ 25, 2023 ވަނަ އަހަރުއެވެ.

އޭނާ ވަނީ އެ އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު, އޭނާ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވި ޖުމްހޫރީ ޕާޓީ ދޫކޮށް އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ދިރިއުޅުއްވި މުލިއާގޭގައެވެ.

ސޮއިކުރެއްވިއިރު އަރިހުގައި ތިއްބެވީ ސޯލިހާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އޭރު އެމްޑީޕީގެ އިސް މަޖިލިސް މެންބަރުންގެ އިތުރުން އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

https://www.sun.mv/200723

އެ ދުވަސްވަރަކީ އެމްޑީޕީ ދެބައިވެ, ސޯލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގުޅުން އެންމެ ގޯސްވި ދުވަސްވަރެވެ. ފަހުން އެމްޑީޕީން 12 މެންބަރުން ވަކިވެ ވަނީ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް ހަދައިފައެވެ. އެހެންކަމުން މެންބަރު އަލީ ހަމީދުވީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރަށް މުހިންމު މެންބަރަކަށެވެ.

ނަމަވެސް އޭނާ ފަހުން ވަނީ އެމްޑީޕީއަށް އެ އަހަރު އޮތް ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން, އިންތިޚާބު ކާމިޔާބު ކުރި, މިހާރު ވެރިކަން ކުުރާ ޕީއެންސީއަށް ސޮއިކުރި 13 މެންބަރުންގެ ތެރޭގައި ވެސް ހިމެނިފައެވެ.

އޭރު އެޑްވާންސްގެ ގޮތުގައި އެ ފައިސާ ދީފައި ވަނީ އިކޮނޮމިކް ކައުންސިލާ ވެސް މަޝްވަރާކޮށްފައެވެ.

ބަދަލާއެކު އަލުން އެ ޕްރޮޖެކްޓު ހަވާލުރީ ހުޅުމާލޭގައި 10 ބުރީ އިމާރާތުގެ ހޮސްޕިޓަލެއް އެޅުމަށެވެ.

ނަމަވެސް ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ނުހިނގައެވެ.

comment ކޮމެންޓް