މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ރާއްޖެ ޕްރޮމޯޓު ކުރުމަށް ޓަކައި އިންޑިއާގެ މަޝްހޫރު ފިލްމު ޑިރެކްޓަރު، ޕްރޮޑިއުސަރު އަދި ކޮރިއޯގްރާފަރު، ފަރާ ޚާނާއެކު ޚާއްސަ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ރަށްތަކުގައި ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓުކުރަން ޖޫން ފަހަކުން އަށަކަށް، ފަރާ ރާއްޖޭގައި ހުންނާނެ ކަމަށެވެ. އެ ޚާއްސަ ޕްރޮޖެކްޓުގެ ތެރެއިން ރާއްޖޭގެ ރިޒޯޓުތަކާއި ރަށްތަކުގެ މުއްސަނދި ސަގާފަތް 'ކޮމެޑިކް ނެރޭޓިވް' އަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި ޕްރޮޖެކްޓުގެ މަގުސަދަކީ ދިވެހި ސަގާފަތުގެ މުއްސަނދިކަމާއި، އަދި ވަކީން ޚާއްސަކޮށް އީދު ފަދަ މުނާސަބުތައް ރާއްޖޭގައި ފާހަގަކުރާ ގޮތް ދުނިޔެއަށް ދައްކައިލުމެވެ.
ފަރާއަކީ ބޮލީވުޑްގެ އެންމެ 'އައިކޮނިކް' ބައެއް ނެށުންތަކެއް ގެނެސްދީ، އެތައް ހިޓު ފިލްމެއް ޕްރޮޑިއުސްކޮށްދީފައިވާ، ފިލްމް އިންޑަސްޓްރީގައި ނުފޫޒުގަދަ ފަރާތެކެވެ. އޭނާގެ ފޮލޮވަރުން ސޯޝަލް މީޑިއާގައި 13 މިލިއަނަށްވުރެ އިތުރެވެ.
އޭނާ ޑައިރެކްޓު ކުރި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި އޯމް ޝާންތީ އޯމް، ތީސް މާރް ޚާން އަދި ހެޕީ ނިއު އިޔާ ހިމެނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، މިއީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައާއި ޖަޒީރާ ދިރިއުޅުން ދުނިޔެއަށް ދައްކުވައިދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް، ލިވަޕޫލާއެކު ވެސް އެ ކުންފުނިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއް ހަދައިފައެވެ.
އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމަކީ ރާއްޖެއަށް ހަދައި، ދަތުރުފަތުރުގެ އެންމެ މަތީ އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.