ކާންސްގައި އައިޝްވާރިޔާގެ ފެނިލުން: މީޑިއާއަށް ދިން މެސެޖެއްބާ؟

އިންޑިއާގެ ބަތަލާ އައިޝްވާރިޔާ ރާއީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި--ފޮޓޯ/ޕިންކްވިލާ

ކޮންމެ އަހަރަކު އެއް ފަހަރު ފަރަންސޭސިވިލާތުގައި ބާއްވާ ކާންސް ފިލްމު ފެސްޓިވަލަކީ ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހޯދާ އެއް ފިލްމު ފެސްޓިވަލެވެ.

މި ފެސްޓިވަލުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ފިލްމީ ތަރިންނާއި ފަންނާނުން ބައިވެރިވާއިރު މިފަހަކަށް އައިސް އިންޑިއާގެ ފިލްމީ ތަރިން މި ފެސްޓިވަލުން ފެންނަ މިންވަރު އިތުރުވުމާ އެކު އާއްމުންގެ ސަމާލުކަން ހޯދާ މިންވަރު ވެސް ވަނީ މަތިވެފައެވެ. އިންޑިއާގެ ފިލްމީ ތަރިންގެތެރެއިން ކާންސް ފިލްމު ފެސްޓިވަލުގައި އެންމެ ދިގު ތާރީޚެއް އޮތީ ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އަތުގައެވެ.

ކާންސް ފިލްމު ފެސްޓިވަލް ހުޅުވާލަދިނުމުގެ ޝަރަފު އެންމެ ފުރަތަމަ ހޯދި އިންޑިއާގެ ފިލްމީ ތަރި އަންނަނީ 2002 ވަނަ އަހަރުން ފެށިގެން މި ފެސްޓިވަލުގެ ރެޑް ކާޕެޓުން އާއްމުންނާ ބައްދަލުކުރަމުންނެވެ. އެގޮތުން އައިޝްވާރިޔާ ކާންސްގައި ދައްކާލާނެ ސްޓައިލަށް ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރަމުން އަންނައިރު ބައެއް އަހަރުތަކުގައި ބަތަލާއަށް ބެލުންތެރިންގެ ތައުރީފު ލިބުނުއިރު ލިބުނު ފާޑުކިޔުންތައް ވެސް މަދެއް ނޫނެވެ.

ވޭތުވެދިޔަ ދެ ތިން އަހަރު އައިޝްވާރިޔާ ކާންސް ފެސްޓިވަލުގައި ބައިވެރިވެފައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ކޮންމެއަކަސް މި އަހަރު އައިޝްވާރިޔާ ކާންސް ފިލްމު ފެސްޓިވަލުގައި ފެނުނު ސްޓައިލުން އާއްމުންނަށް ހައިރާންކަމެއް ލިބުނުއިރު ގިނަ ބަޔަކު ބުނީ ބަތަލާގެ ލުކް އަކީ ހަގީގަތުގައި އައިޝްވާރިޔާގެ ކައިވެންޏާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާ މީހުންނަށް ދިން ވަރުގަދަ ރައްދެއް ކަމަށެވެ.

އަގުބޮޑު ގަހަނާއާ އެކު އައިޝްވާރިޔާ މި ފަހަރު ފެނުނީ ހުދުކުލައިގެ އިންޑިއާގެ ސަޤާފީ ސާރީއެއްގައެވެ. އައިޝްވާރިޔާގެ ހެދުން އެޅުމުގެ ވަށްޓަފާޅިއާ އެކު ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ އަލަތު ކައިވެނީގައި އާއްމުކޮށް އިންޑިއާގެ އަންހެނުން ފެންނަ ގޮތަށް ބަތަލާގެ ސްޓައިލް ހުރުމުންނެވެ.

އާއްމުކޮށް ވަރަށް ގޮތް ބޮޑު ގޮތަކަށް މި ފެސްޓިވަލުގައި ފެންނަ ބަތަލާގެ ފަރާތުން އާއްމުން ފެންނަން ބޭނުންވި ޑްރެމެޓިކް ސްޓައިލް ނެތުމުން މިއީ އައިޝްވާރިޔާ އާއި ފިރިމީހާ އަބީޝެކްއާ ދެ މީހުންގެ ކައިވެނީގައި މައްސަލަ ޖެހިގެން އުޅޭކަމަށް ބުނި މީހުންގެ އަނގަ ބަންދުކޮށްލުމަށް ދިން މެސެޖެއް ކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި އަހަރުގެ ކާންސް ފެސްޓިވަލުގައި އައިޝްވާރިޔާ ބޭނުންކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާގެ ފޭރާމާއި ގަހަނާއެވެ.

comment ކޮމެންޓް