ބްރޯޑްކޮމް ސާވާ މައްސަލަޖެހުން: ސުވާލު އުފެދޭ ކަމެއް ފާހަގަވެ، އައިޓީ އޮފިސަރު ސަސްޕެންޑުކޮށްފި

ބްރޯޑްކޮމް ---

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސާވާތަކެއް ކުއްލިއަކަށް މައްސަލަ ޖެހުމާއެކު ސުވާލު އުފެދޭ ކަންތައްތަކެއް އެކަމުގައި ހުރުމުން އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހްމަދު ފަޒީލް މިއަދު ސަސްޕެންޑުކޮށްފިއެވެ.

ބްރޯޑްކޮމްގެ ސާވާއެއް މައްސަލަ ޖެހިގެން މިއަދު އެ ކޮމިޝަނުން ވަނީ ފުލުހުންގެ އެހީ ވެސް ހޯދައިފައެވެ.

ފުލުހުން ބުނީ ބްރޯޑްކޮމުން އެދިގެން، އެ މައްސަލަ ހައްލުކޮށްދޭން ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓީމެއް ކޮމިޝަނަށް ދިޔަ ކަމަށެވެ. އަދި ދިޔައީ މައްސަަލައެއްގެ ތަހުގީގަށް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުގެ ސާވާއަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދެވި ތަހުލީލުން ވަނީ ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައެވެ.

އެހެންވެ އެ ކޮމިޝަންގެ އައިޓީ އޮފިސަރު އަޙްމަދު ފަޒީލް މާދަމައިން ފެށިގެން އިދާރީ ގޮތުން ހަތް ދުވަހަށް ސަސްޕެންޑްކުރުމަށް ނިންމާފައިވާ ކަމަށް ވަނީ އެނގިފައެވެ.

ކުއްލިއަކަށް ބްރޯޑްކޮމްގެ ސާވާ މައްސަލަ ޖެހުނުއިރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ ކޮމިޝަނުގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

https://sun.mv/206305

އެގޮތުން ކޮމިޝަނުގެ މެންބަރުންގެ ދަށުން މަސައްކަތްކުރާ 18 މުވައްޒަފެއްގެ ސޮއާއެކު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މިދިޔަ އާދިއްތަ ދުވަހު، މަޖިލީހަށް، އެ މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅުއްވައިފައެވެ.

ޕެޓިޝަން ހުށަހެޅިފަހުން، އިއްޔެ ވަނީ, ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ ކަމަށް ކޮމިޝަނުން ނިންމައި, އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑު ކޮށްފައެވެ.

އެއާއެކު އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މިއަދު ވަނީ މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައެވެ.

https://www.sun.mv/206267

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ބްރޯޑްކޮމްގެ ރައީސް ޞަފާ "ސަން" އަށް ވިދާޅުވީ އޭނާ އާއި ކޮމިޝަންގެ އެހެން މެންބަރުން ވެސް މަސައްކަތް ކުރަމުން އަންނަނީ މުވައްޒަފުންނާ ވަރަށް ގާތުން, ގުޅިގެން ކަމަށެވެ.

މުވައްޒަފުންގެ ވާހަކަތައް އަބަދުވެސް އަޑުއަހާ ކަމަށާއި ނަމަވެސް ޕެޓިޝަންގައި އެ އޮތް ބޮޑެތި ކަންބޮޑުވުންތަކަކީ އޭނާ އާއި ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައިވާ ކަންކަން ނޫންކަން ޞަފާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް