ރާއްޖޭގައި ވެސް ކޮވިޑު19 ކޭސްތައް މި ފަހުން އިތުރުވެފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި، އެހެންވެ ސަމާލުވާން އެދޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކޮވިޑު ކޭސްތައް އިތުރުވަމުން އަންނައިރު، ރާއްޖޭގައި ބަލީގެ ހާލަތު އޮތްގޮތާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން މިއަދު އެޗްޕީއޭއިން ބުނީ ރާއްޖޭގައި ވެސް ކޮވިޑު19 ކޭސްތައް އިތުރުވެފައިވާކަން ފާއިތުވި ހަފުތާތަކުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއާއެކު، މި ދުވަސްވަރު އާންމުކޮށް ރިޕޯޓުކުރާ، މޫސުމީ ރޯގާތައް ކަމަށްވާ، ޑެންގޫ، ވައިރަލް ފީވާ، އިންފްލުއެންޒާ ވެސް އާންމު މިންވަރަށްވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެހެންވެ އަމިއްލަ މީހާއާއި، އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުވާނެހެން، ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި ބަލިތަކުގެ ހާލަތު، ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުގައި ކޮވިޑު19ގެ ކޭސްތައް ފެންނަ މިންވަރު މި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
އެގޮތުން ތައިލޭންޑުގައި، މިދިޔަ ހަފުތާ ތެރޭ 50،000 އެއްހައި ކޮވިޑު ކޭސް މިދިޔަ ހަފުތާގައި އެކަނި ވެސް ރެކޯޑުކޮށްފައިވެއެވެ. އަދި މި އައުޓްބްރޭކް ކުރިއަށް އޮތް ދެ ތިން މަހަށް ދިގު ދެމިގެން ދާނެކަމަސް ލަފާކުރެވޭ ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލުން ބުނެއެވެ.
ކޮވިޑު ކޭސްތައް ކުއްލިއަކަށް އިތުރުވި ނަމަވެސް އެހެނިހެން ރޯގާތައް ރިޕޯޓުކުރާ އަދަދު ހުރީ އެއް ހަމައެއްގައި ކަމަށް ތައިލޭންޑުން ބުނެފައިވެއެވެ.
މީގެ އިތުރުން އަވައްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުން ވެސް ކޮވިޑު19 ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.