މައުރަޒުގެ އަމާޒަކީ 5 އަހަރުން ބައިނަލްއަގްވާމީ ބާޒާރުގައި ވިޔަފާރި ހިންގޭނެ ނިޒާމު ގާއިމްވުން: ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ރައީސް މުއިއްޒު ---- ފޮޓޯ/ ރައީސް އޮފީސް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުން ބައިނަލްއަގުވާމީ ބާޒާރުގައި ވިޔަފާރި ހިންގޭނެ ނިޒާމެއް ގާއިމުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމުތައް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އެ މައުރަޒު ބޭއްވުމަށް ގިނަ ތައްޔާރީތަކެއްވި ކަމަށެވެ.

އެ މައުރަޒަށް ތައްޔާރުވުމުގައި ހަރަކާތްތެރިވި ހުރިހާ އެންމެނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، 1990ގެ އަހަރުތަކުގައި 215 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ އުފެއްދުންތެރިކަން މިއަދު 6.6 ބިލިއަން އެމެރިކާ ޑޮލަރައަށް އުފުލިފައިވާ ކަމަށެވެ.

މިއަދު، މައުރަޒެއް ބޭއްވުމުން ނުފުދޭ ކަމަށާއި ''ކްރިއޭޓިވް އިކޮނޮމީ" އަކީ ދަންނަ ދާއިރާއެއް ކަމުގައި ނަހައިދައިފިނަމަ، ޒުވާނުންނަށް ފައިދާއެއް ކޮށްދިނުމުގެ ވާހަކަ ދެއްކި ނަމަވެސް ހަގީގީ ފައިދާ ނުލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންވެ، ކްރިއޭޓިވް އިކޮނޮމީ ވަރަށް ބޮޑަށް މެއިންސްޓްރީމް ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވާތީ އެތައް އަހަރަކަށް ފަހު އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަފާތު އުފެއްދުންތަކެއް ހިމަނާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މާދަމާ ފެށުމަށް ތައްޔާރުވެފައިވާ އެ މައުރަޒުގައި، ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ ސަރަހައްދަކާއި، ޑިޖިޓަލް ޑިސްޓްރިކްޓަކާއި، ދިވެހިން އުފައްދާ ތަކެތި ވިއްކޭނެ ސަރަހައްދެއް ހުންނާނެއެވެ.

ސައީދު ވިދާޅުވީ، އެ މައުރަޒުގެ ނަތީޖާއަކަށް ވާނީ މި ފަސް އަހަރު ނިމޭއިރު، ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ދިވެހި ވިޔަފާރިތަކުން އުފައްދާ ތަކެތި، ރާއްޖެއާ ރާއްޖޭން ބޭރުގެ ބާޒާރުތަކަށް ފަސޭހަކަމާއެކު ވިއްކައި ވިޔަފާރިކުރެވޭނެ ނިޒާމެއް ގާއިމުކުރެވުން ކަމަށެވެ.

"ރާއްޖޭގެ އިގުތިޞާދަށް ޓުއަރިޒަމްގެ ވަރުގަދަކަމާއެކުގައި ވެސް އެ އިންޑަސްޓްރީ ވަރުގަދަކުރަން މަސައްކަތް ކުރަމުން، ރާއްޖޭގެ އިގުތިޞާދު ސިންދަފާތު ކުރެވިގެން ތަފާތު އެކި ސިނާއަތްތަކުން ދިވެހިރާއްޖޭގެ އިގުތިޞާދަށް ފައިދާކުރުވާނެ ގޮތަކަށް ރާއްޖޭގެ އިގުތިޞާދު ބައްޓަން ވެގެން އައުން،" ސައީދު ވިދާޅުވިއެވެ.

އެ ނަތީޖާ ނެރުމުގައި ލިބޭ ހިތްވަރަކީ ޒުވާން އުފެއްދުންތެރިން މައުރަޒުގައި ބައިވެރިވުން ކަމަށް ސައީދު ވިދާޅުވިއެވެ.

https://sun.mv/206365

އެ މައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ވަނަތައް ހަވާލުކުރަމުން އަންނައިރު، އެ ވަނަތައް ކަނޑައަޅާފައިވަނީ އެ ކަމަށް ޚާއްސަ ޕެނަލަކުން ފަނޑިޔާރުކަން ކޮށްގެނެވެ. އެގޮތުން، އެކި ގިންތިތަކުން އެއްވަނައާއި ދެވަނަ އަދި ތިންވަނައަށް އައި ބައިވެރިންނަށް އަންނަނީ އިނާމުތައް ހަވާލުކުރަމުންނެވެ.

އޭގެތެރޭގައި، ލިޔެލާ ޖެހުމުގެ ދާއިރާއާއި އާޓުގެ ދާއިރާ ހިމެނެއެވެ.

މާދަމާ ރޭ ހުޅުވާ މި މައުރަޒު، މި މަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން މި މައުރަޒުގައި ބައިވެރިވެފައިވާއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ.

މި މައުރަޒުގައި ދިވެހި ބޭސްވެރިކަމާއި ގަހަނާއާއި ދިވެހީންގެ ތަފާތު ހުނަރުތަކާ އުފެއްދުންތައް ފެންނާނެއެވެ.

މިއީ ދިވެހީންގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ފެންނާނެ އެންމެ ބޮޑު މައުރަޒެވެ.

comment ކޮމެންޓް