ފުރަންދިޔަ ބިދޭސީއެއްގެ އަތުން ނެގި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަވާލުކުރަން 5 އަހަރުފަހުން އަންގައިފި

ވީއައިއޭގައި ތިބި ފަސިންޖަރުންތަކެއް: ފުރަންދިޔަ ބިދޭސީއެއްގެ އަތުން ފެނުނު ބޭރު ފައިސާތަކެއް ފަސް އަހަރުފަހުން ހަވާލުކުރަން އަންގައިފި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާއަށް ދާން ފުރަންދިޔަ ބިދޭސީއެއްގެ އަތުން މީގެ ފަސް އަހަރު ކުރިން ފެނުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާ، އޭނާއާ ހަވާލުކުރުމަށް ފުލުހުންނަށް އަންގައި، ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ސެޕްޓެމްބަރު 15، 2019ގައި މުރުގޭޝް ކަރުނަ ނިދީ ކިޔާ އިންޑިއާ ރައްޔިތެއް ފުރަން ގޮސް ހުއްޓައި، އޭނާ އަތުން ފެނުނު 60،037 އެމެރިކާ ޑޮލަރާއި 5،415 ޔޫރޯ ފެނިގެން ކަސްޓަމްސްއިން ވަނީ މަނީ ލޯންޑަރިންނާއި ޓެރަޒިމަށް ފައިނޭންސް ކުރުމުގެ ތުހުމަތުގައި އޭނާ ހިފަހައްޓައިފައެވެ. އެ މީހާގެ އަތުން ފެނުނު ފައިސާތައް ކަސްޓަމްސްއިން ހަވާލުކުރީ ފުލުހުންނާއެވެ.

މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވުމުން ދައުވާ ނުކުރަން ނިންމައި ފައިލްކޮށްފައިވާ ކަމަށާއި ފައިސާތައް އަނބުރާ ހަވާލު ނުކުރެވޭނެ ކަމަށް ފުލުހުން ވަނީ މުރުގޭޝަށް އަންގާފައެވެ.

އެކަމަކު، އެ ފައިސާތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ބުނެ، ފައިސާތައް އަނބުރާ ހޯދުމަށް މުރުގޭޝް ވަނީ ފުލުހުންގެ މައްޗަށް ދައުވާކޮށްފައެވެ.

ސިވިލް ކޯޓު--

ޝަރީއަތުގައި މުރުގޭޝް ފާހަގަކުރި ކަންކަން:

  • އޭނާއަކީ 'ކްރިޝްނާ ޕާޗޭސް'ގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަން
  • ސެޕްޓެމްބަރު 15، 2019ގައި އިންޑިއާއަށް ދިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ، ލިޔެކިޔުންތައް ހުށަހަޅައިގެން ކަސްޓަމްސްއިން އޭނާގެ އަތުގައި ހުރި ފައިސާތައް ޑިކްލަޔާ ކޮށްފައިވާކަން
  • ކަސްޓަމްސްއިން ފައިސާތައް ހިފެހެއްޓީ މަނީ ލޯންޑަރިންނާއި ޓެރެރިޒަމް ފައިނޭންސިންގެ ތުހުމަތުގައިކަން
  • ފައިސާތަކުގެ އަސްލު ބަޔާންކޮށްދިނުމަށް ކަމާ ގުޅޭ ހުރިހާ ލިޔުންތަކާއެކު އޭނާއަށް ފައިސާތައް ހަވާލުކުރި މީހުންގެ މައުލޫމާތުތައް ވެސް ހިއްސާކުރިކަން
  • ފައިސާތައް ހަވާލުކުރި މީހުންގެ ބަޔާން ފުލުހުން ނަގާފައިވާކަން
  • ފުލުހުން ފޮނުވި ސިޓީގައި ދައުވާ ކުރުމަށް އެކަށިގެންވާ ހެކި ނެތް ކަމަށް ބުނެ، ޕީޖީން މައްސަލަ ނުބަލަން ނިންމައިފައިވާކަން

މި މައްސަލައިގައި ހިފަހައްޓާފައިވާ ފައިސާތަކަކީ މުރުގޭޝްގެ އެއްޗެއްކަން ސާބިތުކޮށް ނުދެވޭ ކަމަށް ބުނެ ފުލުހުން ވަނީ އެ ފައިސާތައް ހަވާލުކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުރުގޭޝްއަކީ އިންޑިއާގެ 'ކްރިޝްނާ އެގްޒި ޕާޗޭސް'ގެ މެނޭޖަރެއް ކަމާއި އެއީ ރާއްޖޭގެ ކުންފުނިތަކަށް މުދާ ފޮނުވަދޭ ކުންފުންޏެއްކަން އެނގެއެވެ.

އެގޮތުން، އޭނާ ރާއްޖެ އަންނަނީ މުދާ ހިފައިގެން ކަމަށާއި ބައެއް ފަހަރަށް ރާއްޖޭގެ ކުންފުނިތަކަށް ފޮނުވާ މުދަލުގެ ރުފިޔާއާ ހަވާލުވުމަށް ވެސް ރާއްޖެ އަންނަކަން ތަހުގީގުގެ ލިޔުންތަކާ ބަޔާންތަކުން އެނގޭ ކަމަށް ހުކުމުގައި ބުނެއެވެ.

ހިފަހައްޓާފައިވާ ފައިސާތަކަކީ މުރުގޭޝްގެ މިލްކުވެރިކަމުގެ ދަށުގައި ހުއްޓައި، ހިފަހައްޓާފައިވާ ފައިސާއެއްކަމާއި އޭނާއާ ފައިސާތައް ހަވާލުނުކޮށް ހިފެހެއްޓުމުގެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮތް ކަމަށް ބުނެފައިވެއެވެ.

އެހެންވެ، މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ ވަނީ، މުރުގޭޝްގެ އަތުން ފެނިގެން ހިފަހައްޓާފައިވާ ފައިސާތައް ހިފެއްޓޭނެ ގާނޫނީ އަސާސެއް ކަމަށް ވިދާޅުވެ، އިއްޔެ އިން ފެށިގެން 15 ދުވަސް ތެރޭ އެ ފައިސާތައް ހަވާލުކުރަން ފުލުހުންނަށް އަމުރުކޮށްފައެވެ.

comment ކޮމެންޓް