ތިން ހާހަށްވުރެ ގިނަ ހުށަހެޅުމާއެކު، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައިފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުޅުވައިދެއްވުން ---- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން، މިހާތަނަށް ބާއްވާ މިފަދަ އެންމެ ބޮޑު، އަދި އެތައްސަތޭކަ ދިވެހި ފަންނުވެރިންގެ ހުށަހެޅުންތައް އެއް ތަނަކުން ފެންނާނެ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 3،000 އަށްވުރެ ގިނަ ހުށަހެޅުމަކާއެކު މިރޭ ހުޅުވައިފިއެވެ.

ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

މައުރަޒު ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އުފެއްދުންތައް ބައްލަވާލައްވާފައެވެ.

މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ސަރުކާރު އިދާރާތަކާއި ކެބިނެޓުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ---- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

މި މައުރަޒު ހުޅުވުމުގެ މުނާސަބަތުގައި މިރޭ ވަނީ ފަސް މިނެޓަށް ހަވާ ވެސް އަރުވާފައެވެ.

މިމަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒަށް ހުށަހެޅި 275 އުފެއްދުމަށް ވަނީ އެވޯޑުތައް ދީފައެވެ. އެ ވަނަތައް ކަނޑައަޅާފައިވަނީ އެ ކަމަށް ޚާއްސަ ޕެނަލަކުން ފަނޑިޔާރުކަން ކޮށްގެނެވެ. އެގޮތުން، އެކި ގިންތިތަކުން އެއްވަނައާއި ދެވަނަ އަދި ތިންވަނައަށް އައި ބައިވެރިންނަށް ވަނީ އިނާމުތައް ހަވާލުކޮށްފައެވެ.

https://sun.mv/206377

މި މައުރަޒު ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެއެވެ. އެއީ، ވާދުކުރުމުގެ ބަޔާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބައެވެ.

ހުރިހާ އަތޮޅުތަކުން އުފެއްދުންތައް ހުށަހަޅާފައިވާއިރު، އޭގެތެރެއިން އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ. 15 ދާއިރާއަކުން 81 ގިންތިއަކަށް ކުރިއަށް ގެންދާ މި މައުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ވަނީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ.

މި މައުރަޒުގައި ދިވެހި ބޭސްވެރިކަމާއި ގަހަނާއާއި ދިވެހީންގެ ތަފާތު ހުނަރުތަކާ އުފެއްދުންތައް ފެންނާނެއެވެ.

މިއީ ދިވެހީންގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ފެންނާނެ އެންމެ ބޮޑު މައުރަޒެވެ.

މިމަހުގެ ނިޔަލަށް މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 04:00 އިން 06:00އަށާއި ރޭގަނޑު 8:00 އިން 11:00ގެ ނިޔަލަށެވެ.

މި މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއާއި އެންޓަޓައިންމަންޓާއި މާކެޓު ޕްލޭސް ޑިސްޓްރިކްޓެއް ހިމެނެއެވެ. އެއާއެކު، ގިނަ އަދަދެއްގެ އާންމުން ވަނީ މި ހަރަކާތަށް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް