ސްޓެލްކޯގެ ކަރަންޓު ކޭބަލުތަކެއް ބުރިކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކޮށްފައި ވަނީ، ށ. މިލަންދޫ، ނަސީމީވިލާ އިސްމާއިލް ސަލީމެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތަކެއް ބުރިކޮށް، ގެއްލުން ދީފައިވާ މައްސަލައެއްގައި ކަމަށެވެ.
އެ ގެއްލުމުގެ ސަބަބުން ހަތް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެކުރިން ވެސް ސްޓެލްކޯ ސަބް ސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނެގި މައްސަލަތައް ފެންމަތިވެ، މީހުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ.
މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާއިރު، މިފަދަ މައްސަލަތަކުގައި ކޯޓަށް މީހުން ހާޒިރުނުކުރެވިގެން އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދެއެވެ.