ހުޅުމާލޭ ދެވަނަ ފިޔަވަހިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭން ގެއްލުނު ކުއްޖާ: އެ ކުއްޖާގެ މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައި -- ފޮޓޯ/ ފުލުހުން

ހުޅުމާލެ ދެވަނަ ފިޔަވަހިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) ކަމަށެވެ.

އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައި ކަމަށެވެ.

އެ މުއައްސަސާއިން ބުނީ، އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރު ކަމަށެވެ. އެ ކުއްޖާ ގެއިން ނުކުތްއިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި، މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އަލްޔާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު ކަމަށެވެ. އެ ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ވަނީ، އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

comment ކޮމެންޓް