ހޮލީވުޑް ޕޮޕް ކަލްޗާގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ގިނަ ދުވަހެއް ވަންދެއް އޭގެ ވާހަކަދެކެވޭ ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ "ޑެވިލް ވެއާސް ޕްރާޑާ"ގެ ސީކުއެލް އަންނަ އަހަރުގެ ތެރޭގައި ރިލީޒް ކުރުމަށް ތައްޔާރުވެއްޖެއެވެ.
އޭ-ލިސްޓު ތަރީންނާ އެކު އުފައްދައި، 2006 ވަނަ އަހަރު ނެރުނު ޑެވިލް ވެއާސް ޕްރާޑާއަކީ ވަގުތުން ބޮޑު ހިޓަކަށް ވެފައިވާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ އަދިވެސް ދައްކާއިރު ފިލްމުގެ ތީމްތަކާއި ކޮސްޓިއުމްތަކުގެ ނުފޫޒު އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދެއެވެ.
މެރިލް ސްޓްރީޕްއާއި އޭން ހެތަވޭގެ އިތުރުން އެމިލީ ބްލަންޓް އަދި ސްޓެންލީ ޓޫޗީ ލީޑުން ފެންނަ މި ފިލްމަކީ ފެޝަން މެގަޒިންއެއްގެ ތެރޭގައި ހިނގާ ތަފާތު އެކި ކަހަލަ ވާހަކަތައް ކިޔައިދޭ ޑްރާމާ ފިލްމެކެވެ.
މި ފިލްމުގެ ސީކުއެލްއެއްގެ މަސައްކަތް ފަށާފައިވާ ކަން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް އޭރު ފިލްމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެެއް ނުވެއެވެ. ދާދިފަހުން ޕްރޮޑަކްޝަނުން ވަނީ ފިލްމު ރިލީޒް ކުރާނެ ދުވަހެއް ހާމަކޮށްފައެވެ. އެގޮތުން ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސިނަމާއަށެވެ.
މި ފިލްމުގައި ފެންނާނެ ފުރަތަމަ ފިލްމަށް ފަހު ކަންތައް ވާގޮތެވެ. އެ ގޮތުން, އެސިސްޓެންޓެއްގެ ރޯލުން ފެންނަ އެމިލީ ބްލަންޓްގެ ކެރެކްޓާ މި ފިލްމުގައި ފެންނާނީ ކާމިޔާބު ގިނަ ވިޔަފާރިތަކެއްގެ ވެރިއެއްގެ ގޮތުގައެވެ. އަދި, އެއާ ޚިލާފަށް އެންމެ ނުފޫޒު ގަދަ ކެރެކްޓަރު (މެރީލް ސްޓްރީޕް ކުޅެފައިވާ ރޯލު) ފެންނާނީ ބަނގުރޫޓުވެ އާ ދިރިއުޅުމެއް ފެށުމަށް މަސައްކަތްކުރާ ތަނެވެ.
ދެ މީހުން އެކުގައި މަސައްކަތް ކުރަންޖެހޭ ގޮތް އާ ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެއާ އެކު މި ފިލްމުގައި މެރީލްއާއި އެމިލީ ލީޑުން ފެންނާނެއެވެ. ނަމަވެސް, އޭންގެ ކެރެކްޓަރު މި ފިލްމުން ފެންނާނެ ކަމާ މެދު އެއްޗެއް ނުބުނެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތްކުރަނީ ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އެލީން ބްރޮޝްއާއެވެ.