ޓޮމް ކްރޫޒްގެ ސްޓަންޓާއެކު ރެކޯޑު ފޮތަށް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ އެންމެ ފަހުގެ ފިލްމު "މިޝަން އިމްޕޮސިބަލް : ފައިނަލް ރެކަނިން"ގައި ހެދި ސްޓަންޓަކާއެކު ގިނެސް ވޯލްޑް ރެކޯޑު ފޮތުން ޖާހަގައެއް ހޯދައިފިއެވެ.

ޓޮމް ކްރޫޒް ލީޑުން ފެނިގެންދާ ވަރުގަދަ ފްރެންޗައިޒް ކަމަށްވާ މިޝަން އިމްޕޮސިބަލްގެ އެންމެ ފަހުގެ ފިލްމު މިހާރު އަންނަނީ ދުނިޔޭގެ ސިނަމާތަކުގައި ދައްކަމުންނެވެ. ގިނަ ބައެއްގެ މެދުގައި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ތަރުހީބު މިއޮތީ ދުނިޔޭގެ ރެކޯޑު ފޮތާ ހިސާބަށް ވެސް ފޯރާފައެވެ.

ގިނެސް އިން ހާމަކޮށްފައިވާ ގޮތުގައި ޓޮމް ކްރޫޒް ވަނީ ޕެރަޝޫޓެއް ބޭނުންކޮށްގެން ފުއްމާލުމަށްފަހު އެންމެ ގިނަ ފަހަރަށް އެ ރޯކޮށްލި މީހާގެ ރެކޯޑު ހޯދާފައެވެ. އެގޮތުން ސީނަކަށްޓަކައި އޭނާ ވަނީ 16 ފަހަރަށް ފުއްމާލައި ޕެރަޝޫޓުގައި ރޯކޮށްލައި މަންޒަރު ނަގާފައެވެ. މިއީ މިފަދަ ރެކޯޑެއް އޮތް ފުރަތަމަ މީހާއެވެ.

ގިނަ ބައެއްގެ މެދުގައި ޓޮމް ކްރޫޒް މަގުބޫލު ވެފައިވަނީ ވެސް އޭނާގެ ސްޓަންޓުތަކާ ގުޅިގެންނެވެ. ތަފާތު އެކި ކަހަލަ ބޮޑެތި ސްޓަންޓުތައް ހިމެނޭ ފިލްމުތަކުގައި މުޅީން ވެސް އެ މަންޒަރުތައް ކުޅެނީ ކްރޫޒްއެވެ. އޭގެތެރޭގައި ބޮޑެތި އިމާރާތުން ފުއްމާލުމާއި ފްލައިޓުން ފުއްމާލުން ފަދަ ބިރުވެރި އެކި ކަހަލަ ސްޓަންޓުތައް ހިމެނެއެވެ.

މިފަދަ ސްޓަންޓުތަކަކީ އެކަމަށް ހާއްސަކޮށް ބަޔަކު ތިބޭ ސްޓަންޓުތަކެކެވެ. ނަމަވެސް ކްރޫޒް އަކީ މިފަދަ ސްޓަންޓުތަކަށް ޝައުގުވެރިކަމެއް ހުރި ފަންނާނަކަށް ވުމުން އޭނާ އަމިއްލަ އަށް މި މަންޒަރުތަކަށް ޓްރެއިންވެ ސްޓަންޓުތައް ހަދައެވެ. މިޝަން އިމްޕޮސިބަލްގެ ކުރީގެ ފިލްމުގެ ކާމިޔާބު ކަމާ ގުޅިގެން ފޭނުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އޭނާ ހާއްސަ މެސެޖެއް ހެދިއެވެ. އެ މެސެޖު ހަދާފައިވަނީ ފްލައިޓަކުން ފުއްމާލަމުންނެވެ.

comment ކޮމެންޓް