މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، 'ޓޫ އޮފް އަސް'ގެ އާދަޔާޚިލާފު ހުނަރުން ފުރިގެންވި މިއުޒިކް ޝޯ، ކާމިޔާބުކަމާއެކު ރޭ ބާއްވައިފިއެވެ.
އޮލިމްޕަހުގައި ރޭ 08:45ކުން ފެށިގެން 00:30އާ ހަމައަށް ކުރިއަށް ގެންދިޔަ ޝޯއަކީ 'ހައުސް ފުލް' އަދި ބަލަންދިޔަ އެންމެންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ފޯރިގަދަ ޝޯއެކެވެ.
'ޓޫ އޮފް އަސް' ބޭންޑުގައި ހިމެނެނީ ލީޑަރު، އަހުމަދު އަދުހަމް (އަދޫ)އާއި، ޢަބްދުالله ޝަމްރޫޚާއި، މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި، އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ.
ޓޫ އޮފް އަސްއިން ބޭއްވި މި ޝޯ އެކި ގޮތް ގޮތުން ވަރަށް ޚާއްސައެވެ. މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބޭއްވި އެންމެ އަގު ބޮޑު ޝޯއެވެ. އަދި އިންޑިއާގެ ފަންނާނުންގެ ހުށަހެޅުންތައް ފެނުނު މި ޝޯ ހޯސްޓު ކުރީ ވެސް 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކޭތަން ސިންޚެވެ.

'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކޭތަން ސިންޚު -- ސަން ފޮޓޯ/ މޫސާ ނަދީމް
ރާއްޖެއާއި އިންޑިއާގެ ސަގާފަތް ތަޖުރިބާކުރަން ފުރުސަތު ލިބުނު މި ޝޯގައި އިންޑިއާގެ ފަންނާނުންނާއި ރާއްޖޭގެ ފަންނާނުން ވެގެން ވަނީ ހުނަރުން ފުރިގެންވާ ހުށަހެޅުންތަކެއް ދައްކާލައިފައެވެ. އެގޮތުން ރޭ އޮލިމްޕަހުގެ ސްޓޭޖު ފަޅުފިލުވާލަދިން ފަންނާނުންގެ ތެރޭގައި ހިމެނެނީ:
- އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' ބޭންޑު
- 2023 އަހަރު ނެރުނު ބޮލީވުޑް ފިލްމެއް ކަމަށްވާ 'އޯއެމްޖީ2'ގެ އެކްޓަރު އާރުޝް ވަރްމާ
- އިންޑިއާގެ މަޝްހޫރު ލިރިސިސްޓް ކަމަށްވާ އަމީތާބް ވަރްމާ
- ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް'
- މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ)
- ރާއްޖޭގެ ލެޖެންޑަރީ ގިޓަރިސްޓް، އަހުމަދު ފަސީހް (ފަސީ ލައިވް)ގެ ދަރިފުޅު ޖާވިދު އަހުމަދު ފަސީހް (ޖާ)ގެ ހުށަހެޅުން

'ޓޫ އޮފް އަސް'ގެ ލީޑަރު އަހުމަދު އަދުހަމް (އަދޫ)އާއި މިނިސްޓަރު އަސްވާޑު -- ސަން ފޮޓޯ/ މޫސާ ނަދީމް
ޝޯ ފައްޓަވައިދެއްވީ، މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަހީދު (އަސްވާޑު)އެވެ. އަދި ޑައިރެކްޓާ އޮފް އިންޑިއަން ކަލްޗަރަލް ސެންޓާ އަދި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން މަންޖިސްތާ މުޚާޖީ ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެއަށްފަހު 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ޝްރުތީ އަނިންދިތާ ވަރްމާ ވަނީ އެ މުބާރާތަށް ފަހު ޓޫ އޮފް އަސްއާއެކު އުފެދުނު ވަރުގަދަ ގުޅުމުގެ ވާހަކަ ކިޔައިދިފައެވެ. އޭނާ ވަނީ އެ މުބާރާތުގައި ޓޫ އޮފް އަސްގެ ހިތްވަރު ފާހަގަކޮށް، ބޭންޑުގެ ހުށަހެޅުންތަކަށް ތައުރީފުކޮށްފައެވެ.

'އޯއެމްޖީ2'ގެ އެކްޓަރު އާރުޝް ވަރްމާ -- ސަން ފޮޓޯ/ މޫސާ ނަދީމް
ޝޯގައި އެންމެ ފުރަތަމަ ޝިވޮހަމް ބޭންޑާއެކު ޕާފޯމް ކުރީ އާރުޝްއެވެ. އޭނާ ވަނީ ބޮލީވުޑް ލަވަތަކެއްގެ މޭޝް-އަޕްއެއް ޕާފޯމްކޮށްފައެވެ. އެއަށްފަހު ޝިވޮހަމް ބޭންޑުން ވަނީ ދިވެހީންނަށް ކަމުދާނެ ބޮލީވުޑްގެ އެކި ޖޯންރާތަކުގެ ލަވަތައް ހުށަހަޅައިދީފައެވެ.
ޝިވޮހަމް ބޭންޑާއެކު ދެން ފެނުނީ މަޝްހޫރު 'ލަވް އިޒް އަ ވޭސްޓް އޮފް ޓައިމް' ނުވަތަ 'އަލްވިދާ' ފަދަ ލަވަތައް ލިޔެފައިވާ އަމީތާބްގެ ފުރިހަމަ ހުށަހެޅުމެކެވެ. މިއިން ކޮންމެ ހުށަހެޅުމަކަށް ވެސް އޯޑިއެންސްގެ ބޮޑު ތަރުހީބު ލިބުނެވެ.

އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' ބޭންޑުގެ ލީޑު ސިންގާ އޯޑިއެންސާ އެންގޭޖް ވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ޝޯގެ ބެލުންތެރިން އެންމެ ހައިރާންކޮށްލި އެއް ކަމަކީ ޝޯގެ ހޯސްޓް، ކޭތަންގެ ހުނަރުވެރި ހުށަހެޅުމެވެ.
ޝޯގެ މިހާ ހިސާބުން ކޭތަން ވަނީ ޝިވޮހަމް ބޭންޑާ ގުޅިގެން، ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި ބޮލީވުޑްއިން މަޝްހޫރުވި ލަވަތަކެއްގެ މޭޝް-އަޕްއެއް ހުށަހަޅައިދީފައެވެ. އިންޑިއާގެ ސަގާފަތް އެ ހުށަހެޅުމުން ވަރަށް ބޮޑަށް ދައްކުވައިދިނެވެ.

'ޓޫ އޮފް އަސް'ގެ އެންމެ ހަގު މެންބަރު ނަސޫހް އަދި ލީޑަރު އަހުމަދު އަދުހަމް (އަދޫ) -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ޝޯގައި ޓޫ އޮފް އަސްއިން ވަނީ 18 ލަވައެއް ޕާފޯމްކޮށްފައެވެ. އޭގެ ތެރޭގައި އަދުހަމް އަދި ނަސޫހްގެ މޭޝް-އަޕް ވެސް ހިމެނެއެވެ. އަދި ދިވެހި ފަންނާނުން ކަމަށްވާ މަންޑޭއާއި ބޮކިޓޯސްއާއެކު ވެސް ޕާފޯމްކޮށްފައިވެއެވެ. އެގޮތުން ޓޫ އޮފް އަސްއިން ހުށަހަޅައިދިން ބައެއް ލަވަތަކަކީ:
- ގޮއްޔެ
- ވޭ ކަމްލެއާ/ ތޫހީ ރޭ
- އިޝާރޯ މޭ - އަމިއްލަ ރާގެއް
- ބަދަން ޕެ ސިތާރޭ
- ޖުމާ ޗުންމާ
- ފޮނި ފޮނި މީރު ވަހާއޭ
- މިލަ މިލަ ހަނދުވަރު

ރޭގެ ޝޯގެ އޯޑިއެންސް -- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެ ތެރެއިން ވެސް އޯޑިއެންސަށް އެންމެ ކަމުދިޔަ އެއް ހުށަހެޅުމަކީ ބެޓްލް އޮފް ބޭންޑްސްގައި އެންމެ 'ހިޓް' ވި 'މިލަ މިލަ ހަނދުވަރު'ގެ ޕާފޯމަންސެވެ. އެ ހުށަހެޅުން ޚާއްސަވާ އެއް ކަމަކީ ރާއްޖެ ސިފަކުރުމުގައި އަދުހަމްގެ ހުނަރުން ފުރިގެންވާ އުކުޅެވެ.
ބެލުންތެރީންނަށް، ރާއްޖެ ސިފަކޮށްދިނުމުގައި އެއީ އެހެން ލެވަލެކެވެ. ކާޅާއި، ކޮވެލި ފަދަ އަޑުތައް އޯޑިއެންސަށް ސިފަކޮށްދީ އޭނާ ވަނީ ބެލުންތެރީންގެ ހިތްތައް އަތުލައިފައެވެ.

'ޓޫ އޮފް އަސް'ގެ އެންމެ ހަގު މެންބަރު ނަސޫހް -- ސަން ފޮޓޯ/ މޫސާ ނަދީމް
ބޭންޑުގެ އެންމެ ހަގު ބައިވެރިޔާ، ނަސޫހުގެ ހުނަރަށް ވެސް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. ޚާއްސަކޮށް ނަސޫހުގެ 'ވޭ ކަމްލެއާ'އަކީ ޒުވާން ކުދީންގެ ހިތްތައް އަތުލި ހުށަހެޅުމެކެވެ. މީގެ އިތުރުން ޝަހީދު ލެގަސީއާއި، ޝަމްރޫޚު އަދި ޖަޝީމްގެ ހުނަރުން އެ ހުށަހެޅުންތައް ވަނީ އިތުރަށް ފުރިހަމަކޮށްދީފައެވެ.
ޝޯގައި އޯޑިއެންސްގެ ފޯރި އެންމެ ގަދަވީ، ބޮކިޓޯޒްގެ 'ޕްރޭމް ޕްރޭމް' ލަވައިންނެވެ. އެ ހުށަހެޅުންވީ މުޅި އޯޑިއެންސް ނަށަން މަޖުބޫރުކުރުވި 'ހައިޕް' ހުށަހެޅުމަކަށެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' -- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެ 14 ވަރަކަށް އަހަރު ކުރިން 'ހަރުބީ' ބޮޑުބެރު ގްރޫޕުން މަންޑޭ ހުށަހަޅައިދިން 'ގިނަ ކެރިޔާ ވާރޭ' އަކީ ދިވެހީންގެ ތެރޭގައި މަޝްހޫރުވި ލަވައެކެވެ. މޮޑާން ގޮތަކަށް ރޭ މަންޑޭ ވަނީ އެ ލަވަ ހުށަހަޅައިދީ، އަނެއްކާވެސް ބެލުންތެރީންގެ ހިތްތައް އަތުލައިފައެވެ.
އޭނާ ބުނި ގޮތުގައި އެތައް ދުވަހެއް ފަހުން ސްޓޭޖެއްގައި އެ ލަވަ އެހާ ފުރިހަމައަށް ހުށަހަޅައިދީ، ބެލުންތެރީންނަށް ކަމުދިޔަކަމީ ލިބުނު ވަރަށް ބޮޑު އުފަލެޖެވެ. އެކަމަށްޓަކައި އޭނާ ވަނީ ޓޫ އޮފް އަސްއަށް ޝުކުރުއަދާކޮށްފައެވެ.

މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ޓޫ އޮފް އަސްއާއެކު ޕާފޯމްކުރަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ޝޯގައި މަޝްހޫރު ގިޓަރިސްޓް، ފަސީ ލައިވްގެ ދެ ލަވަ ކަމަށްވާ 'ފަރި ޕަރީ' އަދި 'ފޮއެ މަތި' ވެސް ޓޫ އޮފް އަސްއިން ވަނީ ހުށަހަޅައިފައެވެ. މި ދެ ހުށަހެޅުން ވެސް އެންމެ ޚާއްސަވަނީ، މެއިން ގިޓަރިސްޓެއްގެ ގޮތުގައި ޕާފޯމްކޮށްފައި ވަނީ ފަސީގެ ދަރިފުޅު 'ޖާ' ކަމަށްވާތީއެވެ.
ޝޯ ނިންމާލައިފައި ވަނީ 'ހާކާލި ބުރުވާލި' ލަވައިގެ ވަރަށް ފޯރިގަދަ ހުށަހެޅުމަކަށް ފަހުއެވެ. މި ހުށަހެޅުމުގައި އިންޑިއާގެ ފަންނާނުން ވެސް ބައިވެރިވެފައިވެއެވެ.

މަޝްހޫރު ގިޓަރިސްޓް، ފަސީ ލައިވްގެ ދަރިފުޅު ޖާ -- ސަން ފޮޓޯ/ މޫސާ ނަދީމް
ފޯރިގަދަ އެތައް ހުށަހެޅުމަކަށްފަހު ޓޫ އޮފް އަސްއިން މިވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ.
ޝޯ ނިންމާލާފައި ވަނީ ވެސް ރާއްޖޭގައި އަރަމުން އަންނަ ފަންނާނުންނަށް އުފާވެރި ޚަބަރަކާއެކުއެވެ. އެގޮތުން، އިންޑިއާގެ 'ސަރިގަމަ'އާއެކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މިއުޒީޝަނުންނަށް ޚާއްސަ ފުރުސަތުތަކެއް ދިނުމުގެ ގޮތުން މިއުޒިކް މުބާރާތްތަކާއި، ޝޯތައް ބާއްވާނެ ކަމަށް ޝްރުތީ ވަނީ އިއުލާނުކޮށްފައެވެ. އަދި ވަރަށް އަވަހަށް ދެ ގައުމު ގުޅިގެން މިއުޒިކް ފެސްޓިވަލެއް ވެސް ބާއްވާނެ ކަމަށް އޭނާ ބުންޏެވެ.

'ޓޫ އޮފް އަސް'ގެ ލީޑަރު އަހުމަދު އަދުހަމް (އަދޫ) -- ސަން ފޮޓޯ/ މޫސާ ނަދީމް
ޓޫ އޮފް އަސްގެ މި ކާމިޔާބީއާއެކު އެ ބޭންޑުން ތާރީޚުން ޖާގަ ހޯދުމުގެ އިތުރުން، ރާއްޖޭގެ މިއުޒިކީ ދާއިރާއަށް ހުރި ފުރުސަތުތައް ވެސް ވަނީ އިތުރުކޮށްދީފައެވެ.
ޓޫ އޮފް އަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.
މި ޝޯ އެސްއެސްޓީވީން ރޭ ލައިވްކުރިއިރު އެކި ކަންކޮޅުތަކުން 30،000އަށް ވުރެ ގިނަ މީހުން ލައިވްކޮށް ޝޯ ބަލައިފައެވެ.