ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ނެރުނު ބަޔާނަކީ، ކަން ހިނގި ގޮތާ ޚިލާފަށް މައުލޫމާތު ދީފައިވާ ބަޔާނެއް ކަމަށް ޔުމްނުގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮށްވައި ފެނުނު, ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހުގައި, އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ ދުވަހާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް އެހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ބަޔާނާ ގުޅިގެން ޔުމްނުގެ ދައްތަ، އާއިޝަތު ނާހިދާ އަހުމަދު ރަޝީދު ސޮއިކޮށް، އެކްޓިން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.
އެ ސިޓީގައި ވަނީ، ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ނެރުނު ބަޔާނުގައި، ކަންކަން ބަޔާންކޮށްފައި ވަނީ ކަން ހިނގައިފައިވާ ގޮތާ ޚިލާފަށް ކަމަށެވެ. އެގޮތުން ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ކަނޑައެޅިގެން ހަގީގަތާ ޚިލާފު މައުލޫމާތު ދީފައިވާ ކަމަށް އެ އާއިލާއިން ތުހުމަތުކުރިއެވެ. އަދި އޭނާ އަމިއްލައަށް ވެއްޓުނީ ކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވެއްގައި ބަޔާންދިނީ މައްސަލަ ތަހުގީގު ކުުރުމަކާ ނުލައި ކަމަށާއި އެގޮތަށް ފުލުހުން އަމަލުކޮށްފައިވަނީ ވަކި މަގުސަދެއްގައި ކަމަށް އާއިލާގެ ފަރާތުން ދެކޭ ކަމަށް ސިޓީގައިވެއެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވައިލައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން: ޔުމްނުއަށް މެލޭޝިއާގައި އަންނަނީ ފަރުވާ ދެމުން -- ސަން ފޮޓޯ
އެ ސިޓީގައި ވަނީ، ތަހުގީގަށް އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާއަށް ނެތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް ޔުމްނުގެ އާއިލާގެ ފަރާތުން ހުރަސް ނާޅާނެ ކަމަށާއި މިހާތަނަށް ވެސް އެފަދަ ހުރަހެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށް އެ ސިޓީގައިވެއެވެ.
މީގެ އިތުރުން، ޔުމްނުގެ ބަޔާނެއް ނެގުމަށް ޓަކައި ރަސްމީކޮށް ގޮތެއްގައި މިހާތަނަށް ފުލުހުން އާއިލާއަށް އަންގާފައިނުވާ ކަމަށާއި ފުލުހުން ޔުމްނުގެ ބަޔާނެއް ނެގުމަށް ޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމަށް ޓީގައިވެއެވެ.
ފުލުހުން އެ ބަޔާން ނެރުނީ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު، ޔުމްނުގެ އާއިލާގެ މެންބަރުންނާ މެލޭޝިއާގައި ދޮޅުގަޑިއެއްހާއިރު ބައްދަލުވުމެއް ބާއްވައިފައި ވަނިކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތަކަށް ކަމަށް ވެސް ސިޓީގައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތެއް ވެސް އާއިލާގެ ފަރާތުން ހިއްސާނުކުރާ ކަމަށް ބުނެފައިވާއިރު، އެފަދަ މައުލޫމާތެއް ހޯދަން ވެސް ފުލުހުން އެދިފައިނުވާ ކަމަށް އާއިލާއިން ތުހުމަތު ކުރިއެވެ. އަދި ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުތު އޮތީ ތަހުގީގަށް ބަޔާނެއް ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތް ކަމަށް އާއިލާއިން ބުންޏެވެ.
"އާއިލާގެ އެންމެ ބޮޑު މަސްލަހަތެއް މިވަގުތު އޮތީ އޭނާއަށް އެކަށީގެންވާ ފަރުވާ ލިބިދިނުމާއެކު، އޭނާއަށް އިންސާފު ހޯދުމަށް މަސައްކަތް ކުރުމުގައެވެ. އެކަމުގައި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފުލުހުންނަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުމެއް އާއިލާގެ ފަރާތުން ދޭނެކަމުގައި ދަންނަވަމެވެ." އެ ސިޓީގައިވެއެވެ.
އެހެންވެ، ޔުމްނުގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުމެއް އާއިލާގެ ފަރާތުން ދޭނެ ކަމަށް ބުނެ، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އަމަލުނުކުރުމަށް ސިޓީގައި އެދިފައިވެއެވެ.
އެ ބަޔާނާއެކު، ޔުމްނުގެ ޅިޔަނު މޫމިން މައުމޫން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވަނީ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު އާއިލާއަށް ގުޅުއްވާފައި އަބަދުވެސް އެދިވަޑައިގަންނަވަނީ ނުރަސްމީކޮށް 'ޕާސަލަނީ' ބައްދަލުކުރުމަށް ކަމަށެވެ. އަދި ޔުމްނުއަށް ބައްދަލުކުރަން ވެސް އެދިވަޑައިގަންނަވާ ކަމަށް މޫމިންގެ މެސެޖުގައި ބުނެފައިވެއެވެ.
ޔުމްނުގެ އާއިލާއިން މީގެ ކުރިން ވެސް ވަނީ ޔުމްނުއާ ހަވާލާދީ، އެއީ އޭނާ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާއި ޔުމްނު އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައެވެ.
އެ މައްސަލައިގައި ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ގައެވެ. އެއަށްފަހު މި މަހުގެ 17ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައި ވަނިކޮށް، އެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް އޭގެ މާގިނައިރެއް ނުވެ އޭނާ ހައްޔަރުކޮށް، އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.
ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ.
ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ފާހަގަނުވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވަނީ ވިދާޅުވެފައެވެ.