މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ ތިން މުބާރާތްތަކަށް ދަރިވަރުން ތައްޔާރު ކުރުމުގެ ސެޝަންތަކެއް އެކެޑެމީން މިއަދު ބާއްވައިފިއެވެ.
އެކެޑަމީން ބުނީ ދަރިވަރުންނަށް ތަމްރީނު ދީފައިވަނީ، އަލްއުސްތާޛު މުހައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ގައުމީ މުބާރާތާއި، ހުތްއަލިދީދީގެ ވާދައިގެތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ގައުމީ މުބާރާތާ ގުޅިގެން ކަމަށެވެ.
އެގޮތުން، މިއަދު ހެނދުނު 10:00އިން ފެށިގެން 12:00އަށް ކުރިއަށް ގެންގޮސްފައި ވަނީ މަޒުމޫނުލިޔުމާ ގުޅޭ ދަންފަޅިއެވެ. މި ދަންފަޅީގައި 74އަށް ވުރެ ގިނަ ސްކޫލަކުން ބައިވެރިވިއެވެ. މި ދަންފަޅި ނަންގަވައިދެއްވީ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދާރިސް އަންވަރު އިބްރާހީމް އަދި ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިޔުކޭޝަންގެ ދިވެހި މުދައްރިސް ނާޒްލީ ރަޝާދެވެ.

އަދަބީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކުރުމުގެ ދަންފަޅިތަކެއް ކުރިއަށްގެންގޮސްފި -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ
ވާހަކަ ލިޔުމުގެ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ މެންދުރު 13:00އިން 15:00އަށެވެ. މި ދަންފަޅީގައި 86އަށް ވުރެ ސްކޫލަކުން ބައިވެރިވި ކަމަށް އެކެޑަމީން ބުންޏެވެ.
މި ދަންފަޅި ނަންގަވައިދެއްވީ ދިވެހި ފަންނުގެ އިސްވާރު މަރިޔަމް އިޝާ އަޒީޒެވެ. ޅެންހެދުމުގެ ދަންފަޅި ކުރިއަށްގެންގޮސްފައި ވަނީ 16:00އިން 17:00އަށެވެ. މި ދަންފަޅި ނަންގަވައިދެއްވީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު އަހްމަދެވެ.
އަންނަ މަހު 21ގައި މި ތިން މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވާއިރު މުބާރާތް ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެނެއެވެ. އެއީ ސުކޫލުތަކުގެ ބަޔާއި 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތަކުގެ ބައިންނެވެ.
މި މުބާރާތްތައް ބާއްވަނީ މުޅި ރާއްޖެއަށް ހުޅުވައިލައިގެންނެވެ. މި މުބާރާތްތައް ކުރިއަށް ދާނީ މުބާރާތްތަކުގައި ބައިވެރިވާ ބައިވެރިން ދިރިއުޅޭ ރަށެއްގައި، އެކެޑަމީން ކަނޑައަޅާ މަރުކަޒެއްގައި ތިބެގެން ވަގުތުން ލިޔާ ގޮތަށެވެ.