ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފި -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް އިއްޔެ ފަށައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނި ގޮތުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯހަކީ 10 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ.

އެ ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި، އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި، ދިވެހިބަހަށް މުވައްޒަފުން އަހުލުވެރިކުރުން ކަމަށް އެކެޑަމީން ބުންޏެވެ.

މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި:

  • ލަފުޒު ވަކިކޮށް ލިޔުމުގެ އުސޫލު.
  • ސުކުނާއި ފިލިތައް.
  • އަދަބު އިޙުތިރާމާއެކު ދިވެހިބަހުން މުއާމަލާތުކުރާނެ ގޮތް އޮޅުންފިލުވައިދިނުން.
  • ސާފު ރީތި ބަހުން އިބާރާތްކުރާނެ ގޮތުގެ އުސޫލު އޮޅުންފިލުވައިދިނުން.

އެކެޑަމީން ބުނި ގޮތުގައި މި ކޯހުގައި ކިޔައިވައިދެއްވާނީ މި ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ދާރިސުންކަމުގައިވާ ޢަޒީޒާ ޢަފީފާއި، އަމްޖަދު ރަޝާދެވެ.

އެ ކޯސް ކުރިއަށް ދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ އެދުމަށް ދިވެހިބަހުގެ އެކެޑަމީން މިފަދަ ކޯސްތައް އަބަދު ވެސް ކުރިއަށްގެންދެއެވެ.

comment ކޮމެންޓް