ގިނަ ދުވަސްތަކަކަށްފަހު، ސޮހެއިލް ޑައިރެކްޓުކުރާ ފިލްމެއް ބެލުންތެރިންނަށް

ފިލްމީ ތަރިން ކަމަށްވާ އާޔުޝް، ސަންޖޭ އަދި ސޮހެއިލް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ސޮހެއިލް ޚާން ދުވަސްތަކަކަށްފަހު ފިލްމެއް ޑައިރެކްޓްކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

އިންޑިއާގެ އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ ސޮހެއިލް ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ބައެއް ފިލްމުތައް ޕްރޮޑިއުސްކޮށް އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގައެވެ. ސޮހެއިލް ފިލްމެއް ޑައިރެކްޓް ކުރާނެކަން އިއުލާނުކޮށްފައި މިވަނީ 2016 ވަނަ އަހަރު އޭނާ ގެނެސްދިން ފިލްމު "ފްރީކީ އަލީ"އަށްފަހު ފުރަތަމަ ފަހަރަށެވެ.

"މައި ޕަންޖާބީ ނިކާހް"ގެ ނަމުން ސޮހެއިލް ގެނެސްދޭ މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ އެކްޓަރު ސަންޖޭ ދަތު އާއި ސޮހެއިލްގެ ޅިޔަނު އާޔުޝް ޝަރުމާއެވެ.

ސޮހެއިލް ޚާން ފިލްމު "ޓިއުބް ލައިޓް"ގެ މަންޒަރެއްގައި ސަލްމާން ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ

މި ދެ ތަރިންނާއެކު އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ޒުވާން ބަތަލާއަކު މި ފިލްމުން ތައާރަފު ކުރާނެ ކަމަށް ސޮހެއިލް ކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ ބުނެފައެވެ. މި ފިލްމުގައި ދައްކުވައިދޭނީ އިންޑިއާގެ ދެ ސްޓޭޓެއްގައި ކައިވެނީގެ ސަޤާފަތް އޮންނަ ގޮތް ކަމަށާއި ހެއްވާ މަޖާ ހާދިސާތަކެއް މި ފިލްމުން ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ސޮހެއިލް ވަނީ ބުނެފައެވެ.

އިންޑިއާގެ ޕަންޖާބާއި ހަރިޔާނާގެ އިސްވެރިންނާ އެކު މި ފިލްމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާއިރު ދެ ސްޓޭޓްގެ ރައްޔިތުންގެ އެއްބާރުލުން ފިލްމަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސޮހެއިލް ވަނީ ބުނެފައެވެ.

މި ފިލްމުގެ ލީޑް އެކްޓަރުންގެ ތެރޭގައި ހިމެނޭ އާޔުޝް ޝަރުމާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން "ލަވްޔާތްރީ" އާއި "އަންތިމް"އަކީ ސަލްމާން ޚާންގެ އަމިއްލަ ފިލްމު ކުންފުނިން އުފެއްދި ދެ ފިލްމެވެ.

comment ކޮމެންޓް