ސިދާތު ރޯއިގެ ކޮމެޑީ ސީރީސްއަކަށް ބަތަލާ ފާތިމާ ސަނާ ޝައިހް

ފާތިމާ ސަނާ ޝައިހް އަދި އެކްޓަރު ޕަވައިލް ގުލާޓީ--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސިދާތު ރޯއި ކަޕޫރުގެ އާ ވެބް ސީރީސް "ތީން ކައްވޭ"ގެ ބަތަލާގެ ރޯލަށް ފާތިމާ ސަނާ ޝައިހް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ވެބް ސީރީސްއިން ސަނާއާ އެކު ދެން ފެންނާނީ ފިލްމު "ތަޅަޕް"ގެ އެކްޓަރު ޕަވައިލް ގުލާޓީ އަދި ޓީވީ ސިލްސިލާތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓަރު ސިދާންތު ގުޕްތާއެވެ.

މިއީ މި ތިން ތަރިން ވެސް އެކީގައި މަސައްކަތްކުރާ އަދި ބެލުންތެރިންނަށް ވެސް ފެންނާނެ ފުރަތަމަ ފިލްމީ ޕްރޮޖެކްޓެވެ. މި ވެބް ސީރީސްގެ ޕްރީ-ޕްރޮޑަކްޝަން މަރުހަލާ މިހާރު ފެށިފައިވާއިރު ވަރަށް އަވަހަށް މި ވެބް ސީރީސްގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު ސިދާންތު ގުޕްތާ--ފޮޓޯ/މިޑްޑޭ

މި ފިލްމުގައި އެކްޓަރެއްގެ ރޯލް ކުޅޭ ޕަވައިލް ގުލާޓީ ވަނީ ސިދާތު ރޯއި އެންމެ ފަހުން ގެނެސްދިން ފިލްމު "ދޭވް"އިން ވެސް ފެނިފައެވެ. ފިލްމު "ޑަންގަލް"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ފާތިމާ ސަނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2023 ވަނަ އަހަރު ގެނެސްދިން "ދަކް ދަކް" އަދި "ސާމް ބަހާދުރު"އިންނެވެ.

ފާތިމާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ"އެވެ. މީގެއިތުރުން އިތުރު ދެ ފިލްމެއްގެ މަސައްކަތް ބަތަލާ އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް