ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު އާސެނަލް ވިމެން އިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ ރޭ ކުޅުނު ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ފެމެނީ އާ ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ޕޯޗުގަލްގެ ލިޒްބަންގެ އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް ބެލޮން ޑިއޯ އިނާމް ހާސިލްކޮށްފައިވާ ދެ ކުޅުންތެރިންކަމަށްވާ އައިޓާނާ ބޮންމާޓީ އާއި އެލެކްސިއާ ޕުޓެޔާސް އާއެކު ކުޅެމުންދިޔަ ބާސާއަށް އާސެނަލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މި މެޗަށް އަންޑަ ޑޯގްސްގެ ގޮތުގައި ނިކުތް އާސެނަލްއިން ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައިވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. އަދި މި ގޮތުން ފުރަތަމަ ހާފުގައި އާސެނަލްއިން ލަނޑެއް ޖެހިތަން ފެނިގެންދިޔަ ނަމަވެސް އެ ލަނޑު ޖެހުމަށް އުފެއްދި ހަމަލާގައި އާސެނަލްގެ ފްރީޑާ މާނަމް އޮފް ސައިޑް ވެފައިވުމުގެ ސަބަބުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބާސާގެ ހަމަލާތައް ވަރުގަދަ ވެގެންދިޔަތަން ފެނިގެންދިޔަ ނަމަވެސް އާސެނަލްއިން ހިތްވަރާއެކު ޑިފެންޑް ކުރުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ބާސާގެ ހުރިހާ ހަމަލާތަކެއް ބޭކާރުވެގެންދިއުމެވެ.
މި މެޗުގައި އާސެނަލް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ބެތު މީޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ސްޓިނާ ބްލެކްސްޓޭނިއަސްއެވެ. މި ލަނޑާއެކު ބާސާއަށް ސިހުން ލިބިގެންދިޔަ ނަމަވެސް އާސެނަލްއަށް މި މެޗުން ނަތީޖާއެއް ނެރެވިދާނެކަމަށް ކުރެވެމުންދިޔަ އިތުބާު އިތުރު ވެގެންދިޔައެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ ނަތީޖާއަށް ބަދަލެއް ނައިސް އާސެނަލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން މެޗު ނިމުމެވެ.
މި ކާމިޔާބީ އާއެކު އާސެނަލް ވެގެން ގޮސްފައިމިވަނީ މި މުބާރާތުގެ ކޮލިފައިންގެ ފުރަތަމަ ބުރުން ފެށި ޓީމެއް މުބާރާތުގެ ޗެމްޕިއަން ކަން ހޯދި ފުރަތަމަ ފަހަރަށެވެ. އަދި ހަމައެއާއެކު އާސެނަލްއަށް މިމުބާރާތުގެ ތަށި މިކާމިޔާބު ކުރެވިފައިވަނި 18 އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. އާސެނަލް އިން ވަނީ 2007 ވަަނަ އަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ.
މި މެޗުން ބަލިވެ ތަށި ދިފާއު ކުރެވޭގޮތް ނުވުމުން ބާސާގެ ކުޅުންތެރިންގެ ފަރާތުން މާޔޫސްކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ހާއްސަކޮށް ގިނަ ފުރުސަތު ތަކެއް ނަތަވަސް ކުރެވި އެފުރުސަތު ތަކުގެ ބޭނުން ނުހިފި ދިއުމުގެ ހިތްދަތިކަން ވަރަށް ބޮޑަށް ހުރިކަން ފާހަގަ ވެގެންދިޔައެވެ.
ބާސާއިން ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ތިން ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި މިމުބާރާތުގައި އެ ޓީމުން ދައްކަމުންދިޔަ ކުޅުމާއެކު މިއީ އެ ޓީމަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވިގެންދާނެ ތަށްޓެއް ކަމަށް ވެސް ހީވެފައިއޮތެވެ. ނަމަވެސް އާސެނަލްއިން މި ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލާ އަންހެނުންގެ ކްލަބް ފުޓްބޯޅައިގާ ޔޫރަޕްގެ އެންމެ މަތީ ޝަރަފް ހާސިލްކޮށްފައެވެ.