މިހާތަނަށް ބާއްވާ އެންމެ ބޮޑު، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުކުރު ދުވަހު ފެށިއިރު، އެތައް ސަތޭކަ އުފެއްދުމެއް، ހުނަރުވެރި އެތައް އުފެއްދުންތެރިއެއްގެ ފަރާތުން ވަނީ އާންމުންނަށް ދައްކައިލަން ބަހައްޓައިފައެވެ.
ދިގު ކިއޫއެއްގައި ޖެހިގެން މައުރަޒަށް ވަތް އިރު އެންމެ ފުރަތަމަ ވެސް އަޅައިގަތީ، މުޅި މައުރަޒުގެ އެންމެ މޮޅު ފަސް އުފެއްދުމުގެ ތެރޭ ހިމެނި، ރަންވަނަ ހޯދި އަލީ މާހިރުގެ އިސްލާމީ މަރުކަޒުގެ ހިތްގައިމު މޮޑެލްއެވެ.
ހިތްގައިމު ކުލަތަކުން ދިއްލިފައިވާ, އެ މޮޑެލްގެ ކައިރީ ގިނަ ބަަޔަކު އެއްވެ ތިއްބެވެ. އާޝޯޚުވެފައިވާ މޫނުތަކަކާއެކު އެއްބަޔަކު ފޮޓޯ ނަގަނީއެވެ. އަނެއް ބަޔަކު ވީޑިއޯކުރަނީއެވެ.
"މިއީ ހަމަ އަސްލު އިސްލާމީ މަރުކަޒުހާ ވައްތަރު، ވަރަށް ހިތްގައިމު ވަރަށް ރީތި މޮޑެލްއެއް. ނޭނގެ ހަމަ ކިޔައިދޭކަށް ވެސް،" އެ މޮޑެލް ބަލައިލަން ހުރި މީހަކު ބުންޏެވެ.

ދިވެހީންގެ އުފެއްްދުންތެރިކަމުގެ މައުރަޒު 2025: އެންމެންގެ ނަޒަރު ހުއްޓުނު، އަލީ މާހިރުގެ އިސްލާމީ މަރުކަޒުގެ މޮޑެލް -- ސަން ފޮޓޯ
މި މަސައްކަތުގެ ފަހަތުގައިވާ ފަންނުވެރިޔާ، މާހިރު ބުނި ގޮތުގައި މިއީ އޭނާ މިދިޔަ ނޮވެމްބަރުން ފެށިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ.
"އޭރު އިސްލާމީ މަރުކަޒަށް 40 އަހަރު ވެގެން ވަރަށް މަރުކަޒުގެ ވާހަކަ ދައްކައި، ވަރަށް މަރުކަޒުގެ ޑޮކިއުމަންޓްރީއެއް ވެސް އައި ކަންނޭނގެ ޑީޓެއިލްޑް. އޭތި ފެނުނީމާ މަރުކަޒުގެ މޮޑެލްއެއް ހަދަން ވިސްނީ،" މާހިރު ބުންޏެވެ.
އެއާއެކު އިސްލާމީ މަރުކަޒުގެ ފަރުމާއާ ގުޅޭގޮތުން ލިބެންހުރި އެކި މައުލޫމާތު އެއްކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ. އެކަމަކު އެންމެ މުހިންމު މައުލޫމާތު ލިބޭނެ، އިސްލާމީ މަރުކަޒުގެ ބްލޫ ޕްރިންޓު ލިބޭ ގޮތެއް ނުވިއެވެ.
އެހެންވެ، އަތުޖެހުނު ފޮޓޯތަކާއި، ހަނދާނުގައި ހުރި މައުލޫމާތުތަކަށް ބަރޯސާވެ، އެންމެ ފުރަތަމަ ކުރީ މޮޑެލް ތްރީޑީ ސޮފްޓްވެއާގައި ޑިޒައިންކުރުމުގެ މަސައްކަތެވެ.
އެ ކަމުގައި މިސްކިތުގެ ބޭރާއި އެތެރެއިން ފެންނަން ހުރި އެންމެ ކަވި ފަރުމާތައް ވެސް އޭނާ ދޫކޮށް ނުލައެވެ. މިސްކިތުގެ ކޮންމެ ފްލޯއެއްގެ، ކޮންމެ ފަރުމާއެއް ހިމަނައިފައިވެއެވެ.
"ލަކުޑި ޖާލި ދޮރުތަކާއި، އެތެރޭގައި ހުރި ކުރެހުންތައް، އެކި ގޮތް ގޮތަށް ބަލައިގެން ކުރެހީ މުޅި ތަން،" މާހިރު ކިޔައިދިނެވެ.

ދިވެހީންގެ އުފެއްްދުންތެރިކަމުގެ މައުރަޒު 2025: އެންމެންގެ ނަޒަރު ހުއްޓުނު، އަލީ މާހިރުގެ އިސްލާމީ މަރުކަޒުގެ މޮޑެލް. މިސްކިތުގެ އެންމެ ކުދިކުދި ކަންކަން ވެސް މި މިޑެލްގައި ހިމެނި -- ސަން ފޮޓޯ
ކުރެހުމުގެ މަސައްކަތަށްފަހު، ދެން ފެށީ ތްރީޑީ ޕްރިންޓިންގެ މަސައްކަތެވެ. ކޮންމެ ފްލޯއެއްގެ، ތަނބުތަކާއި، ޝީޓުތަކާއި، ދޮރުތަކާއި، ސިޑިތަކާއި އެ ނޫން ވެސް ފަރުމާތައް ޕްރިންޓުކުރިއެވެ. އަދި ފަހަރަކު ފްލޯއެއް ވަކިވަކިން ގުޅުވައިލުމުގެ މަސައްކަތް ކުރިއެެވެ.
"މައުރަޒަށް ގެންނަން ފައިނަލް ދެ ހަފުތާގައި ފައިނަލް އެސެމްބްލީ ހެދީ. ހުރިހާ ވައިރިންއާ ހުރިހާ އެއްޗެއް، ޝީޓުތަކާ އެއްޗެހި ލައިފައި،" މާހިރު ބުންޏެވެ.
މިއީ މިފަދަ ބޮޑު މަސައްކަތަކާއެކު އޭނާ މުޅިން އަލަށް ބައިވެރިވި ފުރަތަމަ މައުރަޒެެވެ. އެހެންވެ އޭނާގެ މި އުފެއްދުމަށް މާ ބޮޑު ވަނައެއް ލިބިދާނެކަމާމެދު ހުރީ އެއްގޮތަކަށް ވެސް އުންމީދު ކޮށްގެންނެއް ނޫނެވެ.

ދިވެހީންގެ އުފެއްްދުންތެރިކަމުގެ މައުރަޒު 2025: އެންމެންގެ ނަޒަރު ހުއްޓުނު، އަލީ މާހިރުގެ އިސްލާމީ މަރުކަޒުގެ މޮޑެލް -- ސަން ފޮޓޯ
ނަމަވެސް އުންމީދު ނުކޮށް ހުއްޓާ ރަންވަނައެއް ގެނެސްދިން މި "އިސްލާމީ މަރުކަޒަކީ" އޭނާއަށް މި މަސައްކަތުގައި ލިބުނު ބޮޑު ހިތްވަރެކެވެ. މަކުޑި އެމްވީގެ ނަމުގައި ޕޭޖެއް ހަދައިގެން މިހާރު ވެސް އޭނާ އަންނަނީ، ތްރީޑީ އެކި މޮޑެލްތައް ފަރުމާކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރަމުންނެެވެ.
ތްރީޑީ އެނިމޭޝަންގެ ހުނަރުން ފުރިފައިވާ މާހިރު ބުނި ގޮތުގައި، މިއަދު ރާއްޖެއިން މިފަދަ ކަމެއް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެތައް ފުރުސަތެއް އެބައޮތެވެ. މުހިންމީ ފަހިވެފައިވާ ފުރުސަތުގެ ބޭނުން ހިފުމެވެ.