ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިތާ މަހެއް ނުވަނީސް 658 ޒުވާނުން ޕްރޮގްރަމުގައި ބައިވެރިވާން ކުރިމަތިލައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް، ގޭންގު ކުށްތަކުގެ އަދަބު ހަރުކަށިކުރާ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
މިދިޔަ މަހުގެ 30ވަނަ ދުވަހު ވަނީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ފުރުސަތު ހުޅުވައިލައިފައެވެ. އަންނަ މަހުގެ އެކެއްގެ ނިޔަލަށް އެ ފުރުސަތު އޮންނާނެއެެވެ.
އެގޮތުން އެ ކަމަށް ކުރިމަތިލި މީހުންގެ އަދަދުތައް ހިއްސާކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ މިއަދާ ގަމައަށް ޖުމްލަ 658 މީހުން ކުރިމަތިލައިފައިވާ ކަމަށެވެ.
އެއީ 538 ފިރިހެން ކުދިންނާއި 120 އަންހެން ކުދިންނެވެ.
ޖުމްލަ އަދަދުގެ، ބެލެނިވެރިޔާގެ ހުއްދައާއެކު 16 އަހަރާއި 18 އަހަރާ ދެމެދުގެ 316 ކުދިން ބައިވެރިވާން ހުށަހަޅައިފައިވާ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ މި އަހަރު 1،000 ޒުވާނުން މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނުކުރުން ކަމަށެވެ. ނަމަވެސް ވަސީލަތްތައް ހުރި މިންވަރުން، ފުރަތަމަ ބެޗުގައި އެއްފަހަރާ އެ އަދަދަށް މީހުން ނުނެގިދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ފުރަތަމަ ބެޗުގައި އަޅުގަނޑުމެންނަށް ނެގޭނީ ވަކި ވަރަކަށް. އެހެން ނަމަވެސް އިތުރު ބެޗެއް ކުރިއަށް ގެންދާނެ. އެހެންވީމާ ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން ކަނޑައަޅައިފައި އޮތް ޓާގެޓަށް،" އަމާޒަކީ 4،000 ޒުވާނުން ތަމްރީނުކުރުން ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކުރުން ހިމެނެއެވެ.