ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓާ ބްރޭންޑުގެ 32 ކާޓަން ސިނގިރޭޓް ފެނިފައިވާ ކަމަށެވެ.
މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓަކީ މި ފަހުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމުން, ރާއްޖެއަށް ވަގަށް ގިނައިން އެތެރެކުރި ބާވަތެކެވެ. ބްލެކް މާކެޓުގައި އަގުހެޔޮކޮށް މި ބްރޭންޑުގެ ސިނގިރޭޓް ދިޔައީ ވިއްކަމުންނެވެ.

ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓް-- ފޮޓޯ: ފުލުހުން
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ, އުމުރުން 45 އަހަރުގެ އަބްދުލް ކަރީމް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވޭޕް ބޭނުންކުރުން ރާއްޖޭގައި މަނާވެ, ސިނގިރޭޓްގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. މިއާއެކު ވަގު ސިނގިރޭޓްގެ ބްލެކް މާކެޓެއް އޮތީ ވަރަށް ބޮޑަށް އުފެދިފައެވެ.