މި އަހަރު ޢަރަފާތު ދުވަހުގެ ޚުތުބާ މައްކާގެ މަސްޖިދުއްނަމިރާގައި ދެއްވާނީ މަސްޖިދުލްޙަރަމްގެ އިމާމު ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމަށް ސައުދީ ރަސްގެފާނު ކަނޑައަޅުއްވައިފިއެވެ.
ކަލަންޑަރުން ދައްކައި ގޮތުގައި މިއަހަރުގެ ޢަރަފާތު ދުވަހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.
މަސްޖިދުލް ޙަރަމްގެ އިމާމުކަމަށް އިމާމް ޞާލިޙު ބުން ޢަބްދުالله ޙުމައިދު އައްޔަނުކުރީ 1983ވަނަ އަހަރު އޭނާގެ އުމުރުފުޅުން 33 އަހަރުގައެވެ. އޭނާ ވަނީ އުމުރުން ގާތްގަނޑަކަށް 20 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައެވެ.

ފަޟީލަތުއްޝައިޚް ޞާލިޙު ބުން ޢަބްދުالله ޙުމައިދު ---
އޭނާ މަތީ ތައުލީމު ހާސިލުކުރެއްވީ ބުރައިދާގައެވެ. އަދި މައްކާގައި ހުންނަ އުއްމުލް ގުރާ ޔުނިވާސިޓީން 1975ވަނަ އަހަރު އޭނާ ވަނީ ދަސްވެނިވެފައެވެ. އަދި ހަމަ އެ ޔުނިވާސިޓީން މާސްޓާސް ޑިގްރީއާއި ޑޮކްޓަރޭޓް ޑިގްރީ އޭނާ ހާސިލުކުރެއްވިއެވެ.
ޢަރަފާތު ދުވަހަކީ ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ދުވަހެވެ. އަރަފާތު ދުވަހުގެ ހުތުބާ ދެނީ ރަސޫލާ އަރަފާތު ދުވަހުގެ ޚުތުބާ ދެއްވި މަގާމުގައި ބިނާކޮށްފައިވާ މަސްޖިދުލް ނަމިރާގައިއެވެ. އެ މިސްކިތަކީ މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ. ހައްޖުވެރިން މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ ހުކުރުގެ ނިޔަލަށެވެ.