މިދިޔަ މަހު ސިނަމާތަކުގައި ރިލީޒްކުރި, އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ނެޓްފްލިކްސްގައި ޕްރީމިއާކޮށްފިއެވެ.
މި ފިލްމު ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ފަށާފައި މިވަނީ ފިލްމު ރިލީޒްކުރިތާ 56 ދުވަސް ފަހުންނެވެ. ސަލްމާން ޚާނާއެކު ބަތަލާ ރަޝްމިކާ މަންދަންނާ ފެނުނު "ސިކަންދަރު" ފިލްމަށް އުއްމީދުކުރި ވަރަށް ތަރުހީބު ނުލިބުނު ނަމަވެސް ފިލްމު ވަނީ ބޮކްސް އޮފީހުގެ 100 ކްރޯޑު ކުލަބުން ޖާގަ ހޯދާފައެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް އޭއާރު މުރްގަދޯސް ޑައިރެކްޓްކުރި މި ފިލްމުގެ ކާސްޓުންގެތެރޭ ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ސަންޖޭ ކަޕޫރު، ނަވާބު ޝާހު، ޕްރަތީކް ބައްބަރު އަދި ސަތިއަރާޖް ވެސް ހިމެނެއެވެ.
ޖުމްލަ 200 ކްރޯޑު ރުޕީސް (23.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމު ސިނަމާތަކުގައި އެޅުވި ދުވަހު ފިލްމު ވަނީ އޮންލައިން ޕްލެޓްފޯމްތަކުގައި ލީކުކޮށްލާފައެވެ. އެހެންކަމުން އުއްމީދުކުރި ވަރަށް ފިލްމަށް އާމްދަނީ ލިބިފައެއްނުވެއެވެ.

ސަލްމާން ޚާން ފިލްމު "ސިކަންދަރު"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ނަމަވެސް ފިލްމު އުފައްދަން ކުރި ޚަރަދު ފޫބެއްދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވަރަށް ވަރުގަދައަށް ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށްގެންދިޔަ ނަމަވެސް މި ފިލްމުގައި ސަލްމާން ޚާން ދެއްކި އެކްޓިން ހުނަރަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
މިއީ މިހާތަނަށް ސަލްމާން ޚާންގެ އެންމެ ކަމުނުދާ ޕާފޮމެންސް ފެނުނު ފިލްމު ކަމަށާއި ސަލްމާންގެ ފިލްމީ ކެރިއަރަށް ނިމުން އަންނަނީ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ރަސްމީކޮށް ސަލްމާންގެ ކުރިއަށްހުރި ފިލްމުތައް އިއުލާނު ނުކުރި ނަމަވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެކްޓަރު ވަނީ "ކިކް 2" އަދި ފިލްމު "ޓައިގާ ވާސަސް ޕަތާން"އަށް ސޮއިކޮށްފައެވެ.
މީގެ އިތުރުން ސަލްމާން ވަނީ އެކްޓަރު ސަންޖޭ ދަތާއެކު ވެސް ފިލްމަކަށް ސޮއިކޮށްފައެވެ.