މިދިޔާ މާރިޗް މަހު އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީއެއް އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ދުވަހު، އެ އިދާރާގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު އޭނާގެ ދެ ސްޓޫޑެންޓް ލޯނަކަށް ފައިސާ ދެއްކި ކަމަށް, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ން ކުރި ދައުވާގައި ބުނެފިއެވެ.
ނޮވެންބަރު 19، 2023ގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް އައްޔަނުކުރި ޝަމްއާން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި މިދިޔަ މާރިޗް މަހުގެ 20 ވަނަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ އެއް ދުވަސް ފަހުން އޭނާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް ފަހު، މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޕީޖީ އޮފީހުން ރޭ ވަނީ، ޝަމްއާނާއި އޭނާއާ ބައިވެރިވާ އިމިގްރޭޝަން މުވައްޒަފުންތަކެއް ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަތުން، އޭނާއަށާއި އެ މުވައްޒަފުންނަށް ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ އަމަލުތަކުން މާލީ މަންފާ ހޯދައި އެ ފައިސާ އަތުގައި ބަހައްޓައި އޭގެއިން މުއާމަލާތްކޮށް, ލޯންޑަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރާ ދައުވާތައް ހާމަކޮށްފައެވެ.
އޭގެ ތެރެއިން ޝަމްއާނަށް ކުރާ ދައުވާތަކަކީ:
- ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުން)
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުން)
- މަނީ ލޯންޑަރިން (އަސާސީ އަދަބު: އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން)
އެ ދައުވާތަކުގައިވާ ގޮތުން، މާރިޗް 11 ވަނަ ދުވަހު، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމެންޓަށް އެންގުމެއް ނެތި، އިމިގްރޭޝަންގެ އުސޫލުތަކާ ޚިލާފަށް ތިން މުވައްޒަފަކަށް ޝަމްއާން އިރުޝާދު ދީފައިވެއެވެ. އެއީ މި މައްސަލައިގައި ދައުވާކޮށްފައި ތިން އޮފިސަރެއް ކަމަށްވާ ގ.ހެޕީސައިޑް، އިބްރާހީމް އަޙްމަދާއި މ.ހަޒާރީވިލާ، އަޙްމަދު ލައްސާނާއި ތ.ބުރުނި، މޫނިމާގެ މުޙައްމަދު އަލްސަން އިސްމާއީލަށެވެ.
އެ މީހުންނަށް ޝަމްއާން ދިން އިރުޝާދަކީ ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށާއި، ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި ރެއިޑެއް ކުރިއަށްގެންދިޔުމަށެވެ.

އިމިގްރޭޝަން އޮފިސަރުންގެ އޮޕަރޭޝަނެއްގެ ތެރެއިން: އޮފިސަރުންތަކެއް މަގާމުގެ ނާޖާއިޒު މަންފާ ހޯދި މައްސަލައެއް ފުލުހުން ދަނީ ބަލަމުން -- ފޮޓޯ/ އިމިގްރޭޝަން
އެ އޮފިސަރުން އެ ރޭ ފަރީދީމަގުގައި ހުންނަ މ. އޯރްމަންގޭގެ ގްރައުންޑް ފްލޯއަށް ގޮސް، ދޮރުގައި ޓަކި ޖެހުމަށްފަހު، "އިމިގްރޭޝަން ޗެކް" އަކަށް އައީކަމަށް ބުނެ، އެ ގޭގެ ތެރެއަށް ވަދެ ގެ ބަލައި ފާސްކޮށް ހަދައި، އެ ތަނުގައި ގިނަ ފައިސާތަކަކާއެކު ބިދޭސީން ތިބިކަމުގެ މައުލުމާތު ޝަމްއާނަށް ދިން ކަމަށް ދައުވާގައިވެއެވެ. އެއާއެކު، އިމިގްރޭޝަންގެ ބިދޭސީން ދިރުއުޅޭ ތަންތަން ރެއިޑް ޖެހުމަށް ވިލަރެސްކުރެވިފައިވާ ޑިޕާޓްމަންޓުގެ މުވައްޒަފުން އެތަނަށް ދިއުމަށް ޝަމްއާން އެންގި ކަމަށާއި، އެ މީހުން ގޮސް، 530،000 ރުފިޔާއާއެކު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މައިނުއްދީން ހިފެހެއްޓި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެ ދައުވާގައިވާ ގޮތުން، އެ ފައިސާގެ ތެރެއިން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އެންގިއެވެ. އެ އެންގުމަށް އިބްރާހީމް އަހުމަދު ފައިސާ ފޭރުނު ކަމަށާއި މާރިޗް 13 ވަނަ ދުވަހުގެ 3:00ހާއިރު އޭނާ އެ ފައިސާ ޝަމްއާނަށް ގެންގޮސްދިން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެ ފައިސާގެ ތެރެއިން 400،000 ރުފިޔާ އޭނާ ބަލައިގަނެ، އޭނާގެ އަތުގައި ބެހެއްޓުމަށްފަހު، ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކި ކަމަށް ދައުވާގައިވެއެވެ. އެއީ އެއް ލޯން އެކައުންޓަށް 149491.46 ރުފިޔާ އަދި ދެވަނަ ލޯން އެކައުންޓަށް 110345.59 އެވެ.
އެހެންވެ، އޭނާ ލޯޯންޑާ ކުރި ކަމަށް ތުހުމަތުވާ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި، އޭނާ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން އެދިފައިވެއެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީން ލޯ އެންފޯސްމެންޓްގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ޝަމްއާން، ކޮންޓްރޯލަރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އިމިގްރޭޝަންގައި 14 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވެއެވެ.
ޝަމްއާންގެ އިތުރުން އެ މައްސަލައިގައި ބަންދުގައި ތިބި އިމިގްރޭޝަންގެ ހަތަރު އޮފިސަރުންނަށް ކޮށްފައިވާ ދައުވާތަކަކީ:
- އިބްރާހިމް އަހުމަދު، ގ. ހެޕީ ސައިޑް
- ފޭރުމުގެ ކުށުގެ ދައުވާ
- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
- މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ
2. މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ ތ. ބުރުނި
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
3. ހަސަން ސެހެޝާން، ގ. ހެޕީ ސައިޑް
- ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
4. އަހުމަދު ލައްސާން، މ. ހަޒާރީވިލާ
- ފޭރުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގައި ކަމަށް އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ވަނީ ބުނެފައެވެ. އެގޮތުން ޝަމްއާނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތް ކަމަށް އިހުސާނަށް ގަބޫލުކުރެވޭތީ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ ކޮރަޕްޝަނުގެ ތުހުމަތުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް ޝަމްއާން ހިއްސާކުރުމުން، އެ މަނިކުފާނު ފިޔަވަޅެއް އަޅުއްވާފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ސަރުކާރުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.