ޝާހުގެ ފިލްމު 'ކިންގް'އަށް އަރަމުން އަންނަ ޒުވާން ތަރި ރާގަވް

އެކްޓަރު ޝާހްރުކް ޚާން އަދި ދާދިފަހުން ފިލްމު "ކިންގް"އާ ގުޅުނު ރާގަވް--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ހާއްސަ ރޯލަކަށް އިންޑިއާގެ މަޝްހޫރު ނެށުންތެރިޔާ ރާގަވް ޖުޔަލް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރާގަވް "ކިންގް"ގެ ރޯލަކަށް ސޮއިކޮށްފައި ވާއިރު ފާހަގަކޮށްލެވޭ ކަމަކީ ޝާހުގެ ދަރިފުޅު އާރްޔަން ޑައިރެކްޓްކުރާ ފުރަތަމަ ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ރޯލަކަށް ވެސް ރާގަވް ސޮއިކޮށްފައިވާ ކަމެވެ.

މި ފިލްމުގެ މަސައްކަތް މި މަހުގެ 21ގައި ފެށިފައިވާއިރު ރާގަވްއާ އެކު ފިލްމާ ދެން ގުޅިފައި ވަނީ ވަރަށް ގިނަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ސޯރަބް ޝުކްލާއެވެ. ސޯރަބް ވަނީ "ކިންގް"ގެ ކާސްޓާ އޭނާ ގުޅުނުކަން އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

ޝާހު ދަރިފުޅު ސުހާނާ ޚާންއާ އެކު އިޝްތިހާރެއްގައި--ފޮޓޯ/މިޑްޑޭ

ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ފިލްމު "ކިލް"ގައި ރާގަވް ދެއްކި ކުޅަދާނަ އެކްޓިންގް ހުނަރާ އެކު އޭނާއަށް ފިލްމު އިންޑަސްޓްރީއިން ވަރަށް ގިނަ ފުރުސަތުތައް އަންނަނީ ލިބެމުންނެވެ.

ދާދިފަހުން ކަރަން ޖޯހަރު ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނެފައި ވަނީ ރާގަވް އަކީ ހުނަރުވެރި ނެށުންތެރިއެއްގެ އިތުރުން އެކްޓު ކުރުމުގެ ހުނަރު ވަރަށް ރަނގަޅަށް ލިބިފައިހުރި ޒުވާނެއް ކަމަށާއި ފިލްމު އިންޑަސްޓްރީގައި ރާގަވްގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

ރާގްވް އާއި ސޯރަބް "ކިންގް"ގެ ޓީމާ ގުޅިފައިވާއިރު ދެ ތަރިން ފެންނާނީ ކޮންކަހަލަ ކެރެކްޓާއަކުން ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޝާހްރުކް ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏާއި މަޝްހޫރު ޑައިރެކްޓަރު ސިދާތު އާނަންދުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ "ކިންގް"އިން ޝާހުގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް ތައާރަފުވާނެއެވެ.

މި ފިލްމުގެ ޓީމާ ދާދިފަހުން ގުޅުން ތަރިންގެތެރޭ ދީޕިކާ ޕަދުކޯން، ރާނީ މުކަރުޖީ، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، އަރުޝަދު ވާރުސީ، ޖެކީ ޝްރޮފް، ޖައިދީޕް އަހުލަވާތު އަދި އަބޭ ވަރުމާ ހިމެނެއެވެ.

comment ކޮމެންޓް