ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވައިދުން ކުލި ދައްކަނީ އެންމެ ތިން ހާހެއްހައި ޔުނިޓުގެ ވެރިން ކަމަށާއި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު ހަތް ސަތޭކަ މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް, ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "ސަން"އިން އެޗްޑީސީގައި އެދުނު މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނީ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 ކަމަށެވެ.
އޭގެ ތެރެއިން އަދިވެސް، އަމިއްލަ ކުރަން، ކުލި ދައްކަން ޖެހޭ ޔުނިޓުތަކުގެ ގޮތުގައި 8،318 ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް މައުލޫމާތު ދިނެވެ.
ނަމަވެސް އެޗްޑީސީން ބުނީ، އެ އަދަދުގެ ތެރެއިން ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށެވެ.
ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެއާއެކު، މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728،193،616.18 ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ އެއް މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުލި ނުދައްކާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ވެރިންނަށް ކުލި ދެއްކުމަށް އަންގައި، ޕޭމަންޓް އެޑްވައިސް ކޮންމެ ތިން މަހަކުން އެ ކޯޕަރޭޝަނުން ދެމުން އަންނަ ކަމަށެވެ.
ސޯޝަލް ހައުސިން ޔުނިޓުތަކުގެ ފްލެޓް އެގްރިމަންޓުގައި، ގަވައިދުން ކުލި ނުދައްކާނަމަ ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިދީފައި އޮވެއެވެ.
ނަމަވެސް މިއަދު އެޗްޑީސީން ބުނީ، ގަވާއިދުން ކުލި ނުދައްކައިގެން މިހާތަނަށް ސޯޝަލް ހައުސިންގެ ދަށުން ދެވިފައިވާ އެއްވެސް ފްލެޓެއް އަތުލާފައި ވެސް ނުވާ ކަމަށެވެ.
ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށްފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.
އެއަށްފަހު، މިހާރުގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަ ވެސް ކޮށްދެއްވައިފައެވެ.
އެޗްޑީސީއިން ތަރައްގީކުރާ ހުޅުމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާ ވަހިކަމުގެ މައްސަަލަ ހައްލުކުރަން ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގައިފައިވާ ތަނެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ނިންމުމަށްފަހު، އެ ތަނުގައި ފުރަތަމަ ފްލެޓް ތަރައްގީކުރެއްވިއެވެ. އޭގެ ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގިއެވެ.
އެންމެ ބޮޑު މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއެވެ.