"ކުލި ދައްކާކަށް ނުޖެހޭ، ނުވެސް ދައްކާނަން،"
ހިޔާ ފުލެޓެއްގައި އަނބިމީހާއާ އެކު އުޅޭ 29 އަހަރުގެ މީހަކު ގާތުގައި ކުލި ނުދައްކަނީ ކީއްވެހޭ އަހައިލީމާ ބުންޏެވެ. ހަމަ ގައިމު ވެސް ކުލި ދައްކައިގެން ހަމަޖެހިލައިގެން އުޅުމުގެ ތަނަވަސްކަން ލިބިފައި ހުރި މީހެކެވެ. އެކަމަކު، ކުލި ދައްކަން ބޭނުން ނުވަނީއެވެ.
"އަހަރެން މި އުޅޭ ފުލެޓުގެ ބެލްކަނީން ބަލައިލީމާ އެބަފެނޭ އެއް ބަޔަކަށް ހިލޭ ބަހާލައިފައި އޮތް ގޯތިތައް. އެއީ، 15،16 މިލިއަން ރުފިޔާ ކޮންމެ މީހަކަށް. ހަމަ، ހިލޭ ބަހާލާފައި. އެއްވެސް އެއްޗެއް ނާތުލާ. އެކަމަކު، މި ކުޑަކުޑަ ތަންކޮޅަށް އަހަރެންވީ ކުލި ދައްކަން ދޯ؟" ފާޑަކަށް ރުޅި އަތުވެފައި ހުރެގެން އޭނާ ބުންޏެވެ.
"މަށަށް ސަރުކާރުން ދަރާފައި އޮތް ވަރު އެނގޭތަ؟ އެކިއެކި ޕްރޮޖެކްޓްސްތަކަށް. އެކަމަކު، އެ ވާހަކައެއް ނުދެއްކޭނެ ކަލޭމެންނަކަށް ވެސް،"
ބޯހިޔާވަހިކަމަކީ އަސާސީ ހައްގެކެވެ. ދައުލަތުގެ މައްޗަށް އޮތް ވާޖިބެކެވެ.
ކުލި ނުދައްކާ އުޅޭ އެހެން މީހަކާ އެ ސުވާލުކުރީމާ ދިނީ ތަފާތު ޖަވާބެކެވެ. "އެންމެން ދައްކަންޏާ މަ ވެސް ދައްކާނަން،" ކިޔާފައި ޖަހައިލީ ހިނިގަނޑެކެވެ. އެއީ މާ ބޮޑު ކަމެއް ނޫނެވެ. މައްސަލައެއް ވެސް ނޫނޭ ބުނާ ކަހަލައެވެ.
މާލޭގެ ހުރިހާ އިޖުތިމާއީ މައްސަލައެއް ގޮސް ނިމެނީ މި ބޮޑު ކާރިސާގެ ތެރެއަށެވެ. ހައްތަހާ ވެސް އެ ގަހުން ފަޅާފައި ހުރި ގޮފިތަކެވެ. އެއް ކޮޓަރި ތެރޭ ފިތިބާރުވެގެން 10،15 މީހުން އުޅެން ޖެހުމާއި އެ ކަމާ ހުރެ ޖެހޭ އާއިލީ މައްސަލަތަކުގައި 'ބޯގޮވާ' މީހުންނެވެ. އެކަމަކު، އެ ނިކަމެތި އާއިލާތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 68 އިންސައްތަ ހޭދަކުރަނީ ކުއްޔަށެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2019 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުގެ ގޭބިސީއަކުން އެވްރެޖުކޮށް މަހެއްގެ މައްޗަށް 37،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަދި، ގޭބިސީގައި އުޅޭ ކޮންމެ މީހަކު އެވްރެޖްގޮތެއްގައި 7،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.
އޭގެ ބޮޑު ބަޔަކީ ޒަރޫރީ ކަންކަމެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދެވެ.
60 އިންސައްތަ މީހުން ކުލި ނުދައްކާ، ނުލިބި 700 މިލިއަން
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "ސަން"އިން އެޗްޑީސީގައި އެދުނު މައުލޫމާތުތައް ހާމަކުރުމުން އެނގުނީ އެ ކުންފުނިން ބަލަހައްޓައި 8،511 ފުލެޓުގެ ތެރެއިން އަމިއްލަ ކޮށްފައިވަނީ އެންމެ 193 ފުލެޓު ކަމެވެ. ބާކީ ފުލެޓުތަކުގެ ތެރޭގައި ގިނައީ ކުލި ނުދައްކާ މީހުންނެވެ. އެ މައުލޫމާތުން އެނގޭ ގޮތުގައި:
- ކުލީގެ ގޮތުގައި 728 މިލިއަން ރުފިޔާ ނުލިބި އެބައޮތް
- އެންމެ ފުލެޓަކުން އެކަނި ވެސް އެއް މިލިއަން ރުފިޔާ ނުދައްކާ އެބައޮތް
- ގަވާއިދުން ކުލި ނުދައްކާ 5،099 ފުލެޓު ރިކޯޑުކުރެވިފައި އެބައޮތް
- ގަވާއިދުން ކުލި ދައްކާ ކަމަށް ރިކޯޑުކުރެވިފައިވަނީ އެންމެ 3،219 ތަނުން
ކުލި ނުދައްކަނީ ހަމައެކަނި އާންމުންނެއް ނޫނެވެ. މަހުޖަނު ވިޔަފާރިތަކަށް ހުޅުމާލެއިން ދޫކޮށްފައި ހުރި ބިންތަކަށް ވެސް 1.2 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. އެ ފައިސާ ހޯދަން މަޖިލީހުން އަންނަނީ މަސައްކަތްކުރަމުންނެވެ. ފިޔަވަޅުތަކެއް ވެސް އަޅައިފިއެވެ.
ކުލި ނުދައްކަނީ ކީއްވެ؟
ހިޔާ ފުލެޓަށް ދައްކަންޖެހެނީ 5،000 ރުފިޔާއަށްވުރެ ކުޑަކުޑަ އަދަދެކެވެ. ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކަށް ދައްކަން ޖެހެނީ 6،500 ރުފިޔާއެވެ. އެއީ، ކިހާ ކުޑަކުޑަ އަދަދެއް ހެއްޔެވެ؟ އެ ނުދައްކަންވީ ކީއްވެ ހެއްޔެވެ؟ އެއީ، އެއްބަސްވެގެން ތިބި ގޮތް ނޫން ހެއްޔެވެ؟
"ހިޔާ ފުލެޓު ވަރު ތަނަކަށް އަހަރެން އެބަ ދައްކަން 15،000 ރުފިޔާ. ދެން މި މީހުން ކޮން ގަދައެއް ހަދާކަށް. ހުރިހާ ތަނެއް އަތުލަންވީ،" ކުލި ނުދައްކާ މީހުން ދެކެ ރުޅި ގަދަވެފައި ހުރި ރައްޓެއްސަކު އިއްޔެ ބުންޏެވެ.
ކުލި ނުދައްކާ އެކި މީހުންގެ އޮތީ އެކި ބަހަނާއެވެ. އެކި ސަބަބެވެ.
ސަރުކާރުތަކުން ބޯހިޔާވަހިކަމަށް އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކުރެއެވެ. ކުލި ނުދައްކާ އެ މީހުން އެ އުޅެނީ ދައުލަތުން ބިލިއަނުން ޚަރަދުކޮށްގެން ހަދާފައި ހުރި ބިނާތަކުގައެވެ. އެއީ، ބޯހިޔާވަހިކަމުގެ އަސާސީ ހައްގު ކަށަވަރުކޮށްދޭން ދަރަނި ނަގައިގެން ކުރާ ކަންކަމެވެ. އެއީ، އެންމެންގެ ފައިސާއެވެ.
އެހެންވީމާ އެކަކު ކުލި ނުދެއްކިޔަސް އެ އަރައިގަނެވެނީ އެތައް ބައެއްގެ ހައްގަށެވެ. އެ ބުރަ އުފުލަން ޖެހެނީ ރައްޔިތުންގެ ފައިސާއިންނެވެ. އެހެން މީހުންގެ ބޯހިޔާވަހިކަމަށް ޚަރަދުކުރަން ހުރި ފައިސާއިންނެވެ.
ދިރާސާކުރަން ޖެހޭ މައްސަލައެއް
ހިޔާ ފުލެޓަށް ކިތަންމެ ކުޑަ ކުއްޔެއް ނެގިޔަސް، އޭގެ އެއް ފަޅީގައި އެންމެ ބައި ރުފިޔާ ވެސް އަތުނުލާ ހިލޭ ދީފައި އެ އޮތް ބިންތައް އެންމެންނަށް ވެސް ފެންނާނެއެވެ. އެއީ، އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުމުގައި ކޮށް ނިންމާފައި އޮތް ކަމެކެވެ. އެއިން ފައިދާވީ މަދު ބަޔަކަށެވެ. ބޯހިޔާވަހިކަމުގެ ކާރިސާ ވީ ބޮޑެވެ.
"ވެރިން ޒިންމާދާރު ނޫން މުޖުތަމައެއްގެ އާންމުން ވެސް ޒިންމާދާރު ނުވާނެއެެވެ. ނުކުރެވޭނެއެވެ. އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފުލެޓުތައް ކުއްޔަށް ދިނުމާއި ކުލި ނުދެއްކުމަކީ އޭގެ ސަބަބުތައް ހޯދާ ބަލައި ދިރާސާ ކުރަންޖެހޭ، އަޅުގަނޑުމެންނަށް އެނގޭ މިންވަރަށް ބަލާލިޔަސް ސަބަބުތައް އެހާ ގިނަ، ހައްލު ކުރަން ޖެހޭ މައްސަލައެކެވެ،" ފުލެޓުވެރިންގެ ހައްގުގައި ވަކާލާތުކުރާ 'ކޮމޮނާސް'ގެ ފައުންޑަރު މިދުއަމް ސައުދު ލިޔުއްވާފައި އޮތެވެ.
"މި މައުޟޫޢަށް ވާހަކަ ދައްކާއިރު މިފަދަ ކަމަކީ އެ ކަމެއްގެ ވަށާހުރި ހުރިހާ މައްސަލަތައް ހައްލުނުވެ، ހައްލު ނުކުރެވޭނެ ކަންކަން ވެސް ދަންނަން ޖެހެއެވެ،"
އޭނާ ވެސް އެ ވިދާޅުވަނީ މި ބުނާ ގޯތިތަކުގެ ވާހަކައެވެ. އެއް ބަޔަކަށް 1،250 އަކަފޫޓުގެ ބިން ހިލޭ ދީފައި، އެ ތަނުގެ ކައިރީގައި، އެ ތަންތަން ފެންނަ ހިސާބުގައި ހުރި 62،000 ޑޮލަރުގެ ފުލެޓަށް ފައިސާ ނަގަން އުޅުނީމާ އެކަން ތަންފީޒުކުރަން ދަތިވާނެއެވެ. އެ ވާނީ އުނދަގޫ ކަމަކަށެވެ.
މިދުއަމް ގަބޫލުކުރާ ގޮތުގައި ކުލި ނުދައްކާ މައްސަލައަށް އޮތީ އެންމެ ހައްލެކެވެ.
އެއީ، ފުލެޓުތައް ބެލެހެއްޓުން ޔޫނިއަންތަކަށް ދޫކޮށްލުމެވެ. އެ ތަންތަން ބެލެހެއްޓުމާއި މެއިންޓެއިން ކުރުން ވެސް އެ މީހުންނަށް ދޫކޮށްލުމެވެ. 'ނޭމް އެންޑް ޝޭމް' އުސޫލެއްގެ ތެރެއިން ކުލި ނުދައްކާ މީހުން ވަނަވަރު އާންމު ކުރުމެވެ. އެ ނޫން ގޮތަކަށް މި ރާއްޖޭގައި އެކަން ކުރެވޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.
"އެ ހަގީގާތް ގަބޫލު ކުރަމާ ހިނގާށެވެ. ކުރިން އެކަން ކުރެވެން އޮތީ މި ދެންނެވި ގޮތަށެވެ. އަދިވެސް ދެން ވެސް މި ނޫން ގޮތަކަށް މިކަން ނުކުރެވޭނެއެވެ!" އެ ލިޔުމުގައިވެއެވެ.
އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެބައޮތެވެ. އެއީ، ފުލެޓުތަކަށް ކުލި ނުދައްކާ އުޅެވިގެން ނުވާނެއެވެ. އެގޮތަށް އެއްބަސްވެގެން އެ ތަންތަނަށް ވަދެފައި ގަދަ ހަދައިގެން އުޅުނަ ދީގެން ނުވާނެއެވެ. އެ މީސްމީހުން އަތުން ފުލެޓުތައް އަތުލަން ޖެހޭނެއެވެ.
އެކަމަކު، އެކަން ކުރެވޭނީ ވަށައިގެން ހުރި ބޭއިންސާފުތައް ވެސް ހައްލުކޮށްދީފައެވެ.