އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއް ހިމަނައިގެން ގެނެސްދޭ ފިލްމު "ހައުސްފުލް 5"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި އަހަރު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ތަރޫން މަންސުކާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ކުރިއަށް އޮތް ޖޫން މަހުގެ ހަ ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމަށް ނިންމާފައި ވަނީ "ހައުސްފުލް 5" އަދި "ހައުސްފުލް 5 އޭ"ގެ ނަމުންނެވެ.
ކްރޫޒުލައިނާއެއްގެތެރޭ ހިންގާ ގަތުލު އާއްމަކާ އެކު ގާތިލު ހޯދަން ކުރާ މަސައްކަތްތަކާ އެކު ދިމާވާ ހެއްވާ މަޖާ ހާދިސާތައް މި ފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ. މި ފިލްމުގެ ޓީޒާ ތަންކޮޅެއް ކުރިން ރިލީޒްކުރުމާ އެކު ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ފިލްމުގެ ޓީޒާ އަށާއި ފިލްމުގެ ލަވަތަކަށް ވަނީ ލިބިފައެވެ.

ފިލްމު "ހައުސްފުލް 5"ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އަދި އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/ޒޫމް
މި ފިލްމުގެ ދެ ވާޝަންއެއް ސިނަމާއަށް ގެންނަން ނިންމާފައިވާއިރު ދެ ވާޝަންގައި ވެސް އުޅެނީ ތަފާތު ދެ ގާތިލުން ކަމަށާއި ފިލްމުގެ އެންމެ ފަހު 20 މިނެޓުގައި ވެސް ގާތިލަކީ ކާކުކަން ދެނެގަންނަން ފަސޭހަ ނުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިފަދަ އުފެއްދުންތެރި ޚިޔާލަކާ އެކު ފިލްމެއް ސިނަމާތަކަށް ގެނެސްދެވޭނެ ހަމައެކަނި ޕްރޮޑިއުސަރަކީ ސާޖިދު ނަދިއަދުވާލާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އަކްޝޭ ކުމާރުގެ އިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ ތަރިންގެތެރޭ އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑެޒް، ނަރުގިސް ފަޚުރީ، ފަރުދީން ޚާން، ނިތިކިން ދީރް، ރަންޖީތު، ޖޯނީ ލީވާ، ނާނާ ޕަޓޭކަރް، ޖެކީ، ޝްރޮފް، ސޯނަމް ބަޖްވާ، ސަންޖޭ ދަތު، ސައުންދަރިއާ ޝަރުމާ، ޗަންކީ ޕާންޑޭ، ޗިތުރަންގަދާ ސިންގް އަދި ޑީނޯ މޯރިއާ ހިމެނެއެވެ.