ބޮލީވުޑް އެކްޓަރު ވަރުން ދަވަން ލީޑް ރޯލް ކުޅޭ ހެއްވާ މަޖާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" މި އަހަރު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފިއެވެ.
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީއާއި ޑޭވިޑް ދަވަން އަހަރުތަކަކަށް ފަހު އެކީގައި މަސައްކަތްކުރާ މި ފިލްމަކީ ޓިޕްސް ފިލްމްސްގެ އުފެއްދުމެކެވެ. ވަރުން ދަވަން، ޕޫޖާ ހޭގްދޭ އަދި މްރޫނާލް ތާކޫރު މުހިއްމު ރޯލަކުން ފެންނާނެ މިހާރުގެ ޒުވާނުންނަށް ކަމުދާނެ ކަހަލަ ހެއްވާ މަޖާ ހާދިސާތަކެއް ގެނެސްދޭނެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމު މި އަހަރު ބެލުންތެރިންނަށް ގެނެސްދިނުމަށް ކުރިން ޕްލޭންކުރި ނަމަވެސް ވަރުންގެ ފިލްމު ޝެޑިއުލް ހުރިގޮތުން ފިލްމަށް ވަގުތު ދެވެން އަންނަނީ އަންނަ އަހަރު ކަމަށާއި އެހެންވެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް ކަމަށް ބުނެފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 10 އެވެ.

ވަރުން ދަވަން ބައްޕަ ޑޭވިޑް ދަވަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ވަރުން ވަނީ މީގެ ކުރިން ވެސް ބައްޕަ ޑޭވިޑް ދަވަންގެ ކޮމެޑީ ފިލްމުތަކުގައި ލީޑް ރޯލް ކުޅެފައެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ވަރުން ކުޅުނު ފިލްމު "މޭ ތެރާ ހީރޯ"، 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޖުޅްވާ 2" އަދި 2020ގައި ގެނެސްދިން "ކޫލީ ނަމްބަރު 1" ހިމެނެއެވެ.
މިދިޔަ އަހަރު ފިލްމު "ބޭބީ ޖޯން"އިން ބެލުންތެރިންނަށް ފެނުނު އެކްޓަރު އަންނަނީ މިހާރު ވެސް އިތުރު ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ، ބަތަލާ ޖާންވީ ކަޕޫރާ އެކު މަސައްކަތް ފަށާފައިވާ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަދި ސަނީ ޑިއޯލް މުހިއްމު ރޯލް ކުޅޭ ވަޠަނީ ފިލްމު "ބޯޑާ 2" ހިމެނެއެވެ.