ދެ ޖެޓްސްކީ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ޑިފެންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ވަކިވަކިން ކޮށްފައިވާ އިއުލާނުތަކެއްގައި ވަނީ، އެކި ބާވަތުގެ ސާމާނުތައް އެ މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ މިނިސްޓްރީން ހޯދަނީ:
- ދެ ޖެޓްސްކީ
- ލޭޒާ އެންގްރޭވިން މެޝިނެއް
- އިންޓަރެކްޓިވް ސްމާޓް ބޯޑެއް
- ސައުންޑް ސިސްޓަމެއް
- 10 މޮޓޯ ސައިކަލު
- ޓީވީތަކެއްގެ
- ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ބޭނުންވާ ރާޑަރު ސިސްޓަމްތަކަކާއި އެކްސެސަރީސް
- ލައިފްޖެކެޓު
- 25 ލެޕްޓޮޕް
- ޑިޖިޓަލް ޕްރިންޓިން މެޝިން
އެތަކެތީގެ އިތުރުން ވެހިކަލެއް މަރާމާތު ކޮށްދޭނެ މީހަކު ވެސް ބޭނުންވާ ކަމަށް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
އެތަކެތި ސަޕްލައި ކޮށްދޭން ބޭނުންވާ މީހުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ. އެކި ތަކެއްޗަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އެ އެ ދުވަހުގެ އެކި ވަގުތުތަކަށެވެ.
މިނިސްޓްރީން ވަނީ، އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން އިއުލާނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެދިފައެވެ.
މިނިސްޓްރީން ހޯދަން އިއުލާނުކުރި ބައެއް ތަކެތި ސަޕްލައި ކުރުމަށް އަންދާސީ ހިސާބު ހުށަހަޅާއިރު، ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ. އެ ބިޑް ސެކިއުރިޓީ ހުށަނާޅާނަމަ އަންދާސީ ހިސާބު ބާތިލުވާނެ ކަމަށް އިއުލާނުގައިވެއެވެ. އެގޮތުން:
- 10 މޮޓޯ ސައިކަލަށް 286 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް
- 25 ލެޕްޓޮޕަށް 250 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން
- ރާޑަރު ސިސްޓަމްތަކާއި އެކްސެސަރީސްއަށް 370 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް
- ލައިފްޖެކެޓަށް 270 ރުފިޔާގެ ބިޑް ސެކިއުރީއެއް ހުށަހަޅަން
ސަރުކާރު އިދާރާތަކަށް ތަކެތި ސަޕްލައިކޮށްދޭނެ މީހުން ހޯދަން ދޭތެރެއަކުން އިއުލާނުކުރެއެވެ.
ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ތަކެއް ކުރަމުން ދާކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ތަކެއް ތުރުކީން ގެނެސްފައެވެ. އަދި، މިފަހުން ދިވެހި އަސްކަރިއްޔާއަށް ވަނީ އާ ވެހިކަލްތަކެއް ވެސް ގެނެސްފައެވެ.
އެގޮތުން ގެނައި ޓޭންކަރުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވީ، އިގުތިސާދީ ގޮތުން ގައުމު މިއަދު މިއޮތް ދަތި ހާލަތުގައި ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި ޑްރޯން އަދި މިސައިލް ފަދަ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.