މި ފެންވަރުގެ ވަޒީރުންގެ ޓީމެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ: ޝާހިދު

ކެބިނެޓު މީޓިންއެއްގައި ވަޒީރުން: މިހާރު އޮތް ފެންވަރުގެ ވަޒީރުންގެ ޓީމެއް ދުނިޔޭގެ އެހެން ގައުމަކުން ނުހޯދޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައި ----- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ ވަޒީރުންގެ ޓީމް ފަދަ ފެންވަރު ރަނގަޅު ވަޒީރުންތަކެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ ކަމަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ، ވަޒީރުންނަކީ ވަކި ރަށަކުން، ވަކި ނަސަބަކުން އަންނަން ޖެހޭ ބަޔެއް ނޫން ކަމަށެވެ. އެއީ މާކުރީގެ ކަމެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ވަޒީރުކަން ކުރެވޭނީ ވަކި އާއިލާއަކަށް ނިސްބަތްވެގެން ނޫން ކަމަށެވެ.

މިސާލެއްގެ ގޮތުން، ޝާހިދު ފާހަގަކުރެއްވީ މިހާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އެގޮތުން، ކުރީ ސަރުކާރުގައި ވެސް ވަރުގަދަ މިނިސްޓްރީތަކެއް ހިންގެވި އާދަމް ޝަރީފް ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ވެސް ޚިދުމަތުގައި ހުންނެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޝާހިދު (ޝާޑު) ---- ފޮޓޯ/ ޕީއެންސީ

އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ވަޒީރުންގެ ގާބިލުކަމެއް ނެތް ކަމަށްބުނާ ވާހަކައަށް ވެސް ޝާހިދު ރައްދުދެއްވިއެވެ.

ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ މިހާ ފެންވަރު ރަނގަޅު މިހާ އިޚުލާސްތެރި، މިހާ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، މިހާ ހިތްވަރުގަދަ ވަޒީރު ބޭފުޅުންނެއްހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)

ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރު ހަވާލުވުމަށް ފަހު ކެބިނެޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައްވައި، އެ މިނިސްޓްރީގެ ހިންގުން ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބާ ހަވާލު ކުރެއްވިއެވެ. އަދި ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު، ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމަށް ބަދަލުކުރައްވައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި ޑރ. މަރްޔަމް މާރިޔާ، އެގްރިކަލްޗާ މިނިސްޓަރުކަމަށް ބަދަލުކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި މޫސާ ޒަމީރު ވެސް ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީއަށެވެ. ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަބްދުﷲ ޚަލީލް ވެސް ފުރަތަމަ އައްޔަންކުރެއްވީ ހެލްތު މިނިސްޓްރީއަށެވެ. ފަހުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ކުރިން ރައީސް އޮފީހުގައި ހުންނެވި, ކުރިން ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމެވެ.

ފުރަތަމަ ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު ޝަފީގު ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފައެވެ. ޒަމީރު އެ މަގާމަށް އައްޔަންކުރީ އެހެންވެއެވެ.

comment ކޮމެންޓް