ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިންޓާނަލް އިއުލާނެއްގައި ވަނީ، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލެވޭނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު، މެންދުރު 12:00ގެ ނިޔަލަށް ކަމަށެވެ. އެ މަގާމަށް ފުލުހުންގެ ތެރެއިން ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަނަރު ކަނޑައެޅުމުގެ ކުރިން، އެ މަގާމަށް ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކުރެއެވެ. އެއަށްފަހު ކޮމިޝަނަރަކު އައްޔަން ކުރާނީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީމް މަހުގެ 26ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭނާ އިސްތިއުފާދެއްވީ، މިދިޔަ މާޗު މަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެ، ޝުޖާއުގެ އިސްތިއުފާއަށް ޒުވާނުން ގޮވާލައިފައި ވަނިކޮށެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއު އާއި ނަވީންނެވެ.