ދިނޭޝް ވީޖަންގެ ފިލްމަކަށް ޝްރައްދާ ސޮއިކުރަނީ

ބަތަލާ ޝްރައްދާ ކަޕޫރު -- ފޮޓޯ/ ބޮލީވުޑްހަންގާމާ

މިފަހަކަށް އައިސް ހިޓު ފިލްމުތަކެއް ސްކްރީނަށް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވީޖަން އަދި ޑައިރެކްޓަރު ލަކްޝްމަން އުތޭކަރުގެ ފިލްމަކަށް ބަތަލާ ޝްރައްދާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ޝްރައްދާ ވަނީ މި ފިލްމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށް މެޑޮކް ފިލްމްސް އޮފީހަށް ވެސް ދާދިފަހުން ޒިޔާރަތްކޮށްފައެވެ.

މި ބައްދަލުވުމުގައި ދިނޭޝް އާއި ލަކްޝްމަންގެ ކުރިއަށް އުފައްދަން ގަސްތުކުރާ ފިލްމުގެ ވާހަކައިގެ ނެރޭޝަން ޝްރައްދާއަށް ކިޔައިދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސްކްރިޕްޓް އަޑު އެހުމަށްފަހު ޝްރައްދާއަށް ފިލްމުގެ ސްޓޯރީ ވަރަށް ބޮޑަށް ކަމުގޮސްފައިވާ ކަމަށާއި ފިލްމަށް ސޮއިކުރާނެ ކަމުގެ ފެހި ސިގްނަލް ބަތަލާ ދީފައިވާ ކަމަށް ޕިންކްވިލާއިން ވަނީ ބުނެފައެވެ.

ޝްރައްދާ ފިލްމު "އިސްތިރީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

ރިޕޯޓުތައް ބުނާގޮތުން ދިނޭޝް އާއި ލަކްޝްމަން އުފައްދާ މި ފިލްމަކީ މަރާޓީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބަތަލާ ޝްރައްދާ ފިލްމަށް ގެންނަން ނިންމާފައިވާއިރު ފިލްމުގެ ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ އިންޑަސްޓްރީގެ އޭ-ލިސްޓު ތަރިއެއް ކަމަށް ޕިންކްވިލާއިން ވަނީ ބުނެފައެވެ.

ޝްރައްދާ އަކީ މީގެކުރިންވެސް މެޑޮކް ފިލްމްސްއާ އެކު މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެ ފިލްމު ޕްރޮޑަކްޝަންގެ އެންމެ ކާމިޔާބު ފްރެންޗައިސް "އިސްތިރީ" ހިމެނެނީ ޝްރައްދާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭގައެވެ.

މި އަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޗާވާ"އަށްފަހު މެޑޮކްސްއިން އަމާޒު ހިފާފައި ވަނީ ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކެއް މި އަހަރު ފެށުމަށެވެ.

އެގޮތުން ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ ތިން އެކްޓަރުން ލީޑް ތަރިންގެ ގޮތުގައި ހިމަނައިގެން ފިލްމެއް އުފެއްދުމަށް ވިސްނާފައިވާ ކަމަށް ދިނޭޝް އާއި ލަކްޝްމަންއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް