ކުޅިވަރު ވުޒާރާގެ އޮޑިޓު: ޚަރަދުތަކުގެ ލިޔެކިޔުމެއް ނެތް، ކޮރަޕްޝަނާއި ފަރުވާކުޑަވުމުގެ އިންތިހާ

2018ވަނަ އަހަރުން 2023ވަނަ އަހަރާ ހަމައަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މަހުލޫފް -- ފޮޓޯ/ މަޖިލިސް

އޮޑިޓާ ޖެނެރަލް އޮފީހުން ދާދިފަހުން ވަނީ ސްޕޯޓްސް މިނިސްޓްރީގެ 2018 އިން 2023އަށް ކުރި ޚަރަދުތަކާ ގުޅޭ ފިތްކަނޑައިގެންދާވަރުގެ ވާހަކަތަކެއް ތިލަކޮށްފައެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި ދަނޑުތަކާއި މަސައްކަތްތަކުގެ ޚަރަދުތަކާ ގުޅޭ ކޮރަޕްޝަނުގެ ގިނަ ކަންތައްތަކެއް މި އޮޑިޓު ރިޕޯޓުގައި ވަނީ ހާމަކޮށްދީފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ގިނަ ވާހަކަތަކެއް މި އޮޑިޓު ރިޕޯޓުގައި ހިމަނާފައިވާއިރު، ވުޒާރާއިން ވަނީ 16 ކުޅިވަރު އެސޯސިއޭޝަނަކަށް 2018ވަނަ އަހަރުން ފެށިގެން 36.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް ދޫކޮށްފައިވާ ފައިސާތަކުގެ ލިޔެކިޔުމެއް ނެތް

އެސޯސިއޭޝަންތަކަށް ދޫކޮށްފައިވާ ފައިސާ ޚަރަދުކުރުމުގައި އަމަލުކުރެވޭނެ ގޮތް، މިނިސްޓްރީން އެސޯސިއޭޝަންތަކަށް އަންގާފައިވާ ކަމުގެ ލިޔެކިޔުން ފެންނަން ނެތް ކަމަށް ރިޕޯޓުގައިވެއެވެ. އެ ގޮތަށް ކަންކަން ހިނގާފައިވާއިރު، ބައެއް އެސޯސިއޭޝަންތަކުން، މި ފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ ބައެއް ލިޔެކިޔުންތައް ބަލަހައްޓާފައިނުވާއިރު، ބައެއް އެސޯސިއޭޝަންތަކުގެ ލިޔެކިޔުންތަކަށް ތަކުރާރުކޮށް އެދުމުންވެސް އޮޑިޓް އޮފީހަށް ހިއްސާކޮށްފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި އެސޯސިއޭޝަންތަކުން މިގޮތަށް އަމަލުކޮށްފައި ހުރީ މިނިސްޓްރީން ވެސް މިިކަން މޮނިޓާކޮށްފައިނުވާތީއެވެ.

2018 ވަނަ އަހަރު އެސޯސިއޭޝަންތަކަށް ހަވާލުކޮށްފައިވާ ފައިސާތަކުގެ ތަފުސީލު

މަޝްރޫއަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް ކޯޑު ނޫން އެހެން ކޯޑެއްގައި ޚަރަދު ރިކޯޑުކޮށްފައިވުން

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ތަކަކީ ކޮންމެ މަޝްރޫއަކަށް ފާސްކުރެވުނު ބަޖެޓާއ،ި އެ ބަޖެޓުން ކުރެވުނު ޚަރަދުތަކާ އަދި އެ މަޝްރޫއެއްގެ ބަޖެޓުގެ ބާކީ ވަކިން ދެނެގަތުމުގެ ބޭނުމުގައ،ި ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިން ސިސްޓަމް (އެސްއޭޕީ)ގައި ކޮންމެ މަޝްރޫއަކަށް ވަކި ޕްރޮޖެކްޓް ކޯޑެއް ކަނޑައަޅައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

ރައްޔިތުންގެ މަޖިލީހުން އެއަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައިވެސް އެ މަޝްރޫއަކަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް ކޯޑު ހިމަނާފައިވެއެވެއެވެ. މިގޮތުން މަޝްރޫއުތަކަށް މިނިސްޓްރީން ކުރާ ޚަރަދުތައް އެސްއޭއޭޕީގައި ރެކޯޑު ކުރާއިރު، އެ މަޝްރޫއަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓު ކޯޑުގެ ދަށުން ޚަރަދުތައް ހިމެނުމަކީ ކޮންމެ މަޝްރޫއަކަށް ހިނގާ ޖުމުލަ ޚަރަދާއ،ި ބަޖެޓުގެ ބާކީ ދެނެގަތުމަށް ކުރާ ކަމެކެވެ.

އެހެންނަމަވެސް، މިނިސްޓްރީން ހިންގަމުންދާ ބައެއް މަޝްރޫއުތަކުގެ ޚަރަދުތައް ޕަބްލިކް އެކައުންޓިން ސިސްޓަމު (އެސްއޭޕީ)ގައި ރިކޯޑުކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ނޫންކަމަށް އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވެއެވެ. މިގޮތުން އެ މަޝްރޫއަކަށް ކަނޑައަޅާފައިވާ މަޝްރޫއު ކޯޑުގައި ރިކޯޑުކުރުމުގެ ބަދަލުގައި އެހެން މަޝްރޫއެއްގެ ކޯޑުގައި ރިކޯޑުކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

"މިގޮތަށް ރިކޯޑުކުރަމުންގެންދާނަމަ އެ މަޝްރޫއަކަށް ހިނގާފައިވާ ޚަރަދުތަކުގެ ޖުމުލަ އަދަދާއި ތަފުސީލު ފަސޭހައިން އެނގެން ނޯންނާނެކަން ފާހަގަކުރަމެވެ." ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ވަނީ އޮޑިޓުގައި ބެލި މަޝްރޫއުތަކުގެ ތެރެއިން ރަނގަޅު ނޫން ކޯޑެއްގައި ޖުމުލަ ހަތް މަޝްރޫއެއް ރިކޯޑުކޮށްފައިވާކަން ފާހަގަކޮށް އެކަން އާންމުކޮށްފައެވެ.

އޮޑިޓު ރިޕޯޓުގައި ހާމަކޮށްފައިވާ 7 މަޝްރޫއު

މީގެއިތުރުން މަޝްރޫއުތަކުގެ އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމުން ވޭރިއޭޝަންގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. މިނިސްޓްރީން 2018ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އޮޑިޓް ސާމްޕަލުގެ ގޮތުގައި ބެލި 129 މަޝްރޫއުގެ ތެރެއިން 19 މަޝްރޫއުގައި މަސައްކަތް ހަވާލުކުރެވޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެއެވެ. މިގޮތުން، އެއްބަސްވެފައިވާ އަގަށް ވޭރިއޭޝަންގެ ގޮތުގައި ޖުމުލަ 10.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

ޚަރަދުކުރި ނަމަވެސް ބައެއް ޔޫތު ސެންޓަރުތައް ބޭނުންކޮށްފައި ނެތުމުގެ މައްސަލަ

ކުޅިވަރު ކުޅުމަށާއި ޒުވާނުންގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިނިސްޓްރީން ޔޫތު ސެންޓަރުތައް ގާއިމުކޮށްފައިވެއެވެ. މިނިސްޓްރީން ޔޫތު ސެންޓަރުތައް ގާއިމުކޮށްފައިވާ ރަށްތަކުގެ ލިސްޓެއް ހޯދައި މި ލިސްޓުގައި ހިމަނާފައިވާ ރަށްތަކުގެ ޔޫތު ސެންޓަރުތަކުގެ ހާލަތާބެހޭ މައުލޫމާތު ހޯދުމަށް އޮޑިޓަރުންވަނީ ކައުންސިލުގެ އިދާރާތަކަށް އޮޑިޓް މަރުހަލާތެރޭގައި ސިޓީ ފޮނުވާފައެވެ.

މިފަދައިން އޮޑިޓު އޮފީހުން ހޯދާފައިވާ މައުލޫމާތަށް ބަލާއިރު ބައެއް ޔޫތު ސެންޓަރުތަކުގެ މަސައްކަތް ވަކި ހިސާބަކަށް ގެންދިއުމަށްފަހު ހުއްޓާލާފައިވާކަމާއި ބައެއް ޔޫތު ސެންޓަރުތައް ބިނާ ކުރުމަށްފަހު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަށް ބަޔާންކޮށްފައިވެއެވެ.

"މިހެން މިކަން ދިމާވެފައިވަނީ މިނިސްޓްރީން ރަށްރަށުގައި ޔޫތު ސެންޓަރުތައް އިމާރާތްކުރުމުގެ ކުރިން އެތަންތަން ބޭނުންކުރާނެ ގޮތްތައް ކަނޑައަޅާފައި ނުވުމުންނާއި އެ ރަށްރަށުގައި މިފަދަ މަރުކަޒެއްގެ ބޭނުންތެރިކަން ހުރި މިންވަރު މަސައްކަތް ފެށުމުގެ ކުރިން ވަޒަންކޮށްފައިނުވުމުން" ރިޕޯޓުގައިވެއެވެ.

މީގެ ސަބަބުން ދައުލަތުގެ ފައިސާ އިސްރާފުވެފައިވާކަމާއި މި މަރުކަޒުތައް އަލުން ބޭނުން ކުރަން ފެށޭނީ އިތުރު މަރާމާތުތައް ކޮށްގެންކަމުން މިކަމަށް ދައުލަތުން އިތުރު ޚަރަދުތަކެއް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް