އެތުލީޓުންގެ ކުޅިވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދުމަށް އަހަރަކު ގިނަވެގެން ތިން ލައްކަ ރުފިޔާ ކޮންމެ އެތުލީޓަކަށް ދޫކުރެވޭހެން ގަވައިދެއް އާންމުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން އާންމުކުރި އެ ގަވައިދުގެ މަގުސަދެއް ކަމުގައި އޮތީ، ރާއްޖޭގައި ވާދަވެރި ކުޅިވަރު ކުޅޭނެ އެތުލީޓުންނަށް ސަރުކާރުގެ ޚަރަދުގައި ކުޅިވަރުގެ ދާއިރާއިން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމެވެ.
އޭގެއިތުރުން، އެތުލީޓުންގެ ތަމްރީނުތަކަށް އެހީތެރިވުމަށް ބޭނުންވާ ޓެކްނިކަލް އެކްސްޕާޓުން ތަމްރީނު ކުރުމުގެ ކަންކަން ހަމަހަމަކަމާ އެކީ ތަންފީޒުކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ދުވުމެއްގައި ބައިވެރިންތަކެއް ދުވަނީ: އެތުލީޓަކަށް ކުޅިވަރުން މަތީ ފެންވަރުގެ ތަމްރީނު ހޯދުމަށް އަހަރަށް ތިން ލައްކަ ދޫކުރެވޭ ގަވައިދެއް --- އޭއޭއެމް
'އަރުތަ ޕްރޮގްރާމު'ގެ ނަމުގައި އާންމުކޮށްފައިވާ އެ ގަވައިދުގައި ވަނީ، ޕްރޮގްރާމުގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށެވެ.
އޭގެތެރެއިން ބައެއް ޝަރުތުތަކަށް ބަލާއިރު، ދިވެހި ރައްޔިތެއް ކަމުގައިވުމާއި ގައުމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެފައިވާ އެތުލީޓަކަށް ނުވަތަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ އެތުލީޓުންނަށް ވުން ހިމެނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅާ އެޓުލީޓަކީ 35 އަހަރު ފުރިފައިނުވާ މީހަކަށް ވާންޖެހެއެވެ. އެ ޕްރޮގްރާމުގެ ދަށުން ބައިވެރިވެވޭނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ނުވަތަ އެ ކުޅިވަރެއްގެ ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ގަބޫލުކުރާ ތަމްރީނު ޕްރޮގްރާމުތަކުގައެވެ.
އެ ޕްރޮގްރާމަށް ސަރުކާރުން ޚަރަދުކުރާނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށްވާއިރު، މި ގަވައިދުގެ ދަށުން އަހަރަކު ގިނަވެގެން އެތުލީޓަކަށް ދޫކުރެވޭނީ ތިން ލައްކަ ރުފިޔާ ކަމަށް ގަވައިދުގައިވެއެވެ.
ގަވައިދުގައި ވަނީ، އެ ޕްރޮގްރާމުގައި ބައިވެރިވާން ފޯމު ހުށަހަޅަނީ މިނިސްޓްރީން އެކަމަށް އިއުލާނު ކުރުމުން ކަމަށެވެ.
އެފަދަ ގަވައިދެއް ސަރުކާރުން އާންމުކުރިއިރު، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ތަފާތުނުކޮށް ބޮޑު މުސާރައެއް މި އަހަރު ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، މުސާރަތައް ވަނީ ބޮޑުކޮށްފައެވެ.
މިނިސްޓްރީން ވަނީ، ބޮޑުވެފައިވާ އަދަދު، މިދިޔަ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމަޔަށް ކުޅުންތެރިންނާއި އޮފިޝަލުންނާއި ޕެރަ އެތުލީޓުންގެ އެލަވަންސްގެ ގޮތުގައި ޖަމާކުރުމުގެ މަަސައްކަތް ކުރަމުުންދާ ކަމަށް އޭރު ބުނެފައެވެ.