ހުޅުމާލެ ފުލެޓުތަކަށް 60 ޕަސެންޓު މީހުން ކުލި ނުދައްކާތީ އާންމުން ރަތަށް!

ހިޔާ ފްލެޓު: ހުޅުމާލެ ފުލެޓުތަކަށް 60 ޕަސެންޓު މީހުން ކުލި ނުދައްކާތީ އާންމުން ރަތަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގައި ދިރިއުޅޭ 60 ޕަސަންޓު މީހުން ގަވައިދުން ކުލި ނުދައްކާ މައްސަލައިގައި އާންމުން 'ރަތަށް' އަރައިފިއެވެ.

"ސަން"އިން އެދުނު މައުލޫމާތު ދެމުން, ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އިއްޔެ ބުނި ގޮތުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވައިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިންނެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ކުލި ނުދައްކާ މީހުން ފްލެޓްތަކުން ނެރުމުގެ ބާރު އެގްރީމެންޓުން އެޗްޑީސީއަށް ލިބިދީފައި ވީނަމަވެސް މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ސޯޝަލް ހައުސިން ޔުނިޓްތަކަކީ ބޮޑެތި ލޯނުތައް ނަގައިގެން ސަރުކާރުން ތަރައްގީ ކޮށްފައިވާ ތަންތަނެވެ. އެތަންތަނުގައި ދިރިއުޅޭ ގިނަ މީހުން ކުލި ނުދެއްކި ނަމަވެސް ދައުލަތުން ލޯނަށް ފައިސާ ދައްކަން ޖެހެއެވެ. މިއީ އެޗްޑީސީ އާއި ދިވެހި ސަރުކާރަށް އޮތް ބޮޑު ބުރައެކެވެ.

"ސަން" އިން މި ޚަބަރު އިއްޔެ ރިޕޯޓް ކުރުމާއެކު އާޓިކަލްއަށް ކުރި ކޮމެޓުތަކާއި ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

https://sun.mv/206557

ސަބަބަކީ ގިނަ މީހުން އުޅެނީ ސަރުކާރުގެ ކޮންމެވެސް ހައުސިން ސްކީމަކުން ފުލެޓެއް ނޫނީ ގޯއްޗެއް ހޯދަން ކުރިމަތި ލައިގެންނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ރާއްޖޭގައި އެހާ ބޮޑުއިރު އާންމު ކޮންމެ ރައްޔިތަކަށް ވެސް ސޯޝަލް ހައުސިން ސްކީމަކުން ފުލެޓެއް ލިބުމަކީ ބޮޑު އުއްމީދެކެވެ. އެތައް ބަޔަކަށް އަދިވެސް އެފަދަ ނަސީބެއް ނުލިބި، ބޮޑެތި ކުލި ދައްކައިގެން އެޕާޓްމަންޓުތަކުގައި އުޅެން ޖެހިފައި ވުމަކީ އަދުގެ ހާލަތެވެ.

ކަން އެހެން އޮއްވައި، ސޯޝަލް ހައުސިން ސްކީމުގައި އުޅޭ ބޮޑު އިންސައްތައެއްގެ މީހުން ކުލި ނުދެއްކުމަކީ އެ މީހުންނަށް އިންސާފަކަށް ނުވެއެވެ. އެކަން އެނގުމާއެކު އާންމުން އެރީ 'ރަތަށެވެ'.

ކުލި ނުދައްކާނަމަ ފުލެޓު އަތުނުލެވެނީ ކީއްވެ؟ އެއީ އެހެން ރައްޔިތުންގެ ހައްގު

މި ނޫހުން އިއްޔެ ލިޔުނު ޚަބަރަކަށް ކޮމެންޓު ކުރި މީހަކު ބުނި ގޮތުގައި ކުލި ނުދައްކާ މީހުންގެ ފުލެޓު އަތުލަންޖެހޭނެއެވެ. އެ ފުލެޓުތަކުން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް އޮތުމަކީ މުޅި ދިވެހީންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށާއި ގެއްލިގެން ދަނީ އެތައް ރައްޔިތުންގެ ހައްގެއް ކަމަށް އޭނާ ބުންޏެވެ. ދައުލަތުގެ މުދާ ވަކި ބަޔަކަށް ލިބޭގޮތަށް އޮވެގެން ނުވާނެ ކަމަށާއި އެ ގެއްލިގެން ދަނީ އޭނާގެ ވެސް ހައްގުކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

"ވަކިބަޔަކަށް ތިން ކޮޓަރީގެ ފުލެޓް އެއްކޮށް ފިނިޝިން ނިންމާ 6،000 ރުފިޔާއަށް އަތަށް ތަޅުދަނޑި ދީފައި، ދެން ތިބި މީހުންނަށް ހުޅުމާލެ ފޭސް2ކުން ހިލޭ ބިން ދީފައި، ޖެހިގެން އޮތް ބިން ރައްޔިތު މީހާއަށް މިލިއަނުން ވިއްކާފައި، މީ ކޮންކަހަލަ އިންސާފެއްތޯ؟ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަ ވާނެ. ސަރުކާރުތަކުން ރައްޔިތުންނާއިމެދު މިފެންވަރަށް ކަންތައް ކޮށްގެން ނުވާނެ،" ކޮމެންޓުކުރި މީހަކު ބުންޏެވެ.

ހުޅުމާލެ -- ފޮޓޯ/ ޔޫއެންޑީޕީ

އަނެއް ބަޔަކު ވަނީ ފްލެޓް ދިނުމުގައި ސަރުކާރުތަކުން ގެންގުޅެފައި ވަނީ ހަމަހަމަ އުސޫލަކަށް ނުވާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާ ފުލެޓުތައް ހެދީ އަމިއްލައަށް ކަމަށާއި، އެއީ ފަސް އަހަރުދުވަހަށް އާއިލާގެ ދެތިން މީހުންގެ ނަންމަތީ ބޮޑު އިންޓަރެސްޓްގައި ލޯނު ނަގައި ދަރާ ވިކިގެން ކަމަށް ބައެއް މީހުން ފާހަގަކުރިއެވެ.

ބައެއް މީހުން ބުނި ގޮތުގައި އެކަމުގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލު ވެސް އެބައޮތެވެ.

"ވޯޓެއް ނުލިބިދާނެތީ އެއްވެސް ސަރުކާރަކުން ފިޔަވަޅު އަޅާކަށް ނުކެރޭ!" ކޮމެންޓު ކުރި މީހަކު ބުންޏެވެ.

ސޯޝަލް ހައުސިން ޔުނިޓުތަކުގެ ފުލެޓް އެގްރިމަންޓުގައި، ގަވައިދުން ކުލި ނުދައްކާނަމަ ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިދީފައި އޮތްއިރު، ކުލި ނުދައްކާ ހާލަތުގައި އެ ފުލެޓު އަތު ނުލެވިގެން އުޅެނީ ކީއްވެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

"ދެން އަންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް، ސަރުކާރުން ނުދައްކާ ހުރި ކުލިތައް މާފުކޮށްލީމަ އެ ނިމުނީ. ކޮންމެ ސަރުކާރަކުން ވެސް ކަން ކުރާ ގޮތަކީ އެއީ،" ފާތިމަތު ރަބީއާ ކިޔާ މީހަކު ކުރި ކޮމެންޓެއްގައިވެއެވެ.

ހިޔާ ފްލެޓްތަކުގެ އެތެރެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނެއްބައެއްގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ނެތިގެން ހޯދާފައި ހުންނަ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދީފައި ހުންނަ މައްސަލައެވެ. ހިޔާ ފްލެޓްގައި ވެސް އެފަދަ އެތައް ތަނެއް އެބަ ހުއްޓެވެ.

ކަރަންޓާއި ފެން ބިލް ނުދައްކާނަމަ ވަގުތުން ޚިދުމަތް ކަނޑާލާއިރު ކުލި ނުދައްކާ މީހުން ނުނެރެނީ ކީއްވެގެންތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

ފޭސް ވަންގެ ފްލެޓްތަކަށް 6500 ރުފިޔާ ގެ ކުއްޔެއް ދައްކަން ޖެހޭއިރު ހިޔާ ފްލެޓްތަކަށް ދައްކަން މަހަކު ފަސްވަރަކަށް ހާސް ރުފިޔާއެވެ.

އެޗްޑީސީން ބުނީ ކީކޭ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "ސަން"އިން އެޗްޑީސީގައި އެދުނު މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނީ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 ކަމަށެވެ.

އޭގެ ތެރެއިން އަދިވެސް، އަމިއްލަ ކުރަން، ކުލި ދައްކަން ޖެހޭ ޔުނިޓުތަކުގެ ގޮތުގައި 8،318 ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް މައުލޫމާތު ދިނެވެ.

ނަމަވެސް އެޗްޑީސީން ބުނީ، އެ އަދަދުގެ ތެރެއިން ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށެވެ.

ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެއާއެކު، މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728،193،616.18 ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

https://www.sun.mv/187010

ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށްފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.

އެއަށްފަހު، މިހާރުގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަ ވެސް ކޮށްދެއްވައިފައެވެ.

އެޗްޑީސީން ތަރައްގީކުރާ ހުޅުމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލުކުރަން ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގައިފައިވާ ތަނެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ނިންމުމަށްފަހު، އެ ތަނުގައި ފުރަތަމަ ފްލެޓް ތަރައްގީކުރެއްވިއެވެ. އޭގެ ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގިއެވެ.

އެންމެ ބޮޑު މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއެވެ.

comment ކޮމެންޓް